ދެހާސް ބާރަ ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން މަރަން ހުކުމްކުރި މ. މަސްރޫރާ، މުއްރަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ޖަވާބުދާރީވެއްޖެ އެވެ. މުއްރަތު ޖަވާބުދާރީވެފައިވަނީ، މުއްރަތުގެ މައްޗަށް ދަށު ކޯޓުން އިއްވާ، އަދި ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ މިއަދުގެ އަޑުއެހުމުގަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މުއްރަތަށް ހަމަޖައްސައިދިން ވަކީލް އަހުމަދު ޝާފިއު ވަނީ ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން މުއްރަތު ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާން ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ. ދައުލަތުން ވަނީ އެ ލިޔުންތައް ވަކީލަށް ނުލިބޭނަމަ ލިޔުންތައް ފޯރުކޮށްދިނުމަށް ޝަރީއަތުގައި އެދިފަ އެވެ.
ދައުލަތުން މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ފާހަގަކުރި ތިން ނުކުތާގެ ތެރެއިން އެއް ނުކުތާއަށް މިއަދު މުއްރަތުގެ ފަރާތުން ވަނީ ޖަވާބުދީފަ އެވެ. އެގޮތުން މުއްރަތުގެ ވަކީލް ވިދާޅުވީ، މުއްރަތު ކުށަށް އިއުތިރާފުވެފައިވަނީ އޭގެ ނަތީޖާ ނޭނގި ކަމަށާއި އެ އިއުތިރާފުގެ ސަބަބުން އޭނާއަށް އަންނާނެ އަދަބު ބުނެދީފައިނުވާ ކަމަށެވެ. އެގޮތަށް އިއުތިރާފުގެ ނަތީޖާ ބުނެދީ ހިންގާފައިވާ ޝަރީއަތަކީ ގާނޫނާ ހިލާފު ޝަރީއަތެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
ގާނޫނުގައި ވެސް އިއުތިރާފުގެ ނަތީޖާ ބުނެދޭންޖެހޭ ކަމަށް ބަޔާންކޮށްފައި އޮންނައިރު، ކްރިމިނަލް ކޯޓުގައި މުއްރަތުގެ ޝަރީއަތް ހިންގާފައިވަނީ އެ އުސޫލުގެ ބޭރުން ކަމަށް ވަކީލް ޝާފިއު ވިދާޅުވި އެވެ.
މީގެއިތުރުން، މުއްރަތުގެ އިއުތިރާފަކީ މަޖުބޫރު ކުރުމެއް ނެތިވެފައިވާ އިއުތިރާފެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ މައްސަލާގައި ހިމެނޭ އެހެން ކަންކަމަށް ބެލުމެއް ނެތި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެގޮތުން ހެކިން ހެކި ބަހުން ނަޖީބު މަރާލި ރޭ އެ ގޭ ތެރެއިން ރީނދޫ ޓީޝާޓެއް ލައިގެން ހުރި މީހަކު ނިކުމެގެންދާތަން ފެނުނު ކަމަށް ބުނެފައިވާއިރު، މައްސަލާގައި އިތުރު މީހެއް ޝާމިލުވާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އެމީހާގެ ބާރާއި ނުފޫޒު މުއްރަތަށް ފޯރުން އެކަށީގެންވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ނަޖީބު މަރާލި މައްސަލާގައި ދައުވާލިބޭ ފާތިމަތު ހަނާގެ ބަޔާނެއް ވެސް މުއްރަތާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށާއި އެގޮތަށް އެއް މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ހެކި ބަސް އަނެއް މީހާއާ ދެކޮޅަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުގައި ހުކުމް އިއްވުމާ ހަމައަށް ވެސް މުއްރަތަށް ވަކީލެއް ހަމަޖެއްސުމަށް ފުރުސަތު ލިބިފައިނުވާކަން ވަކީލް ފާހަގަކުރި އެވެ.
މުއްރަތުގެ ފަރާތުން ފާހަގަކުރި ނުކުތާތައް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، މުއްރަތު ކޮށްފައިވާ ކުށަކީ ކޮބައިކަން އޭނާއަށް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދީފައިވާނެ ކަމަށާއި ނަމަވެސް އޭގެ ސީދާ އަދަބަކީ ކޮބައިކަން ބުނެދީފައިނުވާނެ ކަމަށެވެ. އެއީ، ގާނޫނުގައިވާ ގޮތުން އަދަބު ކަނޑައެޅެނީ އެ ކުށެއް ސާބިތުވާ ގޮތެއްގެ މައްޗަށް ކަމަށްވާތީ، ދައުވާ އިއްވާ ދުވަހު، އެ ކުށް ސާބިތުވެއްޖަނަމަ ސީދާ އަންނާނެ ހުކުމެއް ބުނެދޭން ނޭނގޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ވަކީލަކު ބޭނުންނުވާ ކަމަށް މުއްރަތު ބުނެފައިވާ ކަމަށެވެ. އެގޮތަށް މުއްރަތު ބޭނުންވަނީ މައްސަލަ އަވަހަށް ނިންމުމަށް ބޭނުންވާތީ ކަމަށް ވެސް މުއްރަތު ބުނެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ޝަރީއަތުންނާއި ދައުލަތުން ތަކުރާރުކޮށް ވަކީލަކު ބޭނުންތޯ ސުވާލުކުރުން ވެސް އެ ފުރުސަތު ބޭނުންނުވާ ކަމަށް މުއްރަތު ބުނި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މުއްރަތަށް ނާކާމިޔާބުވެއްޖެނަމަ މަރުގެ ހުކުމް ސަލާމަތްވެވޭނީ އެންމެ ގޮތަކަށެވެ. އެއީ ވާރިސުން ލުޔެއް ދީފިނަމަ އެވެ. މަރަން ކުރާ ހުކުމްތައް ރައިސުލްޖުމްހޫރިއްޔާއަށް ވެސް ލުއި ނުކުރެވޭނެ އެވެ.
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި މީހެކެވެ.