ކާނާ

ބަދަލެއް ނުވި "ކޭމާޓާ"އި ހެދިކާ!

ހޭންވޭރު ކޮޅުގައި ހުންނަ "ކޭމާޓް ހޮޓާ" މިއީއަކީ ބޮޑު ހޮޓަލެއް ނޫނެވެ. އެކަމަކު މިއީ ވަރަށް މަޝްހޫރު ހޮޓަލެކެވެ. އެތަނުގެ ވާހަކަ ވަރުން އަޅުވާނަމަ ރާއްޖޭގެ މަޝްހޫރު ތަރިންހާ ވެސް އެތަން މަޝްހޫރެވެ. ފިލްމްތައް ޑައިރެކްޓަރު މަޝްހޫރު އަމްޖަދު އިބްރާހިމް (އަމްޖޭ) "ހަވީރު" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަމްޖޭ ހޯދަން އެންމެ ފަސޭހަ ވާނީ "ކޭމާޓަށް" ދިއުމުން ކަމަށެވެ. އެތަނުން އޭނައާ ބައްދަލުވާނެ އޭއެވެ. އެނޫނަސް އަމްޖަދާއެކު ފިލްމު ކުޅޭ ވަރަށް ގިނަ ސްޓާރުންނާއި އެނޫން ވެސް މަޝްހޫރުން މީހުން ކޭމާޓްގެ ތެރޭގައި ތިބެއެވެ.

ދިވެހިންގެ ތެރޭގައި އާންމުކޮށް ކޭމާޓް ކިޔައި އުޅެނީ ގިނައިން ކާމީހުންނަށެވެ. އެހެންވީމަ "ކޭމާޓު" ހޮޓަލަށް ވެސް ވަދެލަންވާނެ ނޫންހެއްޔެވެ؟ ކޭމާޓް އެގޮތުގައި ހިންގާތާ މިހާރު 15 އަހަރަށްވުރެ ވެސް ގިނަވެއްޖެ އެވެ. ކަލާފާނު ސްކޫލް ކައިރިން މީހުން ފުރިފައި އޮންނަ މި ހޮޓަލަކީ އެކި ވައްތަރުގެ ފްރައިޑް ރައިސްތަކަށް ވަރަށް ހާއްސަ ހޮޓަލެކެވެ. ކޭމާޓަށް ވަނަ މީހުންގެ ފޭވަރިޓަކީ އެ ހޮޓަލުގެ ފްރައިޑް ރައިސްއެވެ. ކޭމާޓްގެ ފްރައިޑް ރައިސްއަކީ ވަރަށް ބޮޑަށް މާލެއަށް މަޝްހޫރު ފްރައިޑް ރައިހެކެވެ.

ޒަމާންވީ މި ހޮޓަލުގެ ވަރަށް ހާއްސަ އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ ސުފުރާއަށް އަތުރާފައި ހުންނަ ތަކެތީޣެ އަގެވެ. އެހެން ހޮޓާތަކާ އަޅާ ބަލާއިރު މި ހޮޓަލުގެ ހޫނު ހެދިކާ ބޮޑުތަނުން އަގު ހެވެ. ހެދިކާ ރަހަގަނޑުވެސް މީރެވެ. މިއީ ހެދިކާގެ ބާވަތްތައް ގިނަ ވެސް ހޮޓަލެކެވެ.

ހޮޓަލުގެ މެނޭޖަރު އަހުމަދު މޫސާ ވިދާޅުވި ގޮތުގައި ކޭމާޓް ފެށުނީއްސުރެ އެންމެ އިސްކަމެއް ދެނީ އެހެން ހޮޓަލުތަކަށްވުރެ އަގު ހެޔޮ ކުރާށެވެ.

އަބަދުވެސް ފުރިފައި އޮންނަ ކޭމާޓްކީ މުޅީން ބަންގްލަދޭޝްގެ މުވައްޒަފުން ތިބޭ ތަނެވެ. ކޭމާޓްގައި ދިވެހިންނަށް ކަމުގޮސްފައިވާ ހުރިހާ ރަހައެއް އަދި އެންމެ ކަމުގޮސްފައިވާ ފްރައިޑް ރައިސްއަކީ ވެސް ބަންގާޅު ރަހަ އެވެ. އެހުރިހާ އެއްޗެއް ތައްޔާރު ކުރަނީ ބަންގާޅީންނެވެ.

ބޮޑު ގަރާޖެއްހެން ހުޅުވާލާފައި ކޭމާޓަކީ މާބޮޑު ހޮޓަލަށް ނުވި ނަމަވެސް މޭޒާއި ގޮނޑިތައް އަތުރާފައި ހުންނަނީ ތޮއްނުޖެހޭ ގޮތަށެވެ. ހޮޓަލެއްގެ ހޫނުގަނޑެއް ކޭމާޓްގެ ތެރޭގައި ދައުރެއް ނުވެއެވެ. އެހެންވެ ސައިޓައްޓެއް ބޯލައި ޒިލޭބީއެއް ނޫނީ މަސް ފަތަފޮޅިއެއް ކާލަން ގިނައިރު އިނދެލައި ރަނގަޅަށް ދުފާލައި އަނގަ ރަތްކޮލަން ވެސް ކޭމާޓް ހަމަ ވަރަށް ފައްކަލެވެ.

"މިތަނަށް އަންނަނީ ސައި ބޯން، އަގު ވެސް ރަނގަޅު، ހިތްހަމަ ޖެހިލައިގެން އިނދެވޭ، އަހަރެމެން ކަހަލަ މީހުންނަށް އަތްފޯރާފަށުގައި މި ލިބެނީ،" ކޭމާޓްގައި ސައި ބޯން އިން މީހަކު ބުންޏެވެ.

ހޮޓަލުގެ މެނޭޖަރު އަހުމަދު ވިދާޅުވި ގޮތުގައި ކޭމާޓްގައި ގިރާލާ ކޮފީއަކީ ވެސް އާންމުންގެ މެދުގައި ވަރަށް ހިނގާ ކޮފީއެކެވެ. ހޮޓަލަށް ވަންނަ މީހުންގެ ބޮޑު އަދަދަކީ ކޭމާޓް ކޮފީ ބޯން ދާ މީހުނެވެ.

"އެ ކޮފީ އެގޮތަށް އަބަދުވެސް މީރުކޮށް ހަދައި ދިނުމަކީ މި ހޮޓަލުން ވަރަށް އިސްކަންދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ކޭމާޓަކީ ވެސް ސާފުތާހިރު ކަމަށް ބަލާ ހޮޓަލެކެވެ. ބާންގާޅު ތުވާލިން ފޮހެލައި މޭޒުމައް ހުންނަނީ ސާފުކޮށްލާފައެވެ. ބިންމަތީ ކުނިކަހާ ސާފުކޮށްފަ އެވެ. ޝޯ ކޭސްގައި ކާތަކެތި ހުންނަނީ ރީއްޗަށް ބަންދުކޮށްފަ އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި އެއޮށް ހުރިހާ މީހުން އަބަދު އެތަނަށް ވަދެ ފުރާލާފައި އޮންނަނީ ވެސް ތާހިރު ކަން މަތީ ކޭމާޓް ބާއްވާތީ އެވެ.

"ހަޑިކޮށް އޮތުމަކީ ދިވެހިން ގަޔާ ނުވާ ކަމެއް. އެހެންވެ ކޭމާޓުން އެންމެ އިސްކަމެއް ދެނީ ތަން ސާފުތާހިރުކޮށް ބާއްވައިގެން ހިދުމަތްދޭން،" އޭނާ ވިދާޅުވި އެވެ.

ހޮޓަލެއް ހިންގުމުގައި 15 އަހަރަކީ ވަރަށް ދިގު މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި މި ހޮޓާ އަރިއަޅާލާފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ، ހޮޓާގެ މެނޭޖުމެންޓުން ހޮޓާ ހިންގުން އަތް ދޫކޮށްލައި އެހެން ބަޔަކަށް ހޮޓާ ހިންގަން ހަވާލުކުރުމުންނެވެ. އެކަމެއް ހިނގީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއަށްފަހު ހޮޓަލަށް ވަންނަ މީހުން މަދުވި އެވެ. ޝަކުވާތައް ގިނަވި އެވެ. ސާފިތާހިރުކަން ކުޑަވެ، ސިއްހީ މައްސަލަތައް ނިކުތެވެ. މި ސަބަބުތަކާހުރެ މިދިޔަ އަހަރުގެ ފަހުކޮޅު އަނެއްކާވެސް މެނޭޖުމެންޓުން ވަނީ ހޮޓާ ހިންގުމާ ހަވާލުވެފަ އެވެ.

މަޝްހޫރު ތަރިންނާއި ޑައިރެކްޓަރު އަމްޖޭމެން ކޭމާޓްގައި ތިބެނީ ކަމެއްވީމަ އެވެ.