ރޯދަ މަހާ ރޯއްޖާ

އެހަނދާނުގައި: އަބްދުﷲ ހަމީދު

Jun 11, 2016
2

ދިވެހިރާއްޖެ އާއި ދިވެހިންގެ ތާރީހުގެ ފޮތް މުޅީން ފުރިހަމަ ވާނީ އެމަނިކުފާނުގެ ގައުމީ، ސިޔާސީ، އިލްމީ އަދި ބަރުލަމާނީ ހަޔާތާއި ހިދުމަތްތަކުގެ ވާހަކަ ލިޔެވިގެނެވެ. ސަބަބަކީ ދިވެހިރާއްޖެ ފެން މަތީގައި އޮތްހާ ދުވަހަކު، އަދި ދިވެހި ރަށްވެހިންގެ އެއްވެސް ބަޔަކު ދިރި ދުނިޔޭގައިތިބިހާ ހިނދަކު އަލްއުސްތާޒު އަބްދުﷲ ހަމީދުގެ ވާހަކަ އިން ކުރާ ޒިކުރާއަށް ނިމުން ނާންނާނެތީ އެވެ. އެހަނދާންތަކުގެ ފޮތް ލިޔަން އަޅުގަނޑު ވާނީ ވަރަށް ކުޑަކުޑަ "ހިންޏަ" ކަށެވެ. އެކަމަކު އަލްއުސްތާޒު އަބްދުﷲ ހަމީދާއި އަޅުގަނޑާ ގުޅިފައިވާ ބައެއް ތަޖުރިބާތައް އަޅުގަނޑުގެ މާޒީގެ ރޮނގު މަތީގައި އެބަހުއްޓެވެ. ސުރުހީއެއް އަޅައިލުން ކިއެއްތޯ އެވެ.

އަބްދުﷲ ހަމީދަކީ އަޅުގަނޑު ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ބައްޕަގެ އިތުރުން އާއިލާގެ އެހެން ބައެއް މެންބަރުންނާ ވެސް ހަމީދާއި މީނާޒު އާއިލާ ވަރަށް ގާތެވެ. އަޅުގަނޑުމެން ބޮޑެތިވެ ފިޔަފަޅައި ފަރާތް ފަރާތަށް "އުދުހި" ދިޔަ ފަހުން އެ ގާތް ކަން މިހާރު އޮތް މިންވަރު ބަލައިލެވިފައެއް ނެތެވެ. އެ އާއިލާއިން އަޅުގަނޑާ ރަހުމަތްތެރި ކަމެއް އޮތީ ހަމީދާއި އެމަނިކުފާނުގެ ބޭފުޅުންގެ ތެރެއިން ޔާސީން ހަމީދާއި ހަމްދޫން ހަމީދާއި ޝާހީން ހަމީދާއި އަދި ޑރ. ފާތިން ހަމީދެވެ.

އަބްދުﷲ ހަމީދު ލ. އަތޮޅަށް ކުރެއްވި އެއްވެސް ދަތުރެއްގައި މުންޑޫގައި އޭރު ހުރި އަޅުގަނޑުމެން އާދައިގެ ކުޑަކުޑަގެ، ރުއްކޮށީގެއަށް ވަޑައި ނުގަންނަވާ އަދި އަޅުގަނޑުމެންގެ ސުފުރާއިން ކޮންމެވެސް އެއްޗެއް ކޭން ނުބައްލަވާ ފަހަރަކު ވަޑައެއް ނުގަންނަވަ އެވެ. އެއިން ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ އާއިލާއާއެކު ވަގުތުކޮޅެއް ހޭދަ ކުރައްވާ ހީނ ސަމާސާ ކުރައްވާފައި ނޫނީ އެނބުރި މާލެއަށް ދަތުރުފުޅު ނުކުރައްވާކަން އަޅުގަނޑަށް މުޅީން ޔަގީނެވެ.

ހަމީދު އަޅުގަނޑާ ފުރަތަމަ ބައްދަލުވީ ރޭގަނޑެއްގެ އިރާކޮޅުގައި އަޅުގަނޑުމެންގެ ގެއިންނެވެ. އަޅުގަނޑާ ދައްތަ އާއި އަޅުގަނޑުގެ ކޮއްކޮއާ ތިން ބެއިން ތިބީ އަތް ބައްތީގެ އަލީގައި ވާދައަށް ފޮޅުވަތް ލިޔާށެވެ. އަޅުގަނޑުމެން ތިބި މޭޒު ދޮށަށް ވަޑައިގެން "އެންމެ ލިޔުން ރީތީ ކޮން ކުއްޖެއްހޭ" އެއްސެވި އެވެ. ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ރަށު ބަހުން "ރީއްޗަށް ލިޔާނޫ މަ" އޭ އަޅުގަނޑަށް ބުނެވުނެވެ. އޭރުވެސް އަޅުގަނޑުގެ "ބޮޑު އަނގައެއް" އޮވެ އެވެ. އަނެއް ދެބެއިން ރަކިވެފައި ތިބި ގޮތަށް ތިބީ އެވެ.

ހަމީދު ވަޑައިގެންނެވި އިރު އަޅުގަނޑަށް ބައްޕަ އަޅުއްވައި ދެއްވާފައި އޮތް ފޮޅުވަތުގެ ސޮފުހާ ނިމެނީ އެވެ. އެހެން "އަދި އެއް ފޮޅުވަތް މިރޭ ލިޔާންވާނެއޭ" ވިދާޅުވެފައި ފެހި ބަނޑޭރިގަނޑުލީ އަޅުގަނޑުގެ މޮނީޓަރު ފޮތުގައި ހަމީދުގެ އަތްޕުޅުން ފޮޅުވަތެއް އަޅުއްވައި ދެއްވި އެވެ. އެއީ އަޅުގަނޑަށް ވަރަށް ހާއްސަވި ފޮޅުވަތެކެވެ. ސަބަބަކީ ފަހުން މަދަރުސާއަށް ގޮސް އެ ފޮޅުވަތުގެ މޮޅު ވާހަކައިން "ފޮނި ކަނޑައިލާން" އަޅުގަނޑަށް ލިބުނީތީ އެވެ. ގާތްގަނޑަކަށް ހުރިހާ ކުދިންނަށް ކިޔައި ދެމެވެ. އެ ފޮޅުވަތުގެ މުހިންމު ކަމުންނެވެ. މި ދެންނެވި ފޮޅުވަތަކީ ހާށަވިޔަނީގެ ހުރިހާ އަކުރެއް އޭގައި ހިމެނޭ ގޮތަށް އަޅުއްވައި ދެއްވި ފޮޅުވަތެވެ.

އެ ހާއްސަ ފޮޅުވަތަކީ މިއަދާ ހަމައަށް ވެސް އަޅުގަނޑު ހަނދާނުން ފިލައި ނުދިޔަ، އަދި ދޭތެރެއަކުން ކިޔަލެވޭ، ބައެއް ފަހަރާ ގަލަމުގެ އާ ކަނޑާލަން ނޯޓް ފޮތުގެ ހަވާސާގައި ވެސް ލިޔެ ލެވޭ ފޮޅުވަތަށް ވެފައި އޮވެއެވެ.

އެއީ މިހެނެވެ؛ "ބޮޑު ބާޒާރުގައި ހުރި މޮޅެތި އެޗެހީގައި ސިލް ޖަހަންޏާ ޕޯސްޓް އޮފީހުގެ ވެރިޔަކު ވާނީ ދާށެވެ" މިއީ އަޅުގަނޑަށް އަޅުއްވައި ދެއްވި ފޮޅުވަތެވެ. މި ފޮޅުވަތް އަޅުއްވައި ދެއްވީ އަޅުގަނޑު ގެންގުޅުުނު ފިބާ ފާޑުގެ ކަޅު ދެލީގެ ބައިރޯއަކުންނެވެ. އަނެއް ދެބެއިންނަށް ވެސް ފޮޅުވަތް އަޅުއްވައި ދެއްވި އެވެ. އެ ދެބެންނަށް އަޅުއްވައި ދެއްވީ އަރަބި ބަހުން ލިޔެ އުޅޭ ގޮތެއް ކަމަށްވާ ދީވާނީ އަކުރުގެ ކެލިގްރެފީ ބޭނުން ކުރައްވައިގެން ހަމީދުގެ އަމިއްލަފުޅު ގަލަންކޮޅުންނެވެ. އެ ދެބެންނަށް އަޅުއްވައި ދެއްވީ އެއް ފޮޅުވަތެއްކަން އަޅުގަނޑަށް އެނގުނީ ރޭ އެ ދެބެންނަށް ގުޅާފައި އެހުމުންނެވެ އެއީ "ފަހާމަތުއް ރައީސް، އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް" މިހެނެވެ. މިތާނގައި "ފަހާމާ" އެ ލަފުޒް ބޭނުން ކުރައްވާފައި އެވަނީ "ހިޒްއެކްސެލަންސީ" ގެ މާނައިގަ އެވެ.

އެރޭ އެތަނުން ވަޑައިގެންނެވީ އަޅުގަނޑުމެން ގާތުގައި ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު އަޅުގަނޑުމެނަށް އަކުރު އަޅާން ތަފާތު އިރުޝާދުތައް ދެއްވުމަށް އިންނެވުމަށްފަހު އެވެ.

އޭގެ ފަހުން ވެސް ވަރަށް ގިނަ ފަހަރަށް ލާމަށް ވަޑައިގެން ގޭގައި ބައްދަލުވި އެވެ. އޭގެ ތެރެއިން އެއް ފަހަރެއްގައި ވަޑައިގެން އަޅުގަނޑު ކޮބައިތޯ ސުވާލު ކުރެއްވި އިރު އަޅުގަނޑު ހުރީ ކަމަކާ "ބޮޑާހާކައި" ގެނެވެ. އެއީ އެ ދުވަސްވަރު މުންޑޫގެ ގެއެއްގައި އަޅާ މާ މީރު މެޓައެއް ކާން ބޭނުން ވެގެނެވެ. މި ދެންނެވި މެޓާއަކީ ވަރަށް ބައިވަރު ހަކުރާ ރޯސް ސިރަޕް ޖޫހާއި އެސެންސް އެއްކޮށް ފިސާރިއަކު އޮލަކޮށް ކައްކައި ވަރުން އެރީމާ އެއަށް ކާކުލައިގެ ތިއްކެއް ވައްޓާލުމަށްފަހު ދޮލަނގެއްގެ މައްޗަށް އޮއްސާލައި ހިކެން ފެށުމުން ވަޅިއަކުން ތުތިމަހަށް ވާގޮތަށް ވަކިކޮށްލާފައި ހުންނަ ޓޮފީ ޒާތުގެ އެއްޗެކެވެ. ހަކުރުގެ އެ ފޮތި، އަޅުގަނޑުމެނަށް ވަނީ މާ މީރު މެޓައަކަށެވެ. ކާއްޓަކަށް 10 މެޓަ އެވެ. އެ ރޭޓުން ދެ ރުފިޔާ އަށް 10 މެޓަ އެވެ. މި ދެންނެވި ދުވަހު އަޅުގަނޑު ފޫކަހާފައި އިނީ އެ މެޓާ ގަންނާން ބޭނުންވެ އެކަން ނުވެގެނެވެ. އެހެންނާ އެއަކީ އަޅުގަނޑަށް ނުލިބޭ އެއްޗެއް ވެސް ނޫނެވެ. އެކަމަކު އެ ދުވަހު އެއެއް ނުލިބިގެން ވަރަށް ބޮޑާ ހޭކުނެވެ.

އަޅުގަނޑު "ގަލަކަށް" ވެފައި އިން ސަބަބު ހަމީދުގެ އަރިހުގައި ދެންނެވީ ހަނދާންވާ ގޮތުން އަޅުގަނޑުގެ މަންމަ އެވެ. އެ ވާހަކަ އަޑު އައްސަވާފައި ހަމީދު ވަރަށް ބޮޑަށް ހިނިފުޅު ވެޑުވި އެވެ. "ކަތީބު ތިޔަހެން ހައްދަވައިގެން ނުވާނޭ" ވިދާޅުވެފައި އަޅުގަނޑުގެ ބައްޕައަތަށް 100ރ. ދެއްވި އެވެ. އަދި ވިދާޅުވި އެވެ: "މިއަދު ކޮންމެހެން ވާނީ ތިޔަ މެޓާ ދޮލަނގު އެކަށް ގަނެގެން މިގެއަށް ގެންނާށޭ" އެވެ.

ސަތޭކަ ރުފިޔާއާއެކު ކަރު މައްޗަށް ޖަހައިގެން ބާރަކަށް ދުވުނީމެވެ. އަޅުގަނޑާއި ކޮއްކޮ އަލީ އެވެ. މިހާރު ސިފައިންގޭގައި ބަޑީގެ ހެއްވެކެވެ. އޭރު ނިކަމެތި ކޮށް ހުރި އެ އަލީ މިހާރު އަޅުގަނޑަށްވުރެ އެތައް ތަނެއް ބިޔަ އެވެ. އަޅުގަނޑުމެން ދެބެން ވެގެން ބޮޑު މެޓާ ދޮލަނގު ފަރަންޖީ ކަރުދާސް ގަނޑަކަށް ކަހާލައިގެން އައިސް ދެމީހުން ވެގެން ކައިކައި އަނގަ ފޮނުވިގެން ފޫހީވީ އެވެ. ދެން ބެހެއްޓީ އެވެ. އަޅުގަނޑުމެން މެޓާ ކަރުދާސްގަނޑު ވަށާލައިގެން ކާޅު ބައިގަނޑެއްހެން އުޅުނު މަންޒަރު ބައްލަވާފައި ހަމީދު ވަރަށް ހިނފުޅުވެޑުވި އެވެ. "ރީތިކޮށް ލިޔާ ކުދިންނަށް އަދިވެސް ހަދިޔާ އޮންނާނެ" އޭ ވިދާޅުވި އެވެ.

ތިން ވަނަ ފަހަރަށް އަޅުގަނޑުމެންގެ ގެއިން ހަމީދާ ބައްދަލުވި އިރު އަޅުގަނޑު އުޅެނީ ލ. އަތޮޅު މަދަރުސާގަ އެވެ. އޭރު އަޅަނޑުމެންގެ ގެވެސް ހުރީ ހިސާބަކަށް ޒަމާނީ ވެފަ އެވެ. އެހެންވެ އެގޭގައި ހަމީދު ހުންނަވާނެ ކޮޓަރިކޮޅެއް ވެސް ހުރެއެވެ. މިއީ ރުއްކޮށީގެއިން އަޅުގަނޑާ ހަމީދާ ބައްދަލުވި ފަހު ފަހަރެވެ. އޭގެ ފަހުން ދެން މުޅީން ވެސް ބައްދަލުވީ މާލެއިންނާއި ނޫސްވެރިކަމުގެ އެކި އެކި ދަތުރުތަކުގައި ރަށްރަށުންނެވެ.

މިދެންނެވި ދަތުރުގައި ވަޑައިގެންނެވި އިރު އަޅުގަނޑާއި ކޮއްކޮއާ އުޅުނީ އޭރު އަތޮޅު މަދަރުސާގެ ހައުސްތަކުގެ މެދުގައި އޮތް ބައިތުބާޒީ މުބާރަތަކަށް ފަރިތަ ކުރުމުގަ އެވެ. ވަޑައިގެންނެވިއިރު އަޅުގަނުމެން ތިބީ މާބައިދޫގަ އެވެ. ދެމެދަށް ކަނޑެއް އޮވެފައިމެ ކައިރީގައި އޮންނަ އެ ރަށުން އަޅުގަނޑުމެނަށް އާދެވުނީ އެރޭގަ އެވެ. އާދެވުނީ އިޝާ ވަގުތަށެވެ. އެރޭ އިޝާ ނަމާދު ކުރީ ހަމީދާއެކު އެއް ޖަމާއަތެއްގަ އެވެ. ނަމާދަށް ފަހު އަޅުގަނޑުމެނާއެކު ވަގުތު ހޭދަ ކުރެއްވި އިރު ބައިތުބާޒީގައި އަޅުގަނޑުމެނަށް އެންމެ ބައިތު މަދުވާ ށ. ގެ ބައިތުތަކެއް ދަސްކޮށްދެއްވި އެވެ. އޭގެ ތެރެއިން އެއްބައިތު އަޅުގަނޑުގެ ހިތާ ވަރަށް ކައިރީ އެބައޮވެ އެވެ. ހަނދާނަކުން ނުމެފިލި އެވެ. އެއީ ކޮން ބޭފުޅެއްގެ ޅެންބައިތެއް ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެ އެވެ. އެކަންވޭތޯ މަސައްކަތްކޮށްލައިގެން ވެސް ދަން ބޭފުޅަކާ ދިމައެއް ނުތްވެވެ.

އެބައިތުގައި ބުނަނީ މިހެނެވެ:

ށޭ ކުރާ އިތުބާރު ނަފުސަށް ދޭ ހަމަލަ ހިނދު ދުޝްމަނުން!
މޭ ގުޑާ ނުމެލައި ހުރިއްޔާ އޭނު ފަހަތަށް ފަތަހަށް ދާނެނީ!

ފަހުން ހަމީދާ އަޅުގަނޑާ ބައްދަލުވީ މާލެ އައި ފުރަތަމަ ދަތުރުގައި މީނާޒުންވެ. އެދުވަހު އަޅުގަނޑަށް ވަރަށް އަގުހުރި ނަސޭހަތް ދެއްވި އެވެ. އޭގެ ފަހުން ނޫސްވެރިއެއްގެ ގޮތުގައި ވަރަށް ގިނައިން ހަމީދާ އަޅުގަނޑާ ބައްދަލުވި އެވެ. އޭގެ ތެރެއިން ދެ ފަހަރަކު އެ ބައްދަލުވުންތަކުގެ އަރިމަތިން އަބަދުވެސް ހިތްވަރު ދެއްވާ، ސާބަސް ދެއްވާ ހައްދަވަ އެވެ. ބައެއް ފަހަރު އަޅުގަނޑު ލިޔެފައި ހުންނަ ހަބަރުތަކާއި ރިޕޯޓްތައް ވިދާޅުވާ ކަމަށާއި ތިކި ޖަހާންވާ ތަންތަނުގައި ތިކި ނުޖަހައި ލިޔާތީ ހިތަމާ ކުރައްވާ ކަމަށް ވިދާޅުވެ "އެކަމަކު އެވެސް އާ ބަދަލެއް ދޯއޭ" ވިދާޅުވި އެވެ.

އަޅުގަނޑު ދުށް ހަމީދަކީ ވަރަށް މަޑު މައިތިރި، އެހާމެ ހިތްހެޔޮ، އަދި ކެތްތެރިކަމުގައި ދެވަނައެެއް ނެތްފަދަ ބޭފުޅެކެވެ. މީހުންނަށް ކަމޭ ހިތްތަވާ، ރަނގަޅު ތަނުގައި އަދި ހެޔޮ ވަގުތުގައި މީހުނަށް ދޭންވާ ޖާގަ ދެއްވާ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ސާދާ ބޭފުޅެކެވެ. ދުލުގެ ފަސޭހަ ކަމާއި ފުދޭކަން ބޮޑެވެ. މެދު މިނެއްގައި މާނާ ހުރި ސަމާސާ ވެސް ކުރައްވާ ބޭފުޅެކެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމަނިކުފާނުގެ ހަޔާތްޕުޅުގައި މުޅީން ކޮންނެވީ ރީތި ފަހެވެ.

އަޅުގަނޑު ހިތުން ހަމީދުގެ އަތްޕުޅުން އަޅުގަނޑަށް ލިބުނު އެންމެ ފޮނި އަދި އެންމެ އަގު ބޮޑު މެޓައަކީ އެ މަނިކުފާނުގެ އަތްޕުޅުން އަޅުގަނޑަށް އަޅުއްވައި ދެއްވި ފޮޅުވަތުން އަޅުގަނޑު ފަށައިގަތް ލިޔުންތެރި ކަމާއި ނޫސްވެރި ކަމެވެ. އަދި އެމަނިކުފާނުގެ އަރިހުން އަޅުގަނޑަށް ލިބުނު އެންމެ އަގުހުރި ފިލާވަޅަކީ ދަސްކޮށް ދެއްވި ޅެން ބައިތުގެ އެމުނި އެކުލެވުމުން ނުކުމެގެން އައިސް އަޅުގަނޑު ވަށައިލާ ގަދަފަދަ ބާރެވެ. އަދަބިއްޔާތުގެ ހަގުން އަޅުގަނޑަށް ނުބިނދެވުނު މޭވާއަކީ ޅެންވެރި ކަމެވެ. އެކަމު ގިއްޗަށް ވިސްނައިލުމުން އެ ޅެންބައިތުގައި ބުނާ ކަމަށް އަޅުގަނޑަށް ދޭހަވި ވާހަކަ މީހެއްގެ ހަޔާތާ ގުޅުވަފިނަމަ އެއީ އެމީހަކަށް ލިބޭ ބާރަކެވެ. ގަދަ ކަމެކެވެ. އަޒުމަކަށް އަދި ހަޔާތުގެ ހަތިޔާރަކަށް ދިއްލިފައިވާ އަތް ބައްތިއަކަށް ފުދެ އެވެ.