ދައުލަތުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާ އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެއްޖެ އެވެ. މިރޭ ކްރިމިނަލް ކޯޓުން ޒިޔަތަށް އިއްވާފައިވަނީ 8 އަހަރުގެ ޖަލު ހުކުމެކެވެ. ހާމިދު ސޭޓަށް އިއްވާފައިވަނީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.
ޒިޔަތާއި ހާމިދުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައިވަނީ އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ ހާމިދު ހިއްސާވާ ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ.
ހިޔާނާތުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި މާބިންހުރާއިން ފަސް މިލިޔަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށާއި އޭގެ ބައެއް ފައިސާ ޖަމާކޮށްފައި ވަނީ އަދީބުގެ ބޭބެ، ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ކަމަށާއި އެގޮތަށް އަމަލުކޮށްފައި ވަނީ އަދީބު އަންގަވައިގެން ކަމަށާއި އޭގެތެރެއިން 1.5 މިލިޔަން ޑޮލަރާއި އަށް ލައްކަ ޑޮލަރު އަދީބުގެ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަންގެ އެކައުންޓަކަށް ޖަމާ ކުރި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި ޒިޔަތަށް މި ދައުވާގެ އިތުރުން ވެސް އެހެން ދައުވާއެއް ކުރެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ދަނީ ކުރިޔަށެވެ. ހާމިދުގެ މައްޗަށް އުފުލާފައިވަނީ މި ހިޔާނާތުގެ ދައުވާ އެކަންޏެވެ.
ސިއްރު އަޑުއެހުމަށް ގައި މިރޭ މި މައްސަލާގައި ހުކުމް އިއްވިއިރު ހަމަ މި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.