ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަނަ އަހަރު ކާމިޔާބު ކުރި ގައުމީ ފުޓްބޯޅަ ޓީމާއި ދިވެހި ގައުމީ ޓީމު މެޗެއް ކުޅެން އެފްއޭއެމުން ހަމަޖައްސައިފި އެވެ.
އެފްއޭއެމުގެ ރައީސް އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ މި މެޗަކީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ މިއަދަށް އަށް އަހަރު ފުރިން ފާހަގަ ކުރަން ކުޅޭ މެޗެއް ކަމަށެވެ.
އެފްއޭއެމުން މިހާރު މަސައްކަތް ކުރަމުންދަނީ މި މެޗު އޭޝިއަން ކަޕް ކޮލިފައިންގައި ސެޕްޓެމްބަރު މަހު ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ކުޅޭށެވެ.
ރާއްޖެ އާއި ލަންކާ ހިއްސާވެގެން ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބު ކުރީ ލަންކާގައި ކުޅުނު ފައިނަލް މެޗުގައި އިންޑިޔާ 1-0އިން ބަލިކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ މެޗު ނިމިނިމި އޮއްވައި މުހުތާރު ނަސީރު (ޓޫކިލޯ) އެވެ.
އައްސަދު އަބުދުލްގަނީގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު އެ ޓީމުގައި ޓޮމްގެ އިތުރުން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު ޖަމީލާއި ސޮބާހް މުހައްމަދާއި އިސްމާއީލް މުހައްމަދާއި އަހުމަދު ސައީދު (އައްމަޓީ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އިބްރާހީމް ފަޒީލް (އޮއްޕޮ) އަދި ގައުމީ ކީޕަރު އިމްރާން މުހައްމަދަކީ ފައިނަލް މެޗުގެ ފުރަތަމަ 11ގައި ކުޅުނު ކުޅުންތެރިންނެވެ.
ސާފް ޗެމްޕިއަންޝިޕަކީ މިހާތަނަށް މުޅި ރާއްޖެ އެއްބައިވަންތަކޮށްދިން އެންމެ ބޮޑު ހަރަކާތެވެ.