- 2014 ގެ ފަހުކޮޅު އެމްއެމްއޭއަށް ތަކުރާރުކޮށް ރިޕޯޓްތައް ލިބުނު
- އެސްއޯއެފް އެކައުންޓްގައި ހުރީ 299.87 ޑޮލަރު
- އެމްއެމްއޭ އިން މައްސަލައިގައި އަދި ކޮމެންޓެއް ނުކުރި
އެމްއެމްޕީއާރުސީގެ 1.5 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގުމުގައި ބައިވެރިވެފައިވާ، ސްކޯޒް އޮފް ފްލެއާ (އެސްއޯއެފް) ކުންފުނީގެ އެކައުންޓްތައް މެދުވެރިކޮށް ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތްތަކެއް ހިންގަމުންދާކަން، މަރުކަޒީ ބޭންކް އެމްއެމްއޭގެ ސަމާލުކަމަށް ބޭންކްތަކުން ގެނައި ނަމަވެސް އެކަމުގައި އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަން ހާމަވެއްޖެ އެވެ.
"އަވަސް"އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އެސްއޯއެފް އެކައުންޓަށް ގޮތްނޭނގޭ ފައިސާގެ ބޮޑެތި އަދަދުތައް ވަދެ، އަދި އެ ފައިސާ އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކުރަމުން ދާތީ، ބޭންކްތަކުން އެކަން އެމްއެމްއޭގެ ސަމާލުކަމަށް ގެނައީ 2014 ވަނަ އަހަރު އެވެ. މިހާރު އާންމުވެފައިވާ ބީއެމްއެލްގައި އޮންނަ އެސްއޯއެފް އެކައުންޓްގެ ސްޓޭޓްމަންޓްތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރު އެ ކުންފުނިން ބީއެމްއެލްގައި އެކައުންޓް ހުޅުވުމަށް ފަހު އެންމެ ފުރަތަމަ ވެސް 800،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި އެއަށް ފަހު ޖުމްލަކޮށް އެ އެކައުންޓްގައި ދެ މިލިއަނާއި ހަތަރު މިލިއަން ޑޮލަރުގެ އަދަދުތަކެއްގެ ފައިސާ ވަނީ ގެންގުޅެފަ އެވެ. އަދި ބައެއް ފަހަރަށް ޗެކްގެ ޒަރިއްޔާއިން ދެތިން މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާ އިރު އެކި އަދަދުތަކުން އެކި އެކައުންޓްތަކަށް ވަނީ ފައިސާ ފޮނުވައިފަ އެވެ.
ބޮޑެތި ފައިސާގެ އަދަދުތައް ޖަމާކުރީ ޗެކުން ކަމަށްވާތީ އެ ޗެކް ޖަމާކުރި އެކައުންޓްތަކުގެ ތަފްސީލްތައް ސްޓޭޓްމަންޓްގައި ނެތް ނަމަވެސް، އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި އެސްއޯއެފްގެ މި އެކައުންޓް މެދުވެރިކޮށް ބައެއް ސަރުކާރުގެ މިނިސްޓްރީތަކުގެ އެކައުންޓްތަކަށާއި މިނިސްޓަރުން އަދި ބައެއް މަޖިލީހުގެ މެންބަރުންނަށް ވަނީ ފައިސާ ފޮނުވައިފަ އެވެ. ބޮޑެތި އަދަދުތަކުން އެސްއޯއެފްގެ އެކައުންޓަށް ޗެކުން ފައިސާ ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރުސީ އިން ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން އެ ކުންފުންޏަށް ލިބިފައިވާ ފައިސާ އެވެ.
އެސްއޯއެފްގެ މުއާމަލާތްތަކުގެ ހުލާސާއެއް
- އެކައުންޓް ހުޅުވީ 2014 ގެ ކުރީކޮޅު
- ޖުމްލަ ގޮތެއްގައި އަށް މީހެއްގެ އެކައުންޓަށް އެތައް މިލިއަން ޑޮލަރެއް
- 84 މިލިއަން ޑޮލަރު އެ އެކައުންޓުން ރޯލްކުރި
- އެކައުންޓް ބެލެންސްގައި އަބަދުވެސް ހަތަރު މިލިއަނެއްހާ ޑޮލަރު
- ގިނަ އަދަދެއްގެ ބޭރު ފައިސާ އެ ކުންފުނިން ނުއަގުގައި ވިއްކި ކަމަށް ބެލެވޭ
"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ފައިސާގެ ބޮޑެތި މުއާމަލާތްތައް އެސްއޯއެފް އިން ހިންގާކަން ފާހަގަ ވެގެން "މަނީ ލޯންޑްރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނު"ގެ ދަށުން ބެންކުން 2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ މައުލޫމާތުތައް ތަކުރާރުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހިއްސާ ކުރި އެވެ. އަދި ބައެއް ބޮޑެތި ފައިސާގެ އަދަދުތައް ހުރި ޗެކްތައް ކްލިއާ ކުރުމުގެ ކުރިން ވެސް އެމްއެމްއޭ އަށް އެ ކަންކަން ރިޕޯޓް ކުރި އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭ އިން އެ މުއާމަލާތްތައް ހުއްޓުވުމަށް ނޫނީ ފިޔަވަޅެއް އެޅުމަށް ބޭންކަށް އަންގާފައެއް ނުވެ އެވެ. ބޭންކެއްގެ ކަސްޓަމަރެއްގެ މާލީ މުއާމަލާތެއް ހުއްޓުވެނީ، އެމްއެމްއޭ އަށް ރިޕޯޓްކޮށް އެކަމަށް ފިޔަވަޅު އަޅަން އެމްއެމްއޭ އިން އެންގުމުންނެވެ.
އެސްއޯއެފްއަށް ލިބުނު ޗެކްތަކުގެ ތަފްސީލް
މި ތުހުމަތުތަކާ ގުޅިގެން އެމްއެމްއޭގެ މީޑިއާ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ ތިފަދަ މައުލޫމާތެއް ލިބިފައި އޮތްކަން ކަށަވަރު ކޮށްފައި ނޫނީ އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ. އަދި އެކަން ބެލުމަށް ފަހު ފަހުން ކޮމެންޓެއް ކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބޭންކްތަކުން އެކަން ރިޕޯޓް ކުރި ދުވަސްވަރާ ދިމާކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ އިސްވެރިއަކަށް ހުންނެވި އާތިފް ޝަކޫރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި އެވެ. ސަބަބެއް އެމްއެމްއޭ އިން ވެސް އަދި އާތިފް ވެސް ހާމަކޮށްފައި ނުވާ އިރު، އެކަމަށް ކޮމެންޓް ކުރައްވަން ވެސް އޭނާ އޭރު ދެކޮޅު ހެއްދެވި އެވެ.
އެމްއެމްއޭ އިން މީގެ ކުރިން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފައިސާގެ ބޮޑެތި ޖަރީމާތަކެއް ހިމެނޭތީ އެ ކަންކަން ބެލުމަށް ބޭރުގެ އެހީ ވެސް ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ތަހުގީގެއް ހިންގާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓުން އެނގޭ ގޮތުގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމުގެ ކުރިން އޭރު އެކައުންޓްގައި ހުރި، ތިންލައްކަ އެއްހާ ޑޮލަރު އެކި މީހުންގެ ކައުންޓްތަކަށް ޓްރާންސްފާކޮށް އެ ކުންފުނީގެ އެކައުންޓްގައި މިހާރު ހުރީ އެންމެ 270 ޑޮލަރެވެ.