ބޭރު ކުޅިވަރު

ފްރާންސް އަތުން ރޫމޭނިޔާ މޮޅުނުވާތާ 44 އަހަރު

ޔޫރޯ ފުޓްބޯޅަ މުބާރާތް މިރޭ ފަށައިދޭނީ މުބާރާތް ބާއްވާ ގައުމު ފްރާންސާއި ރޫމޭނިޔާ އެވެ. އަމިއްލަ ދަނޑުގައި ފްރާންސް މި މެޗަށް ނުކުންނައިރު އިދިކޮޅު ޓީމާ މެދު ވިސްނުމަށްވުރެ ބޮޑަށް ހުރީ އަމިއްލަ މައްސަލަތަކެވެ. މިއާ ހިލާފަށް ރޫމޭނިޔާ ޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެ އެވެ.

މި ދެ ގައުމު މިރޭގެ މެޗަށް ނުކުންނައިރު ރޫމޭނިޔާ އަށް އެންމެ ފަހުން ފްރާންސް ބަލިކުރެވުނީ 1972 ވަނަ އަހަރު އެވެ. އޭގެ ފަހުން 44 އަހަރުވެފައިވީ ނަމަވެސް ދެ ޓީމުގެ މިހާރުގެ ފޯމަށް ބަލާއިރު އެންމެ ބޮޑު ތަފާތެއް ފެންނަން އޮތީ ޑިފެންސާއި ފޯވަޑް ލައިނުގަ އެވެ.

މި ފަހަރުގެ ކޮލިފައިން މެޗުތަކަށް ބަލާއިރު އެންމެ ވަރުގަދަ އެއް ޑިފެންސް އޮތީ ރޫމޭނިޔާގަ އެވެ. އެމީހުން ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. އެކަމަކު ކޮލިފައިންގައި ނަމަކަށް ބައިވެރިވި ފްރާންސްގެ ޑިފެންސް މިހާރު އޮތީ ގޮތްނޭނގޭ ހާލަތެއްގަ އެވެ. އެންމެ ފަހު ވަގުތު ކުރިމަތިވި އަނިޔާގެ މައްސަލަތަކާހުރެ މިރޭ ފަހަތަށް ކުޅޭނީ ލޯރަންޓް ކޮޝިއެލްނީ އާއި އާދިލް ރަމީ އެވެ. މަމަޑޯ ސަކޯ އާއި ރަފޭލް ވަރާނޭ ފަދަ މުހިންމު ކުޅުންތެރިން އަނިޔާ އާއި އެނޫން މައްސަލަތަކުގައި ޓީމުން އުނިކޮށްފަ އެވެ.

"ހަގީގަތުގައި ބުނަންޏާ ބުނަންޖެހޭނީ އަހަރެން މިހުރީ ވަރަށް ފިކުރު ބޮޑުވެފައި. އަހަރުމެންނަށް ކުރިމަތިވި ހުރިހާ މައްސަލަތަކެއް ކުރިމަތިވީ ޓީމު ފައިނަލް ކުރި ފަހުން. އަހަރެން ހިޔެއް ވެސް ނުކުރަން މިހާ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް. ޓީމު ފައިނަލް ކުރި ފަހުން ދިމާވީ ހިތްދަތި ކަންތައްތަކެއް،" ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުންޏެވެ.

މި މުބާރާތަށް ފްރާންސް ކުރިމަތިލަނީ އެންމެ އިތުބާރު ފޯވަޑް ކަރީމް ބެންޒެމާ އާއި މިޑްފީލްޑަރު މެތިއު ވަލްބުއޭނާ ވެސް ނުލަ އެވެ. އެއީ ބްލެކް މެއިލް ކުރުމުގެ މައްސަލަގަނޑެއްގެ ތެރެއަށް ދެ ކުޅުންތެރިން ވެސް ގެނބިފައިވުމުން މަސްލަހަތަށްޓަކައި ޓީމުން އުނުކުރުމުންނެވެ.
މިއާ ހިލާފަށް މިރޭގެ މެޗަށް ރޫމޭނިޔާ އޮތީ ރަނގަޅަށް ތައްޔާރުވެ އެވެ. ފްލޮރިން އެންޑޯނޭ އާއި އޮވީޑޯ ހޯބަން ވެސް ވަނީ އަނިޔާއިން ސަލާމަތްވެ ޓީމާއެކު ރަނގަޅަށް ފަރިތަކުރަން ފަށައިފަ އެވެ.

ފްރާންސް އަތުން މޮޅުނުވާތާ އަހަރުތަކެއް ވިޔަސް ރޫމޭނިޔާގެ އުއްމީދު އާވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ޑްރޯއަކުން ނިންމާލެވިފައިވާތީ އެވެ. އެކަމަކު ފަރުވާތެރިވާން ޖެހޭ ކަމަކީ އެންމެ ފަހުން ފްރާންސްގައި މުބާރާތް ބޭއްވި ފަހަރު ފުރަތަމަ ބުރުން ރޫމޭނިޔާ ކަޓާފައިވުމެވެ.