މީހުން

ޒުހޫރު: އިސްލާހިއްޔާއިން ކެބިނެޓަށް ކުރި ދަތުރު!

  • ހަތް އަހަރުގައި ޒުހޫރު އިސްލާހިއްޔާއަށް ބަދަލުކުރި
  • ފުރަތަމަ މަސައްކަތް ކުރެއްވީ ވެލްޑަރަކަށް
  • ފަހުން އިންޖިނިއަރިންގެ ދާއިރާއިން ބޭރުން ތައުލީމު ހާސިލްކުރެއްވި

މިއަދުގެ ސަރުކާރުގެ ކެބިނެޓުގައި އަބަދު ހިނިފުޅުކުރައްވައިގެން އިންނަވާ މިނިސްޓަރެއް ދަންނަން ހެއްޔެވެ؟ ޒުވާނުންނާ އެންމެ ގާތުން މަސައްކަތްކުރައްވާ، ފުޓްސަލް ދަނޑު އެޅުއްވުމުގެ ރިކޯޑު ހާސިލުކުރައްވަމުންދާ މިނިސްޓަރު ދަންނަން ހެއްޔެވެ؟ އެއީ، މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު ޒުހޫރެވެ. މި މިނިސްޓަރު ނުދަންނަ މީހަކު ހުރިހެނެއް ހިއެއް ނުވެ އެވެ. މިނިސްޓަރު ގިނަ ބަޔަކު ދަންނަ ނަމަވެސް މިފަހަރު މި އޮތީ މިނިސްޓަރުގެ ނުދައްކާ ވާހަކަތަކެކެވެ. މިއީ "ބަސް ނާހާ" ކުއްޖަކުން ދައުލަތުގެ ވަޒީރަކަށްވުމަށް އެމަނިކުފާނު ކުރެއްވި އުނދަގޫ ދަތުރުގެ ވާހަކަ އެވެ. އެ ތަޖުރިބާ އެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.

ޒުހޫރަކީ ގދ. ތިނަދޫއަށް އުފަން ބޭފުޅެކެވެ. އާއިލާގެ އެންމެ ދޮށީ ދަރި އެވެ. ޅަ އުމުރުގައި ދިމާވި ކަންތައްތަކަކާހުރެ މާލެ ބަދަލުވެ، ދިރިއުޅުނީ މުސްކުޅި މާމަ ކައިރީގަ އެވެ. މުސްކުޅި މާމަގެ ބެލުމުގެ ދަށުގައި ހުރިއިރު މަގުމަތީ އުޅޭ ހަލަނި ކުދިންތަކުގެ ތެރެއަށް ވަދެވި އެ ކުދިންނާއެކު މަގުމަތީގައި އުޅެން ފެށި އެވެ. "ބަސް ނާހާ" ކުއްޖަކަށްވެ، ކިޔަވަން ނުގޮސް އަބަދު އަތިރިމަތީ ކުޅެން އުޅޭ ކުއްޖަކަށްވި އެވެ. "ބަސް ނާހާ" ކުއްޖެއްގެ ޓެގާއެކު ޒުހޫރު އެންމެ ފަހުން ގެންދިޔައީ ކ. މާފުށީގައި އޭރުގެ ސަރުކާރުން ގާއިމުކުރި އިސްލާހިއްޔާއަށެވެ. އެއީ އުމުރުން ހަތް އަހަރުގަ އެވެ.

އެހާ ޅަ އުމުރު އިސްލާހިއްޔާއަށް ދާން ޖެހުމުން އާއިލާއާ ދުރުވެގެން ދިޔަ އެވެ. މައިބަފައިންނާ ބައްދަލުކުރެވޭނެ ގޮތެއް ނުވެ އެވެ. ޅަ އުމުރުގެ ބޮޑު ބައި ހޭދަކުރީ އެތާނގަ އެވެ. އިސްލާހިއްޔާގައި އުޅުނު ދުވަސްވަރު އެތަނުގައި ދަސްކޮށްދޭ މަސައްކަތްތައް ވަރަށް އިހުލާސްތެރިކަމާއެކު ޒުހޫރު ދަސްކުރި އެވެ. ވެލްޑިން، ކާޕެންޓްރީފަދަ މަސައްކަތްތައް ޒުހޫރު ދަސްކުރި އެވެ. އެތަނުން ކިޔެވުނު އެންމެ ރަނގަޅަކަށް ކިޔެވި އެވެ. އިސްލާހިއްޔާގެ އެ އެކަނިވެރިކަމުގެ މާހައުލުގެ ތެރެއަށް ޒުހޫރު ދިޔުން ވެގެން ދިޔައީ، ކިޔެވުމަށް އޭނާ ލޯބިޖެހުނު ކަމަކަށެވެ. އަޅާލާނެ މީހަކު ނެތް ކަމުގެ އިހުސާސްކުރެވި، އަމިއްލައަށް ދިރިއުޅުން ބައްޓަން ކުރަން އަޒުމު ކަނޑައެޅި އެވެ. އެތަނުގައި އުޅުނުއިރު މާލެއަށް އައުމުގެ ފުރުސަތު ލިބެނީ އަހަރަކު އެއް ފަހަރު ޗުއްޓީއަށެވެ. މާލެ އައިސް އުޅެނީ ޒުހޫރުގެ ބޮޑުދައިތަ ހުސްނާތަ ކައިރީގަ އެވެ. ކޮންމެ ފަހަރަކު ވެސް ޗުއްޓީ ނިންމާލާފައި ދަނީ ވަރަށް ރޮއެފަ އެވެ.

އުމުރުން 14 އަހަރުގައި ޒުހޫރު އިސްލާހިއްޔާއިން ނިކުމެ، މާލޭގައި ވަޒީފާއެއް އަދާކުރަން ފެށިއެވެ. އޭރު އިސްލާހިއްޔާގައި އުޅޭ ކުދިންގެ ބަލަދުވެރިއެއްގެ ގޮތުގައި ހުންނެވީ އޭރުގެ މިނިސްޓަރު އުމަރު ޒާހިރެވެ. އުމަރު ޒާހިރު، ޒުހޫރަށް ދިން ވަޒީފާއަކީ ސްޕޯޓްސް ޑިވިޒަންގެ ކާތިބު ކަމެވެ. އެ މަސައްކަތްކުރާ ހިތްނުވެގެން އެމްޓީސީސީގެ ވަޒީފާއެއް އަމިއްލައަށް ހޯދައިގެން އެ ކުންފުންޏާ ގުޅުނެވެ. އޭރު 15 އަހަރެވެ. ގާބިލުކަން ހުރުމުން އެމްޓީސީސީއިން ވެލްޑަރެއްގެ ވަޒީފާ ވަރަށް ފަސޭހައިން ޒުހޫރަށް ލިބުނެވެ. ދެ ނަންބަރުގެ ވެލްޑަރަކަށް އޭރު ލިބެނީ 12،00 ރުފިޔާ އެވެ. އާމްދަނީއެއް ލިބެން ފެށުމުން އިތުރަށް ކިޔެވުމުގެ ވިސްނުން ޖެހުނެވެ. އަދި ފަހަށް ފައިސާ ރައްކާކުރަން ފެށި އެވެ. ލިބޭ މުސާރައިގެ 75 ޕަސެންޓް ފަހަށް ރައްކާކުރަން ޒުހޫރު ފެށި އެވެ. ހަރަދުކުރެއްވީ 25 ޕަސެންޓެވެ. ލާނީ ވެސް ރައްޓެހިން ލާ ބާކޮށްފައި ހުންނަ އަންނައުނެވެ.

ފައިސާކޮޅެއް އެއްވުމުން އަމިއްލައަށް ޓީޗަރުން ގެއަށް ގެނެސްގެން އޯލެވެލްއަށް ދިޔުމަށް ކިޔަވަން ފެށި އެވެ. އިމްތިހާނުތައް ވެސް ހެދީ އަމިއްލައަށެވެ. އިނގިރޭސި ބަސް ވެސް ދަސްކުރީ އަމިއްލައަށެވެ. ދެން ބެލީ ރާއްޖެއިން ބޭރަށް ދެވޭތޯ އެވެ. އެގޮތުން ބޭރުގެ ކުންފުނިތަކަށް ސިޓީ ފޮނުވަން ޒުހޫރު ފެށި އެވެ. ބޯޓެއްގެ ވެލްޑަރެއްގެ ގޮތުގައި ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު ޒުހޫރަށް ލިބުނެވެ. އެ ވަޒީފާ ދެ އަހަރުވަންދެން ޒުހޫރު އަދާކުރެއްވި އެވެ. އެ ބޯޓުގައި އުޅުނުއިރު ވެސް ކިޔެވުން ދުލެއް ނުކޮށްލަ އެވެ. އަމިއްލައަށް ފޮތް ގަނެގެން ކިޔަވަމުން ދިޔަ އެވެ. އެ ބޯޓުގެ ކެޕްޓަނަކު އެއް ދުވަހު ޒުހޫރު ގާތު ބުނީ މިހެނެވެ. "ތިއީ ކިޔެވޭނެ މީހެއް، އިންޖިނިއަރިން ކިޔަވަން އުޅޭ، ޓެރެއިނިން އިޖިނިއަރަކަށް ބަދަލުކޮށްދޭނަން،"

ޒުހޫރު އެކަން ބަލައިގަތެވެ. ޓްރެއިނިން އިޖިނިއަރަކަށް ޒުހޫރު ބަދަލުވި އެވެ. އޭރު ވެސް ލިބޭ އާމްދަނީގެ 75 ޕަސެންޓް ރައްކާކުރެ އެވެ. އެހެން އުޅެމުން އިންޑިއާގެ ލާލް ބަހާރު ކޮލެޖަކަށް ޒުހޫރު ސިޓީއެއް ލިޔުނެވެ. އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކަމަށް ބުނެ އެވެ. އޭރު އުމުރުން 20 އަހަރު ކިރިޔާ ވާނީ އެވެ. އިންޑިއާގެ ކޮލެޖްގެ އިތުރުން އޮސްޓްރޭލިއާގެ ކޮލެޖަކަށް ވެސް ސިޓީއެއް ލިޔުނެވެ. އޮސްޓްރޭލިއާ ކޮލެޖުން ރެސްޕޯންޑް ލިބިފައިވާ އޮތް އިންޑިއާގެ ކޮލެޖުން ވެސް ޖަވާބު ލިބުނެވެ. ޒުހޫރު ނިންމީ އޮސްޓްރޭލިއާއަށް ދިޔުމަށެވެ. އޭރު 15،000 ހާސް ޑޮލަރު ރައްކާކުރެވިފައި ހުއްޓެވެ. އޭގެތެރެއިން 10،000 ޑޮލަރު ހުރީ ވިޔަފާރިތަކުގައި އިންވެސްޓްކޮށްފަ އެވެ. ފައިދާ ލިބޭ ގޮތަށެވެ.

ބާކީ އިން 5،000 ޑޮލަރާއެކު އޮސްޓްރޭލިއާއަށް ގޮސް އެ ކޮލެޖުގެ މެރެޓައިމް ދާއިރާއިން ކިޔަވަން ފެށި އެވެ. ޅަފަތުގައި ރަނގަޅު ތައުލީމެއް ލިބިފައި ނެތުމުން ދަތިތަކެއް ޒުހޫރަށް ކުރިމަތިވި އެވެ. ނަމަވެސް ސެމިސްޓާ ނިންމާލީ އެންމެ ރަނގަޅަށް ފާސްވެގެންނެވެ. އޭރު ވެސް ރެސްޓޯރެންޓްތަކުގައި ތަށި ދޮވުންފަދަ މަސައްކަތްތައް ކޮށް އުޅުނެވެ. ހެނދުނު މިލްކް ޕެކެޓެއް ބޯލައިގެން ރޭގަނޑު ވަންދެން ހުންނަނީ އެވެ. ކާނެ ފައިސާއެއް ވެސް ނޯވެ އެވެ. އެއްޗެއް ކަނީ ރެސްޓޯރެންޓުން ލިބޭ ފައިސާކޮޅުގައި ރޭގަނޑުގަ އެވެ. އަމިއްލަ ހަރަދުގައި އަމިއްލަ މަސައްކަތުން އޮސްޓްރޭލިއާފަދަ ގައުމެއްގައި ބުރަ މަސައްކަތްކުރާތީ، އެކުގައި ކިޔަވަން އުޅުނު ދިވެހިން ޒުހޫރަށް ދިން ނަމަކީ "މާސްޓާސް އޮފް ޒޯރޯ" އެވެ. އަދިއަދަށް ވެސް ޒުހޫރުގެ ވަނަ ނަމަކީ ޒޯރޯ އެވެ.

އެއް ސެމިސްޓާ ކިޔެވުމަށްފަހު އެރީ ބޯޓަކަށެވެ. ހަ މަސް ދުވަހު ބޯޓުގައި ހޭދަކުރުމަށްފަހު އަނެއްކާ ވެސް ކިޔެވެން ފެށީ އެވެ. އޭގެ އެއް އަހަރަށްފަހު ވޯކްޝޮޕެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ޒުހޫރަށް ލިބުނެވެ. އެ ވޯކް ޝޮޕްގައި މަސައްކަތްކުރިއިރު ޒުހޫރަށް ރަނގަޅު މުސާރައެއް ލިބެން ފެށި އެވެ. އޭރު ކޮންމެ ދުވަހަކު 20 ނޫނީ 30 ޑޮލަރު ލިބެ އެވެ. އިންޖިނިއަރިން ކްލާސް ޓޫ ކޮލެޖުން ނިންމުމަށްފަހު އެގައުމުގެ ސަރުކާރުންދޭ އިމްތިހާނެއްގައި ބައިވެރިވާން ޖެހެ އެވެ. އެ އިމްތިހާނު ވެސް ޒުހޫރު ކާމިޔާބުކުރި އެވެ. އެއް އަހަރު ދުވަހު މަސައްކަތްކުރުމަށްފަހު އަނެއްކާވެސް ޒުހޫރު ކޮލެޖާ ގުޅުނެވެ. މެރިން އިންޖިނިއަރިންގެ ކްލާސް ވަން ސެޓްފިކެޓް ހޯދުމަށްފަހު ޖަރުމަނީގައި ޒުހޫރު ވަޒީފާ އަދާކުރި އެވެ.

ދެން ޒުހޫރު އައީ ރާއްޖެ އެވެ. ރާއްޖެ އައިސް މޯލްޑިވްސް ނޭޝަނަލް ޝިޕިން މެނޭޖްމެންޓްގައި ހަ މަސް ދުވަހު މަސައްކަތްކުރި އެވެ. އެއަށްފަހު ރާއްޖެއިން ބޭރުގައި މަސައްކަތްކުރުމަށްފަހު އަނެއްކާވެސް ޗުއްޓީއަކަށް ރާއްޖެ އައެވެ. އެސްޓީއޯގެ ބޯޓު ފަހަރުގެ ޗީފް އިންޖިނިއަރިން ކޮށްދޭނެ ފަރާތެއް ނުވެގެން އެކަން ކޮށްދިނުމަށް ޓްރާސްޕޯޓް އޮތޯރިޓީން ޒުހޫރު ގާތު އެދެނެވެ. އެއީ، ޖަޕާނުން ބޯޓެއް ގެނައުމަށެވެ.

އެ ބޯޓު ރާއްޖެ ގެނައުމަށްފަހު، އަނެއްކާވެސް ރާއްޖެއިން ބޭރަށް ދާން ޒުހޫރު ނިންމި އެވެ. ނަމަވެސް އެސްޓީއޯގެ ބޯޑުން ރާއްޖޭގައި މަޑުކުރުމަށް އެދުނެވެ. އޭރު ރާއްޖޭގެ މުސާރަތަކާ ބަލާފައި ބޮޑު މުސާރައެއްގައި ޒުހޫރު އެސްޓީއޯގައި މަސައްކަތްކުރަން ނިންމި އެވެ. ދެ އަހަރު ދުވަހު އެސްޓީއޯގައި ޒުހޫރު މަޑުކުރީ 1800 ޑޮލަރު މަހު މުސާރައަށް ލިބޭ ގޮތަށެވެ. ދޮޅު އަހަރު އެސްޓީއޯގައި މަސައްކަތްކޮށްފައި ދެން ޒުހޫރު ދިޔައީ ޕޯސްޓް ގްރެޖުއޭޓް ހަދަން ޖަޕާނަށެވެ.

އެއް އަހަރު ޖަޕާނުގައި ކިޔެވުމަށްފަހު އެސްޓީއޯއަށް ޒުހޫރު ބަދަލުވި އެވެ. ޖަޕާނަށް ޒުހޫރު ދިޔައީ ސަރުކާރުގެ ބޮންޑެއްގަ އެވެ. އެސްޓީއޯގައި މަސައްކަތްކުރަމުން ދަނިކޮށް، ސްވިޑެންއިން މެރިޓައިމް ދާއިރާއިން މާސްޓާސް ހެދުމުގެ ފުރުސަތު ޒުހޫރަށް ލިބުނެވެ. މި ފުރުސަތަކަކީ ޒުހޫރު އަމިއްލައަށް ހޯދާ ފުރުސަތުތަކެވެ. ނޮރާޑްކިޔާ ފަންޑަކުން ފަންޑު ލިބިމުން އެސްޓީއޯގައި އެދިގެން ސްވިޑެންއަށް ޒުހޫރު ދިޔަ އެވެ. ޒުހޫރު ސްވިޑެންއަށް ދިޔައީ މުސާރަ ވެސް ލިބޭ ގޮތަށެވެ. އޭރު އެސްޓީއޯގެ ޗެއާމަންއަކަށް ހުންނެވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނެވެ. ޒުހޫރު ވިދާޅުވީ، އާއިލީ ނުފޫޒެއް ނެތް މީހަކަށް ކިޔެވުމަށް އެދުނު ހުރިހާ ފުރުސަތެއް ވެސް ފަހިކޮށްދިނުމުން ކިޔެވުމަށް ރައީސް ބަހައްޓަވާ އަހައްމިޔަތުކަން އެނގޭ ކަމަށެވެ.

މާސްޓާސް ނިންމުމަށްފަހު އެސްޓީއޯގައި މަސައްކަތްކުރަމުން، ޔަންމާ އިޖިނިއަރިން އޯވާ ހޯލުކުރުމުގެ ލައިސެންސް ލިބިފައި އޮތުމުން އަމިއްލަ ކުންފުންޏެއް ހަދައި، ހިދުމަތްތައް ދޭން ފެށި އެވެ. ބޯޓު ފަހަރާއި ދޯނިތަކުގެ އިންޖީނުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި އެކި ކަހަލަ ސާވޭތައް އެ ކުންފުނިން ހެދި އެވެ. އޭރު ޒުހޫރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. ރާއްޖެއަށް އަންނަ ބޮޑެތި ބޯޓުތަކުގެ މަރާމާތުތައް ވެސް ޒުހޫރުކޮށްފައިވެ އެވެ.

ދެން އައީ ސިޔާސީ ގޮތުން ހަލަބޮލިވި ދުވަސްވަރެކެވެ. ރައީސް މައުމޫންގެ ވެރިކަން ބަދަލުވީ އެވެ. ވެރިކަން ބަދަލުވިއިރު ވެސް ޒުހޫރު ހުރީ އެސްޓީއޯގަ އެވެ. އެސްޓީއޯއިން ޒުހޫރު ކެނޑުނުއިރު ހުރީ ޖެނަރަލް މެނޭޖަރެއްގެ މަގާމުގަ އެވެ. ދެން ޒުހޫރު ސިޔާސީ މަސައްކަތްތަކެއް ކުރި އެވެ. ޕީޕަލްސް އެސޯސިއޭޝަން ހަދައި ރައީސް ޔާމީންއާއެކު މަސައްކަތް ކުރަން ފެށި އެވެ. އެތާ ޒުހޫރު ކުރީ އެޑްމިނިސްޓްރޭޓިވް މަސައްކަތެވެ. ޕީޕަލްސް އެލަޔަންސް ޕާޓީ އުފެދިގެން ދިޔައީ އެ އެސޯސިއޭޝަންގެ ތެރެއިންނެވެ.

އެއަށްފަހު ރާއްޖޭގައި އުޅެން ދަތިވުމުން ޒުހޫރު އޮސްޓްރޭލިއާއަށް ހިޖުރަކުރި އެވެ. އޮސްޓްރޭލިއާގައި އޮފް ޝޯރްގައި ވަޒީފާއަދާކުރަމުން ޔުނިވާސިޓީއެއްގައި ކިޔަވައިދޭން ވެސް ޒުހޫރު ދިޔަ އެވެ. އޮސްޓްރޭލިއާގައި އެމްބީއޭ ވެސް ޒުހޫރު ހެދި އެވެ. މީގެއިތުރުން އެކައުންޓިން އިން ފައިނޭންސްގެ ދާއިރާއިން ވެސް މާސްޓާސް ނިންމި އެވެ.

އޭރު ޒުހޫރު އޮތީ އޮސްޓްރޭލިއާއިން ބިމެއް ވެސް ގަނެފަ އެވެ. އެ ބިމުގައި އިމާރާތްކުރުމަށް ޒުހޫރު، އާއިލާއާއެކު ރާއްޖެއަށް ބަދަލުވި އެވެ. އެއީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. އެފަހަރު ރާއްޖެގައި ހުރިއިރު ރައީސް ޔާމީންއާ ބައްދަލުކުރެއްވި އެވެ. ރައީސްގެ އެދިލެއްވުމާއެކު ކުންފުންޏެއްގެ ބޯޑެއްގައި ހުރެ ރާއްޖެއަށް ހިދުމަތްކުރުމަށް ޒުހޫރު ތައްޔާރުވި އެވެ. ނަމަވެސް އެއް ދުވަހު ރައީސް ގުޅުއްވާފައި ޒުހޫރު ގާތު އެދުނީ ކަސްޓަމްސްއަށް ހިދުމަތް ކޮށްދިނުމަށެވެ. މަސައްކަތްކުރަން ޖެހޭނީކަސްޓަމްސްގެ ކޮންމެވެސް ކޮމެޓީއެއްގަ ކަމަށް ބަލާ ޒުހޫރު އެއްބަސްވި އެވެ. އަނެއް ދުވަހު ފަތްކޮޅެއް ގެއަށް އައެވެ. އެ ފަތްކޮޅުގައިވާ ގޮތުން ޒުހޫރު އައްޔަންކޮށްފައިވަނީ، ކޮމިޝަނާ އޮފް ކަސްޓަމްސްއަށެވެ. ކަންވެސް ބޮޑުވި އެވެ. ނަމަވެސް ރައީސް އެގޮތަށް ނިންމެވުމުން ހިދުމަތްކުރުމުގައި ދެމިހުރުމަށް ޒުހޫރު ނިންމި އެވެ.

އެންމެ ފުރަތަމަ ޒުހޫރު ނިންމީ ކަސްޓަމްސްގައި ހައްލުނުކުރެވި ގިނަ އަހަރުތަކެއްވެފައިވާ މައްސަލަތައް ހައްލުކުރުމަށެވެ. އެ މައްސަލަތައް ޒުހޫރު ހައްލުކުރި އެވެ. ޒުހޫރުގެ ބުރަ މަސައްކަތުން ކަސްޓަމްސްގެ ހިދުމަތްތައް އަވަސްވެ، ބޮޑެތި ބަދަލުތަކެއް ގެނަ އެވެ. ޒުހޫރު ކަސްޓަމަށް ގެނައި ބަދަލު ނަމޫނާއަކަށް ބަަލައި ޓައިލެންޑް ވެސް އެ ބަދަލު ގެނަ އެވެ.

އަނެއްކާވެސް ރައީސް ގުޅުއްވާ އެހެން ދިމާލަކަށް ހިދުމަތްކޮށްދިނުމަށް އެދުނެވެ. މިފަހަރު ހެލްތު މިނިސްޓްރީއަށެވެ. އަދާކުރަން ޖެހޭނީ އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމު ކަމެއް އޭރު ޒުހޫރުގެ ހިތަކަށް ނާރަ އެވެ. އަދާކުރަން ޖެހުނީ މިނިސްޓަރުކަން އެނގުމުން ޒުހޫރު ވަރަށް ކަންބޮޑުވި އެވެ. މިނިސްޓަރު ކަމަކީ ޒުހޫރުގެ އިންޓްރެސްޓް އޭރު ހުރި ކަމެއް ވެސް ނޫނެވެ. ނަމަވެސް ރައީސް އިތުބާރު ކުރައްވާތީ، އެ މަގާމާ ޒުހޫރު ހަވާލުވީ އެވެ. ހެލްތް މިނިސްޓަރުކަމުގައި ޒުހޫރު ތިން މަސް ދުވަހު މަސައްކަތްކުރި އެވެ. އެ މަސައްކަތް މީހުން ބަލައިގަތެވެ. އެއީ ޒުހޫރު އެންމެ އުފާވާ އެއް ކަމެވެ.

ދެން ޒުހޫރު ހަވާލުވީ، މިހާރު ވެސް އަދާކުރައްވަމުން ގެންދާ ޔޫތް މިނިސްޓަރުގެ މަގާމާ އެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ޔޫތް މިނިސްޓްރީގަ އެވެ. އެ މިނިސްޓްރީއާ ހަވާލުވި ގިނަ ކަންތައްތަކެއް އެ މިނިސްޓްރީ ތެރޭގައި އޮތީ ބޮއްސުންލާފަ އެވެ. އެކަންކަން ހައްލުކުރުމުގެ މަސައްކަތް ޒުހޫރު ކުރި އެވެ. އެއްވެސް ޓްރާންސްޕޭރެންސީއެއް ގަވަނެންސެއް އެ މިނިސްޓްރީ ތެރޭގައި އޭރު ނެތް ކަމަށް ޒުހޫރު ވިދާޅުވި އެވެ.

މިހާރު ވެސް ޒުހޫރު ދަނީ ޔޫތް މިނިސްޓަރުގެ ގޮތުގައި ގައުމަށް ހިދުމަތްކޮށްދެމުންނެވެ. އަމާޒަކީ ޒުވާނުންނަށް ރައީސް ވެފައިވާ ވައުދުތައް ފުއްދުމެވެ. އެ ސިޔާސަތުތައް ތަންފީޒުކުރުމެވެ. އަމިއްލަ މަސައްކަތުން މީހަކަށްވުމުގެ އަޒުމުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކީ ކާމިޔާބު ދިރިއުޅުމެއް ލިބި، މީހުން ބަލައިގަންނަ އިހުތިރާމް ކުރާ މީހަކަށް ޒުހޫރު ބަދަލުވުމެވެ.