"ހަވީރު" ގައި ހުރެގެން ރާއްޖޭގެ މިޒަމާނުގެ ތާރީހު – 1887 އިން ފަހަތަށް -- ދިރާސާ ކުރުމުގެ މަސައްކަތްތަކެއް އަޅުގަނޑަށް ފެށުނީ ކީއްވެގެން ކަމެއް ބުނެދޭކަށް ނޭނގެ އެވެ. އެކަމަކު އެއީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ލިޔުންތަކަކަށް ވެސް ވިއެވެ. އަޅުގަނޑުގެ އެ މަސައްކަތް ވަކި ހިސާބަކަށް ގެންގޮސްފައި ހުއްޓުނީ ތިން ސަބަބަކާ ހުރެއެވެ. އެއްކަމަކަށް ހަވީރުގެ ވަޒީފާއިން އަޅުގަނޑު ވަކިވާން ޖެހުމުން ވީފޫއްސެވެ. ދެވަނަ ކަމަކަށް އަޅުގަނޑުގެ "ޖިންނި" އަޅުގަނޑާ ވަކިވެގެން ދިއުމެވެ. ތިން ވަނަ ސަބަބު މިއަށް ވުރެ މުނާސަބު އެހެން ހަނދާނެއްގެ ތެރެއަށް ވައްޓައިލުމަށް މި ލޔުމުން އެއް ފަރާތްކޮށްލީ އެވެ.
މިދެންވި މަސައްކަތް ކުރި ދުވަސްވަރު، އެ ބޭފުޅަކާ ބައްދަލުވެ އަޅުގަނޑު ރަހުމަތްތެރިވާ ހިތުން މަސައްކަތް ކުރާތާ އެތައް ދުވަހެއްވެފައިވާ ނޮވެލްޓީ އަލީ ހުސައިންނާ އަޅުގަނޑާ ބައްދަލުވެއްޖެ އެވެ. އެ މަނިކުފާނުގެ ވާރޭ ވިލާއިންނެވެ. މާތްﷲ ތަނަވަސް ރަހުމަތުގެ ބޮޑު ކަމެވެ. އެއީ އަޖައިބެއް ކަހަލަ ޝަހުސިއްޔަތެކެވެ. ހަމަ ފުރަަތަމަ ފަޅި ސިކުންތުގައި ވެސް އަޅުގަނޑަށް ހީވީ މައުލޫމާތުގެ ކޯރެއްގެ ތެރެއަށް ގަންބާފައި ނަގާ ކޮޅަށް ބެހެއްޓިހެނެވެ.
އަޅުގަނޑާ އަލީ ހުސައިންނާ ފުރަތަމަ ބައްދަލުވި ވަގުތު ވެސް އެމަނިކުފާނުގެ އަރިހުގައި އިތުރު ބޭފުޅަކު އިންނެވި އެވެ. އެކަމަކާ އަޅުގަނޑު މާ ބޮޑު ފަރުވާލެއް ނުބަހައްޓަަމެވެ. އަޅުގަނޑުގެ ބޭނުމަކަށްވީ ރާއްޖޭގެ ރަދުންގެ މުސާރަ ބޮޑު ކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސެއްގެ މައުލޫމާތު، އަލީ ހުސައިންގެ މުއްސަނދި މޭޒުމަތިން "ދަމައިގަނެވޭނެ" ގޮތެއް ވޭތޯ ބެލުމެވެ.
އެރޭ އެ ސުވާލު ދެންނެވުމާއެކު އަލީ ހުސައިން ވިދާޅުވީ "މި އިންނެވި ޒަމީރަކީ މިޒަމާނުގެ ދިވެހި ތާރީހުގެ އިލްމުވެރިޔާ" ކަމަށެވެ. ކަން ދިމާ ކުރި ގޮތުން އަޅުގަނޑާ ޖެހިގެން ހުރި ގޮނޑީގައި އިންނެވި ބޭފުޅަކީ އަބްދުﷲ ޒަމީރެވެ. އެ އަބްދުﷲ ޒަމީރަކީ އަޅުގަނޑު އާދަވެ ކޮންމެ ދުވަހަކުހެން ފޯނުން ގުޅައި ވާހަކަ ދައްކާ ފޯނުގެ ރަހުމަތްތެރިއެކެވެ. އެހާތަނަށް އޮތީ ބައްދަލު ނުވެ އެވެ.
އެ ދުވަސްވަރު ރާއްޖޭގެ އެކި ކަންކަމުގެ މައްޗަށް ފާޑުކިޔައި އަޅުގަނޑު ލިޔުނު ގާތްގަނޑަކަށް ހުރިހާ ލިޔުމެއްގައިހެން ޒަމީރު ބަސް ހިމަނާފައި ވާނެ އެވެ. އެހެންވެ އެން ކަނދުފައްޗާއި މަސްކަނދުފަތި ކިޔާ ގޮތަށް ހަވީރުގެ ނޫސްވެރިންގެ ތެރޭގައި ޒަމީރަށް ނިސްބަތްކޮށް "މައުލޫމާތު ކަނދުފަތި" ކިޔައި އުޅެ އެވެ.
އަދި އޭރު އަޅުގަނޑާއެކު މަސައްކަތް ކުރެއްވި އިސް ބައެއް ނޫސްވެރިން ވިދާޅުވާ ގޮތުން ނަމަ ޒަމީރަކީ ކޮންމެ މީހެއް، ކޮންމެ ކަމެއްގެ މައުލޫމާތު ދުވަހުން ދުވަހަށް ރިކޯޑް ކުރައްވާ ރައްކާ ކުރައްވާ ބޭފުޅެކެވެ. އެހެން ކަމުން އެހާތަނަށް އަޅުގަނޑަށް ޒަމީރާ ބެހޭ ގޮތުން އެނގިފައި އޮތް މައުލޫމާތާއި ޒަމީރަށް ނިސްބަތް ކުރައްވާ އަލީ ހުސައިން ވިދާޅުވި "މިޒަމާނުގެ ތާރީހުގެ އިލްމުވެރިޔާ" އެ ރީތި ނަމާ ވަރަށް ގުޅެ އެވެ. -- މިތާނގައި "އިލްމުވެރިޔާ" އެ ލަފުޒެއް އަލީ ހުސައިން ބޭނުން ފުޅުޅެއް ނުކުރައްވަ އެވެ. ބޭނުންފުޅު ކުރެއްވީ "ޖނނ" ގެ ނަމުގަ އެވެ. އަޅުގަނޑަށް އެ ލަފުޒު ވެސް އެންމެ ރަނގަޅެވެ. އެކަމަކު އޭގެ މާނަ ފުރޮޅިގެން ހިނގައިދާނެތީ އާއި އިހްތިރާމް އަދާ ކުރުމުގެ ގޮތުން އެ ލަފުޒު "އިލްމުވެރިޔާ" ކަމަށް ފުރޮޅައިލީ އެވެ.
ޒަމީރާ ބައްދަލުވުމާއެކު ފުރަތަމަ ދުވަހުން ފެށިގެން ޒަމީރާ އަޅުގަނޑާ ދެމެދު ގާތް ކަމެއް އުފެދުނެވެ. އަދި "ދިވެހި ތާރީހު ދިރާސާ ކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށް ގެންދަން" ކޮންމެ ދުވަހަކު ހިތްވަރު ދެއްވާ އޭނާގެ ފަހު ދުވަހާ ޖެހެންދެން އަޅުގަނޑަށް ނަސޭހަތް ދެއްވާ ވަސިއްޔަތް ކުރެއްވި އެވެ.
ހަގީގަތުގައި ޒަމީރާ ބައްދަލުވުމާ ހަމައަށް އަޅުގަނޑަށް ލިޔެވުނީއަކީ ތާރީހެއް ނޫނެވެ. އެއީ އަޅުގަނޑަށް ނަމެއް ދޭން ނޭނގޭ މުޅީން އެހެން ވައްތަރެކެވެ. ތާރީހު ލިޔަން ފެށުނީ ޒަމީރު އަޅުގަނޑަށް ތާރީހު ޖަހަން ދަސްކޮށްދެއްވައި އެ އިލްމު އުނގަންނައި ދެއްވުމުންނެވެ.
ރާއްޖޭގެ ނޫސްވެރިކަން ކުރި އަދި މިހާރު ވެސް ދެމި ތިބި ނޫސްވެރިންގެ ތެރެއިން އަޅުގަނޑުގެ އަހު، މޫސާ ލަތީފު ފިޔަވައި މާތް ﷲ ގެ ތަނަވަސް ރަހުމަތާއެކު އެންމެ ގިނަ އަދަދެއްގެ ބޭފުޅުންނާ ބައްދަލުކޮށް އިންޓަވިއު ކުރި ދިވެހި ނޫސްވެރިޔަކަށް އަޅުގަނޑު ވާނެ އެވެ. އަދި ވަރަށް ގިނަ އިލުމުވެރިނާއި ތާރީހު ދިރާސާ ކުރެއްވި ބޭފުޅުންނާއި ގާތްކަމެއް އޮތް މީހަކަށް ވެސް ކުޑަކުޑަ އަޅުގަނޑުވާނެ އެވެ. އެހެން ނަމަވެސް ތާރީހު ދިރާސާ ކުރައްވާ ސާދާކޮށް ލިޔުއްވުމާއި މެނޭޖްމެންޓާއި ހިންގުމުގެ ދާއިރާގެ ލިޔުންތައް އެންމެ އާދައިގެ މީހާއަށް ނަގައިގަނެވޭ ގޮތަށް ލިޔުއްވުމާއި ފަހި، ފަސޭހަ ލިޔުމުގެ ތެރެއިން ވަރަށް ކުޑަކުޑަ ކަމެއް ރަބަރެއްހެން ދަމާ ބޮޑު ކޮށްލައި އާ ހިޔާލު އުފެއްދުމުގައި ޒަމީރު ފަދަ ފުދޭ، ކުޅަދާނަ، އަދި އެކަމަށް ކުޑަކުޑަ ވަގުތުކޮޅެއް ބޭނުން ކުރައްވާ އިލްމުވެރިޔަކު އަދިއަކު އަޅުގަނޑު މި ރާއްޖެއަކުން ނުދެކެމެވެ.
އަޅުގަނޑާ ޒަމީރާ އެންމެ ގިނައިން ބައްދަލުވަނީ ސޯސަން މަގުގައި ހުންނަ އެމަނިކުފާނުގެ ފެކަލްޓީންނެވެ. ވަރަށް ގިނަ ބޭފުޅުންނަށް ޒަމީރާ ބެހޭ ގޮތުން އެނގިވަޑައި ނުގަންނަވާ އެހެން ކަމެއް ވެސް ޒަމީރު ކުރައްވަ އެވެ. ބައްދަލުވާއިރު ޒަމީރު ހުންނަވަނީ ފާރުން އެތެރޭގަ އެވެ. އަޅުގަނޑު ބޭރުގަ އެވެ. އަބަދުވެސް ބައްދަލުވުމަށް ހޭދަ ކުރައްވާނީ 20 މިނެޓެވެ. އަޅުގަނޑުމެން ދެމެދަށް ޒަމީރުގެ މެއާ ހަމައަށް އަޅުގަނޑުގެ މޫނާ ހަމައަށް ހުންނަ ފާރަކީ އަޅުގަނޑުމެންގެ މޭޒެވެ.
ފާރުގެ ދެ ފަރާތުގައި އަޅުގަނޑުމެން ވާހަކާގައި ތިބޭއިރު އެކި މައުލޫމާތު ހޯދަން ސަރުކާރުގެ ވެރިންނާއި ސްކޫލްތަކާއި ބޮޑެތި އިލްމުވެރިންނާއި ނޫސްވެރިންނާއި އާންމު އެކި ފަރާތްތަކުން ޒަމީރަށް ގުޅަ އެވެ. އެއިން އެއްވެސް ބޭފުޅެއް ގާތުގައި "ބަލާލާފައި ގުޅުއްވާނަމޭ" ދުވަހަކު ވެސް ވިދާޅެއް ނުވެ އެވެ. ވަގުތުން އެ ކަމެއްގެ ޖަވާބު އެމީހަކަށް ހޯއްދަވައި ދެއްވަ އެވެ.
އެއީ ރާއްޖޭގެ ގަދީމީ އަދި މިޒަމާނުގެ ތާރީހާއި ދުސްތޫރީ ހަޔާތާއި އާންމު މައުލޫމާތު ކަމަށް ވިޔަސް ޒަމީރަށް ވަގުތުން ފަސޭހަ ކަމާއެކު އެޖަވާބެއް ދެއްވެ އެވެ. އަދި އަލަށް ޒަމީރަށް ލިބި ވަޑައި ގަންނަވާ ކޮންމެ މައުލޫމާތެއް ނޯޓް ފޮތަށް ނަންގަވައި ދުވަހުން ދުވަހުން ދުވަހަށް އެ މައުލޫމާތެއް ކޮމްޕިޔުޓަރަށް ލައްވަ އެވެ. އެ މަސައްކަތް ކުރައްވާ ގޮތާއި ތަރުތީބުން އަޅުގަނޑުމެން ދެމީހުންގެ ބައްދަލުވުމަށް ބުރުލެއް ނާދެ އެވެ. އަޅުގަނޑު ހުންނަނީ އަޖައިބު ހަރާންވެފަ އެވެ.
އަދި އެހެން ކަމެއް ވެސް ދަންނަވާފާނަމެވެ. ކޮންމެވެސް ވަޒީރަކު ނޫނީ ކޮންމެވެސް ބޭފުޅަކު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ޖެހިގެން ސްޕީޗެއް ލިޔުއްވާން ޒަމީރަށް ނުގުޅުއްވާ ހަފުތާއެއް ހަމަ ވަރަށް މަދުވާނެ އެވެ. ކަންދިމާވާ ގޮތުން އެތާކު އަޅުގަނޑަށް ވެސް ވަރަށް ގިނައިން ހުރެވެ އެވެ.
ބައެއް ދުވަސް ދުވަހު އަޅުގަނޑު ގުޅައިލީމާ ވިދާޅުވަނީ މިވެނި ބޭފުޅެއްގެ ސްޕީޗެއް ނިންމާލައި ދެއްވަނީ ކަމަށާއި 10 ވަރަކަށް މިނެޓް ދެއްވާށޭ އެވެ. އެވިދާޅާ ގޮތަށް ބާބަރު 10 މިނެޓް ފަހުން ޒަމީރު ހުންނަވާނީ ނުކުންނަވަ އެވެ. ބައެއް ފަހަރު އެހެން ލިޔުއްވާ ސްޕީޗްތައް "ކޮށައިލާށޭ" ވިދާޅުވެ އަޅުގަނޑު އަތަށް ދެއްވަ އެވެ. އަޅުގަނޑު ވަނީ ފާޑެއްގެ ރަތްކެކެވެ. ދެން އަނބުރާ އަތުލައްވާފައި ސްޕީޗް ލިޔުމުގެ ހުނަރުގެ ވާހަކައިން ފައްޓަވަފާނެ އެވެ.
އެއް ދުވަހަކު ވަރަށް ނުގަޑިއެއްގައި ކުއްލިއަކަށް ޒަމީރު އަޅުގަނޑަށް ގުޅުއްވި އެވެ. ބައްދަލުވުމުން އަޅުގަނޑާ ކުރެއްވީ ވަރަށް ބޮޑަށް ހައިރާންކުރުވައި ފޮޓޯގަނޑެއްހެން އަޅުގަނޑު ހުއްޓުވައިލި ސުވާލެކެވެ. ވިދާޅުވީ "އާދަމް ހަލީމް މަނިކުފާނުގެ ފޮތްތައް ކޮބައި ހެއްޔޭ" އެވެ. ސޮނިވެއްޓުމާއެކު އަޅުގަނޑަށް އަހައިލެވުނީ އެއީ އެވަރުގެ އިލްމުވެރިއެއްތޯއޭ އެވެ.
އެދުވަހު ޒަމީރު ވިދާޅުވީ އާދަމް ހަލީމްގެ މުނިކާފަ، މުންޑޫ މާލިމީ ހަސަންފުޅަކީ ވަރަށް ބޮޑު އިލްމުވެރިއެއް ކަމަށެވެ. ނެވިގޭޓާއެއް އަދި އެކްސްޕްލޯރާއެއް ކަމަށެވެ. އަރަބި ބަހުންނާއި ދިވެހި ބަހުން ލިޔެ ޗާޕު ނުޖަހައިހުރި ވަރަށް ގިނަ ފޮތްތަކާއި ދަތުރުނާމާތައް ލިޔުއްވެވި ކަމަށެވެ. އޭނާ ސީނަށާއި ބަންގާޅަށާއި އިންޑިއާ އާއި ޕާކިސްތާނާއި އިންޑޮނޭޝިއާ އާއި ސިލޯނާއި މިސްރް ފަދަ ގައުމުތަކަށް ދަތުރު ކުރެއްވި ކަމަށެވެ. އަދި އެ މާލިމީއަކީ 1932 ގައި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވައިލި ކޮމެޓީއަށް އެހީވާން އަތޮޅުތަކުން މާލެ ގެނައި ލަފާވެރިންގެ ތެރޭ ލާމުން ހިމެނުނު ދެ ބޭފުޅުންގެ ތެރެއިން އެކަކު ކަމަށެވެ.
ޒަމީރުގެ އެ މައުލޫމާތުގެ މައްޗަށް ދަތުރު ހަދައިގެން އަޅުގަނޑު މުންޑޫއަށް ގޮސް ބެލި އިރު މާޒީގެ ތެރެއަށް ފުރޮޅި ހުސްވެފައިވާ ދުވަސްތަކުގައި "އެއް ވަގު އަނެއް ވަގަށް" ނަގައި އެ ފޮތްތައް ވަނީ އެކިތަންތަނަށް ދަތުރުކޮށްފަ އެވެ. ވަރަށް މަސައްކަތްކޮށްގެން އޭގެ ތެރެއިން ވަރަށް ގިނަ ފޮތްތައް ހޯދައި މިހާރު ހުރީ އަޅުގަނޑުގެ އަތުގަ އެވެ.
ސެޕްޓެމްބަރު 25، 2009 ގައި ޒަމީރު އަވަހާރަވީ އަޅުގަނޑުލައްވާ މާލިމީ ކާފައާ ބެހޭ ތާރީހީ ލިޔުމެއް ލިޔެ، ހަވީރުގައި ޝާއިއު ކުރަން ވަރަށް ބޮޑަށް ބާރު އަޅުއްވަނިކޮށެވެ. އަދި އަޅުގަނޑުގެ ކޮށި ކަމަށްޓަކައި އެފަަދަ ކަމަކަށް ތެދުވާން ފަހަތު ފަޔަށް ބުރަވެފައި ހުއްޓަ އެވެ.
އެހެން ނަމަވެސް ދިވެހި ތާރީހުގެ އެކި ދިމަ ދިމާއިން ހާވައި ތަންތަންކޮޅު ނަގައިގެން އަޅުގަނޑު ލިޔުނު 100 އަށް ވުރެ ގިނަ ލިޔުމުގެ ބޮޑު ބައެއް އުފެއްދުމުގެ ހިޔާލު އުފަން ކުރުވައި އެ ލިޔުންތަކުގައި މިޒަމާނުގެ ރާގު އަޅުވައި ހިމުން ކޮށްދެއްވީ ޒަމީރުގެ އަޅާ ކިއުއްވުމުންނެވެ.
އަޅުގަނޑު އަޑު އަހާ ވާހަކައެއް އޮވެ އެވެ. ރާއްޖޭގެ މިޒަމާނުގެ ތައުލީމްގެ ކިރިންމަކީ ބޭރޫތުން ކިޔަވާ ވިދާޅުވީ ޓީމެވެ. ބޭރޫތުން ކިޔަވާ ވިދާޅުވި ޒަމީރަކީ މުޅި އައްޑު އަތޮޅުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ އައްޑޫ މީދޫ ފެންނާ މަނިކުފާނުގެ ކާފަ ދަރިކަލެކެވެ. ފެންނާ މަނިކުފާނު އައްޑު އަތޮޅުގެ ނައިބުކަން ވެސް ކުރެއްވި އެވެ. ޒަމީރުގެ ބައްޕައަކީ މީދޫ ކަތީބުކަން ވަރަށް ގިނަދުވަހު ކުރެއްވި އެދުރުގޭ މުހައްމަދު ނަސީމެވެ. މީދޫން ޒަމީރު މާލެ ވަޑައިގެން ތައުލީމް ހާސިލް ކުރެއްވުމަށް ހުންނެވީ ބޮޑުފެންވަޅުގޭ ސީދީ، "ހިމާރުލް ގައުމް" ގެ އަރިހުގައެވެ. ޒަމީރުގެ އެންމެ ގާތް އެންމެ ބޮޑު އެކުވެރިއަކީ އިލްމީ ގޮތުން އެފަދަ ދަވަނަ ނުވާފަދަ އިލްމުވެރިޔާ، މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ. އެ ދެބޭފުޅުންނަކީ އާއިލީ ގޮތުން ތިމާގެ އަދި ދެ ޅިޔަނުންނެވެ. އެފަދަ ބޭފުޅަކާއެކު އަޅުގަނޑަށް ކުރެވިފައިވާ ބައެއް ތަޖުރިބާގެ ހަނދާން އާކޮށްލުން ފިޔަވައި އިލްމުގެ އެ ކޯރު ފުޅަލަށާއި ދިގަށް ދައްކާލަން މުންޑޫ އާދަމް ހަލީމަކީ ފުދޭ ނަމެއް ނޫނެވެ.
އެކަމަކު ޒަމީރަކީ ރާއްޖޭގެ ގައުމީ ހަޔާތުގެ ހަރުގަނޑަށް ފަހުގެ ތާރީހުގައި ލެވުނު އެންމެ މުއްސަނދި އެންމެ ބޯ ފޮތޭ ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވެ އެވެ. ޒަމީރު ގެއްލުމަކީ މިއަދާ ހަމައަށް ފޫނުބެދި އުނިވަމުން އުނިވަމުންދާ ބޮޑުވެގެންވާ ބާގަނޑެކެވެ. އެންމެ ދެރައީ ޒަމީރު އަޅުގަނޑަށް ކުރެއްވި ވަސިއްޔަތާ އެއްގޮތަަށް އަޅުގަނޑަށް ވެސް އެ މަސައްކަތުުގައި ނޫޅެވި އާ ފާޑެއްގެ ލިޔުންތަކެއްގައި ހިފައިގަނެގެން އުޅެވޭތީ އެވެ.