ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޖިނާއީ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމްގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވީ ކުރީގެ ވަޒީރު އަދި ގާނޫނީ ވަކީލު ވަޒީރު ހަސަން ލަތީފެވެ. ސިޔާސީ ބޭފުޅަކަށް ވެވަޑައިގަތުމުގެ ކުރިން ވެސް އެއީ އާންމުން ދަންނަ އެންމެނާ ރައްޓެރި ވަރަށް ސްޕޯޓީ ބޭފުޅެކެވެ. ވަރަށް ބޮޑަށް ސަމާސާ ކުރައްވާ ބޭފުޅެކެވެ. ސިޔާސީ ފޯޑިއަމްތަކަށް އަރައި، ވަރަށް ފޯރީގައި ވާހަކަ ދައްކަވާ ބޭފުޅަކަށް ވެވަޑައިގެންނެވީ މާފަހުންނެވެ.
ހަސަން ލަތީފު ތައުލީމް ހާސި ކުރެއްވީ މަޖީދިއްޔާ ސްކޫލާއި ސައިންސް އެޑިއުކޭޝަން ސެންޓަރުމ މިހާރުގެ ސީއެޗްއެސްސީ އެވެ. ގާނޫނީ ވަކީލު ކަމަށް އޭނާގެ ހިތްޕުޅުގައި ލޯބި އުފެދުނީ އޭލެވެލްއަށް ކިޔަވާވިދާޅުވި ދުވަސްވަރު އެވެ. އެހެން ނަމަވެސް އޭރު ކިޔަން ބޭނުންވާ ގިނަ މާއްދާތައް ރާއްޖެއިން ކިޔެވޭނެ ގޮތެއް ނޯވެ އެވެ. ރަސްމީ ސްޓްރީމްތަކުގެ ތެރޭގައި އެ މާއްދާތައް ނުހިމެނޭތީ އެވެ. އެގޮތުން ލޯ އަދި ޕޮލިޓިލަލް ސައިންސް ފަދަ މާއްދާތައް ކިޔެވޭނެ ގޮތެއް ނޯވެ އެވެ. ހަސަން ލަތީފު ބޭނުންފުޅުވީ އެ މާއްދާތަކުން ކުރިޔަށް ވަޑައިގެންނެވުމަށެވެ.
ސްކޫލުން އެ މާއްދާތައް ކިޔެވޭނެ ގޮތް ނެތުމުން ހަސަންއަށް ޖެހި ވަޑައިގަތީ އެހެން ގޮތެއް ހޯއްދަވާށެވެ. އެ ދުވަސްވަރަކީ އެ ދާއިރާތަކުން ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރައްވައިގެން ގިނަ ބޭފުޅުންތަކެއް ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީއާ ގުޅި ވަޑައިގަންނަވަމުންދިޔަ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ކުރީގެ ވަޒީރުން ކަމަށްވާ އަބްދުﷲ ސާހިދާއި ޑރ. މުހައްމަދު މުނައްވަރާއި އަބްދުލް ހަމީދު ޒަކަރިއްޔާ ފަދަ ބޭފުޅުން ހިމެނެ އެވެ. ހަސަން ލަތީފު ބޭނުންވި މާއްދާތައް އެ ބޭފުޅުންގެ އަރިހުން ކިޔަވާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ރަނގަޅު އެކްސްޕޯޝާއެއް ލިބުނު، އޭގެ ތެރެއިން އަޅުގަނޑުމެންއާއެކު އޭލެވެލް ހަދަން އުޅުނު ވަރަށް ގިނަ ކުދިން ލޯއަށް އިންޓްރަސްޓް ޖެހިގެން، ލޯ ކިޔަވައިގެން ލޯ ޕްރެކްޓިސްކުރަން އެބަ އުޅޭ މިހާރު،" ހަސަން ވިދާޅުވި އެވެ.
ސަރުކާރު ބޮންޑެއް އޮންނަ ގޮތަށް ހަސަން އަށް ލިބި ވަޑައިގެންނެވި ސްކޮލާޝިޕެއްގައި ކިޔަވާ ވިދާޅުވުމަށް ބޭރަށް ވަޑައިގެން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީގެ ފުރަތަމަ ދެ އަހަރު ފުރިހަމަ ކުރެއްވީ މެލޭޝިއާއިންނެވެ. ފަހު އަހަރު އިނގިރޭސިވިލާތުގަ އެވެ. ގާނޫނީ ދާއިރާއިން ހަސަން މާސްޓާސް ހައްދަވާފައިވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީގަ އެވެ.
ހަސަން ފުރަތަމަ ވަޒީފާ އަދާކުރެއްވީ އެޓާނީ ޖެނަރަލް އޮފީހުގައި ސްޓޭޓް އެޓާނީ އެއްގެ ވަޒީފާ އެވެ. ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިގެން އޭނާ ކޯޓްތަކަށް ވަޑައިގަންނަވަން ފެށީ 2000 ވަނަ އަހަރު އެވެ. އެ އޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. -- އޭގެކުރިން އޭލެވެލް ނިންމުމަށް ފަހު ވެސް ހަސަން އެ އޮފީހުގައި މަސައްކަތްކުރެއްވި އެވެ. އެއީ 1995 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާ ހަމައަށް ސެކްރެޓްރީއެއްގެ ގޮތުގަ އެވެ. --
އެޓާނީ ޖެނަރަލް އޮފީހުން ވަކިވުމަށްފަހު ހަސަން ވަނީ ޑރ. މުނައްވަރާއެކު މުނައްވަރު އެންޑް އެސޯސިއޭޓްސް ލޯ ފާމް އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ. އޭގެ ފަހުން 2006 އަހަރުން ފެށިގެން 2008 އަހަރާ ހަމައަށް ގާނޫނު އަސާސީ ޑްރާފްޓީން ޕެނަލްގައި މަސައްކަތްކުރަން ފުރުސަތު ހަސަން ލިބުނެވެ. އެކަމުގައި ބުރަކޮށް މަަސައްކަތްކުރަން ޖެހުމުން ކޯޓަށް ގޮސް ވަކާލާތު ކުރުމުގެ މާގިނަ ފުރުސަތުތަކެއް ހަސަންއަށް ލިބިފައެއް ނުވެ އެވެ.
ދެހާސްއަށްވަނަ އަހަރު އޭރުގެ ސަރުކާރު ބަދަލުވެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއެކު އެ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓުން ހަސަން އަށް ޖާގަ ދެއްވި އެވެ. އެގޮތުން އެ ސަރުކާރުގެ ހިއުމަން ރިސޯސެސް، ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމުން ފުރުއްވެވި އެވެ. އެ މަގާމުގައި 2008 ވަނަ އަހަރުން 2012 އަހަރުގެ ނިޔަލަށް ހަސަން ހުންނެވި އެވެ.
"ވަރަށް ބައިވަރު މަސައްކަތްތައް ވަޒީރެއްގެ ގޮތުގައި ވެސް އަޅުގަނޑަށް ކޮށްދެވުނު. އަޅުގަނޑަށް ލިބުނީ ވެސް ވަރަށް ކުރު މުއްދަތެއް، ފަސް އަހަރުގެ ތެރެއިން ތިން އަހަރަކީ ވަރަށް ކުރު މުއްދަތެއް، އެހެންނަމަވެސް ވަރަށް ގިނަ އާ ކަންތައްތަކެއް ކުރެވުނު. އެކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެފަދަ ކެބިނެޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ... ފަހަރެއްގައި އެމްޑީޕީ ސަރުކާރުގެ ފަހުން އައި ސަރުކާރުތަކުން ފުޓްސަލް ދަނޑު އެޅި ވަރަށް ފުޓްސަލް ދަނޑު އަޅާފައި ނުހުރެދާނެ އެހެންނަމަވެސް ޒުވާނަކަށް އެންމެ މުހިންމުވާ ކަންކަން ދެނެގަނެގެން އެކަންކަން އެ ތިން އަހަރު ކުރެވިފައި ހުންނާނެ، ޒުވާނުންނަށް އެންމެ ބޭނުންވަނީ ކުޅިވަރު ނޫންކަން ވިސްނައިދެވުނު ތިން އަހަރު އެއީ، ހަގީގަތުގައި ފޫހިވެގެން ނުވާނެކަން، ވަޒީފާއާއި މަތީ ތައުލީމަކީ އެންމެ މުހިންމު ކަންތައްކަން ބުނެދެވުނު، އެއަށްފަހު ދެން ފޫހިވުމުން ދާން އޮންނަ ތަނެއްކަން ޒުވާނުންގެ މަރުކަޒަކީ ޒުވާނުންނަށް އަންގައިދެވުން،" ހަސަން ވިދާޅުވި އެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށާއި ސްކޮލަޝިޕް ޕްރޮގްރާމްތައް ހޯދައިދިނުމަށް ޔޫތް މިނިސްޓަރެއްގެ ގޮތުގައި ހަސަން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.
ވަޒީރެއްގެ ގޮތުގައި ހަސަން ހުންނެވި ސަރުކާރު ވެއްޓުމާ ގުޅިގެން އެނބުރި ހަސަން ވަޑައިގެންނެވީ ގާނޫނީ މަސައްކަތަށެވެ. އެގޮތުން ހަސަންއަކީ މިހާރު އެކީޓާސް ލޯ ފާމްގެ މެނޭޖިން ޕާޓްނަރެކެވެ. އެ ފާމްގެ އެހެން ޕާޓްނަރުންގެ ތެރޭގައި ފައްޔާޒު އިސްމާއީލާއި ހުސެއިން ޝަމީމާއި އިތުރު ބޭފުޅަކު ހިމެނި ވަޑައިގަންނަވަ އެވެ. އެ ފާމްގައި މިވަގުތު 10 ވަކީލުން މަސައްކަތް ކުރައްވަ އެވެ.
"މި ފާމްގެ ސާވިސް ލިބިފައިވާ މީހުން މަދެއް ނުވާނެ، ގިނަ ބަޔަކަށް ހަމަ އެނގޭވެސްމެ އަޅުގަނޑުމެންގެ ސާވިސްގެ ފެންވަރާއި އަޅުގަނޑުމެން ކްލައިންޓުންދޭ ސަމާލުކަން ވެސް، އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާގިނަ ލޯޔަރުންނާއެކު މަސައްކަތްކުރާއިރު މި ފާމަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާކޮށް ކުރިމަގު،" ހަސަން ވިދާޅުވި އެވެ.
ވަކީލެއްގެ ކޯޓުގައި ވާކާލާތު ކުރެއްވުމުގައި ހަސަންއަށް އެންމެ ބޮޑު ތަޖުރިބާއެއް ކުރަން ޖެހި ވަޑައިގަތ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ހާޒިރުވާން ޖެހިވަޑައިގަތުމުން ރާއްޖޭގެ ޝަރުއީ ދާއިރާގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ އެތައް ކަމެއް ހަސަންއަށް ފާހަގަ ކުރެއްވުނެވެ.
"ޝަރުއީ ދާއިރާގައި އިތުރަށް އިސްލާހުކުރަން ޖެހިފައިވާ ކަންކަން ހުރި މިންވަރު އަޅުގަނޑަށް އެނގިގެން ދިޔަ ރައީސް ނަޝީދުގެ ކޭސްގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން. ސިޔާސީ އެފަދަ މައްސަލައެއްގައި ކޯޓުތަކުންނާއި ފަނޑިޔާރުންނާއި ސަރުކާރުގެ ނުފޫޒު އޮންނަނީ ކިހާ ވަރަކަށްކަން ތަޖުރިބާ ކުރެވުނު،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ގާނޫނީ ވަކީލުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އަދި ދަތިތަކެއް ވެސް ދަނީ ކުރިމަތިވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި ޝަރުއީ ދާއިރާއަކީ ރައްޔިތުން ބަލައިގަންނަ ދާއިރާއަކަށް ވާނީ އިންސާފު ލިބޭނެ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިގެނެވެ.
"ވަރަށް އުނދަގޫ އާންމު އުސޫލެއްގައި ދިމާނުވާ ކަންކަމެއްގައި އެ ބޭފުޅުން އެ މަސައްކަތްކުރައްވަނީ، އެއީ ފަސޭހަ ކަމެއް ނޫން، އެހެންވީމާ ހާއްސަކޮށް އޭރަކު އޮންނަ ސަރުކާރު އެ ކުރައްވާ ކަންކަމަށް ކޮންމެ ކަމަކަށް އާ ބަސް ބުނާ ވަކީލުން ނޫން އެހެން ބޭފުޅުން އެ ކުރައްވާ މަސައްކަތަކީ ހަމަ ޖިހާދެއް، އެހާ އުނދަގުލުގައި އެ ބޭފުޅުން އެ މަސައްކަތްކުރަނީ، އިސްލާހުކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުރި ރާއްޖޭގައި،" ހަސަން ވިދާޅުވި އެވެ. "ފައިސާ ދީގެން ކަންކަން ނުކުރެވޭނެ ކަން ވެސް އެމީހުންނަށް ޔަގީންވީމަ އިތުބާރު ލިބޭނީ، އިންސާފު ލިބޭނެކަން ޔަގީންކަން ވީމަ އިތުބާރު ލިބޭނެ،"
ވަކީލެއްގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާއިރު، ޓީޓީ ކުޅުއްވުމަކީ ވެސް ހަސަން ވަރަށް ލޯބިކުރާ ކަމެކެވެ. އެއީ، ހަސަންގެ އާއިލީ ކަމެކެވެ. ކާމޭޒު މަތީ ވެސް ޓީޓީ ކުޅުމަކީ ހަސަންގެ އާއިލާ މެންބަރުން ވަރަަށް ފޯރީގައިކުރާ ކަމެކެވެ. އާއިލާ ހުރިހާ މެންބަރު ވެސް ޓީޓީ ވެސް ކުޅެ އެވެ. ހަސަންގެ ބޭބެ އަހުމަދު ލަތީފަކީ ޓީޓީ އެސޯސިއޭޝަން ރައީސެވެ. ހަސަން ވިދާޅުވީ، ލަދު ނުގަންނަ ވަރަށް ޓީޓީ ކުޅެން އެނގޭނެ ކަމަށެވެ. ނަމަވެސް މިހާރު ހުސްވަގުތު ނުލިބޭތީ ޓީޓީ ކުޅޭނެ ވަގުތެއް ނޯވެ އެވެ. އެހެންކަމުން ހަސަނަށް ލިބި ވަޑައިގަންނަވާ މަދު ހުސްވަގުތު ކޮޅުގައި މިހާރު އާންމުކޮށް ކޮށް ބައްލަވަނީ ފިލްމެވެ.
"ލިބޭ ހުސްވަގުތަކީ އަނެއްހެން މާގިނަ ކަންތައްތަކެއް ކުރެވޭނެ ކަހަލަ ވަގުތެއް ނޫން، އެ ރޭގަނޑު ތަންކޮޅެއް ލަސްވާ ފަހުން، ފިލްމް ބަލަން އަޅުގަނޑު، މޫވީސް ބަލާ އުޅެން، އާންމުކޮށް ބެލޭ ހޮލީވުޑްގެ ފިލްމްގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ފިލްމް ވަރަށް ބަލާއުޅެން، ވަރަށް ތަފާތު ހޮލީވުޑްގެ ފިލްމްތަކާ،" ހަސަން ވިދާޅުވި އެވެ.
ހަސަންގެ ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ، 10 އަހަރުގެ ޒާރާ އާއި އަށް އަހަރުގެ ޒީކް އެވެ. އެ ދެ ބޭފުޅުން ވެސް އިންޓަސްކޫލް ލެވެލްގައި ޓީޓީ ކުޅުއްވަ އެވެ.
ސިޔާސީ ދާއިރާގެ ކުރިން ހަސަން މަޝްހޫރުވެ ވަޑައިގެންނެވީ މުޅިން ތަފާތު ގޮތަކަށެވެ. މިހާރު އާންމުންގެ ސަމާލު ކަމަށް އޭނާ އަންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އެއް ކަމެއް ޔަގީނެވެ. ކޮންމެ ދުވަސްވަރެއްގައި ވެސް ހަސަން ހުންނަވަނީ އުުހުގައި ކަމެވެ.