ސީބީއެމް

ކުދި ވިޔަފާރިތަކަށް ހާއްސަ ލޯނުތަކާ އެކު، ސެޕްޓެމްބަރުގައި ސީބީއެމް ހުޅުވަނީ

  • ފަހުގެ ޓެކްނޮލޮޖީން ހިދުމަތްދޭ ބޭންކްއަކަށް ވާނެ
  • ކަސްޓަމަރުންނާ ރަހުމަތްތެރި ބޭންކަކަށް ހެދުން އަޒުމަކީ
  • ރާއްޖެއަށް މުޅިންއާ ލޯނުތައް، ކުދި ވިޔަފާރިތަކަށް ހާއްސަ

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަ ހިދުމަތްތަކާ އެކު ޓެކްނޮލޮޖީގެ ގޮތުން އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތް ދޭ ބޭންކެއްގެ ގޮތުގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލަށް ހުޅުވަން ތައްޔާރުވަމުން ގެންދާ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ޑިރެކްޓަރެއް ކަމަށްވާ އާދަމް ސަލީމް "އަވަސް" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެ ބޭންކް ވެގެން ދާނީ، ޓެކްނޮލޮޖީ ބޭނުންކޮށްގެން ފެންވަރު ރަނގަޅު މާލީ ހިދުމަތްތަކެއް ދޭ ފެންވަރު ރަނގަޅު ބޭންކެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ބޭންކުގެ ހިދުމަތް ފުރަތަމަ ފަށައިގަންނައިރު ގެދޮރު އިމާރާތް ކުރުމުގެ ލޯނާއި ޓްރޭޑް ފައިނޭންސް ވެސް އެތަނުން ދޭނެ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ހިދުމަތްތަކެއް ދިނުމަށް އިސްކަންދެއްވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ އެސްއެމްއީ[ކުދި އަދި މެދުފަންތީގެ ވިޔަފާރި] ތަކަށް އެހީއެއް ދޭން. ރާއްޖޭގެ ކުދި ސަޕްލައިއަރުންގެ މައްސަލައަކީ ފައިސާ ނުލިބުން. ބޭރުން އޯޑަރު ގެނެސްގެން ވިއްކުމަށް. މިސާލަކަށް އަޅުގަނޑުމެންނަށް ހެދިދާނެ ކޮންޑްރެޑް މޯލްޑިވްސް އިން ދިނީ ސަޕްލައިއަރަށް ޕާޗަސް އޯޑަރެއް. ސަޕްލައިއަރު ދިޔައީ ބޭންކަށް އިންވޮއިސް ހިފައިގެން. އެ ފަދަ ވަގުތެއްގައި އިތުބާރުކުރެވޭނަމަ ޑިސްކައުންޓް ލާފަ ކޭޝް ދޭނަން. މިއީ ރާއްޖެއަށް މުޅިން އާ ޕްރޮޑަކްޓެއް،" އާދަމް ވިދާޅުވި އެވެ.

"ކަސްޓަމަރުންނާ ރަހުމަތްތެރި ބޭންކްއަކަށް ވާނެ"

އޭނާ ވިދާޅުވީ ސީބީއެމްގައި ހިމެނޭ ހިއްސާދާރުންނަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހިދުމަތްކޮށްފައިވާ ފަރާތްތައް ކަމަށާއި، އެހެންކަމުން ކަސްޓަމަރުންނާ މި ބޭންކް ވަރަށް ރަހުމަތްތެރިވާނެ ކަމަށެވެ.

"ޓްރީޓޮޕްގެ ހުރިހާ ހިއްސާދާރުންގެ ތަޖުރިބާ މިހުރީ ސާވިސް އިންޑަސްޓްރީގައި. އެހެންވެ އެ ހުރިހާ އެކްސްޕީރިއަންސް ތަކެއް ފެންނާނެ. އެކަމަކު ފުރަތަމަ ދުވަހު މައްސަލަތަކެއް އުޅެދާނެ. އެކަމަކު ދުރުމުސްތަގުބަލަކަށް ބަލާނަމަ ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަ، ހިދުމަތް ވަރަށް ރަނގަޅު ތަނަށްވާނެ،" ކްރައުން ކޮމްޕެނީގެ އެމްޑީ އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ޓްރީޓޮޕް" ގެ އަޒުމަކީ ރާއްޖެ ކުރިއަށް ގެންދިއުން ކަމަށާއި، ބޭންކެއް ހުޅުވުމުގެ ބޭނުމަކީވެސް މިއީ ކަމަށެވެ.

"ޓްރީޓޮޕްގެ މަގުސަދަކީ ރާއްޖެ ކުރިއަށް ގެންދިނުން. ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ނެތް ވިޔަފާރި އާއި ހިދުމަތްތަކެއް ދެވިގެން. އަޅުގަނޑަކަށް އެނގިފައި އޮތް ގޮތުގައި ރާއްޖޭގައި ބޮޑު ބޭންކަކަށް މިއޮތީ ބީއެމްއެލް އެކަނި. ބީއެމްއެލް އަސްލު ވަރަށް ރަނގަޅު. އެކަމަކު ވަރަށް ޖާގަ އެބައޮތް ރާއްޖޭގައި އެހެން ކޮމްޕެޓިޓާސްތަކަށް އަދިވެސް،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ "ކޭޝް ސޮސައިޓީއެއް" ކަމަށާއި، ނަމަވެސް ފައިސާ ގެންގުޅުމުގައި ރައްކާތެރި ގޮތް ތަކެއް ތައާރަފު ކުރެވެން ޖެހޭ ކަމަށެވެ. އަދި ސީބީއެމް އިން މަސައްކަތް ކުރާނީ ރައްކާތެރި ކަމާ އެކު ފައިސާ ގެންގުޅެވޭނެ ގޮތްތަކެއް އާންމުންގެ މެދުގައި ދިރުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޭޝް ގެންގުޅުން ވަރަށް ނުރައްކާ. އެކަމަކު މީހުން ކޭޝް ގެންގުޅެނީ އެހާ ފަސޭހަ އިން ފައިސާ ޓްރާންސެކްޓް ނުކުރެވޭތީ. އެކަމަކު ބީއެމްއެލް އިން ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްފި. މިހާރު ދިރާގާއި އުރީދޫން ވެސް މޮބައިލް މަނީ. އަޅުގަނޑުމެން ބޭނުންވަނީ މިފަދަ ގިނަ އިތުރު ފަސޭހަ ތަކެއް ގެނެސް ދިނުން،" އާދަމް ވިދާޅުވި އެވެ.

ސީބީއެމް އުފައްދާފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި ޗަމްޕާ ބްރަދާސްގެ ބޮޑު ހިއްސާއެއް އޮންނަ ޓްރީޓޮޕް އިންވެސްޓްމަންޓްގެ 45 ޕަސެންޓާއި ކޮމާޝަލް ބޭންކް އޮފް ސިލޯންގެ 55 ޕަސެންޓް ހިއްސާވާ ގޮތަށެވެ. ސީބީއެމް ހުޅުވަނީ އަމީރުއަހުމަދު މަގު، ފިލިގަސްދޮރުގޭގަ އެވެ.