ކާނާ

ހަމައެކަނި ބޯފޮޅިއެއް ނޫން، ނަން ހުސްކޮށް!

ހެންވޭރު ކޮޅު، ހަނިގޯޅިގަނޑެއްގެ ތެރޭގައި ހުރި އެ ކެފޭއަށް ނަޒަރު ހުއްޓުނެވެ. އެއީ ކުރަނގި ގޯޅީގައި ހުންނަ "ބޯފޮޅި" ކެފޭ އެވެ. ކެފޭގެ ނަމުން ވެސް މި ކެފޭއިން މީރު ބޯފޮޅި ލިބޭނެކަން އެ އޮތީ އެނގޭށެވެ. ކެފޭގެ ހާއްސަ ކަން ނަމުން އެ އޮތީ ފެންނާށެވެ. ކެފޭގެ ތެރެއަށް ވަނީ ވެސް، ބޮޑު އަރުކުރުން ލިޔެފައިވާ ބޯފޮޅީގެ އަޖު ބަލައިލާށެވެ.

ދެ ފަންގިފިލާއަކަށް ހަދާފައިހުރި ކެފޭއެކެވެ. އޭރު ރޭގަނޑެއްގެ 10:30 އެވެ. ކެފޭގެ ފުރަތަމަ ފްލޯގައި އިށިނދެލާނެ ތަންކޮޅެއް ނެތެވެ. ހުރިހާ މޭޒެއް ހުރީ ފުރި ބާރުވެފަ އެވެ. ދެން ޖެހުނީ މައްޗަށް އަރާށެވެ. ކަމަކުދާކަށް ނެތެވެ، މަތި ވެސް ފުރިފަ އެވެ. ތަންކޮޅެއް ނެތެވެ. ނަމަވެސް ކެފޭގެ އަޖުމަ ބަލަން ބޭނުންވެފައިހުރިލެއް ބޮޑުކަމުން ބަޔަކު ކެއުމަށް އިންސާފުކުރަން ތިބި މޭޒެއްގެ ކައިރީގައި ހުރި ހުސް ގޮނޑިއެއްގައި އެމީހުންގެ ހުއްދައާ އެކު އިށީނީމެވެ.

އެބަޔަކު ކާންތިބީ ބަތެވެ. ހީކުރީ އެ ކެފޭއިން ލިބޭނީ ހުސް ބޯފޮޅި ކަމަށެވެ. ނަމަވެސް އެހެނެއް ނޫނެވެ. މި ކެފޭއިން ނަން ހުސްކޮށް ކާތަކެތި ހުރީ ލިބޭށެވެ.

މޭޒު ދޮށުގައި ބަތަށް އިންސާފުކުރަން ތިބި މީހުނާ ވާހަކަ ދައްކާލުމުން އެ މީހުން ބުނީ "ބޯފޮޅި" ކެފޭގައި އެންމެ މީރީ ފްރައިޑް ރައިސް ކަމަށެވެ. "މިތާނގެ ފްރައިޑް ރައިސް ހަމަ ހަބޭސް، މިވަރެއް ނެތޭ ހަމަ ބުނެވޭނީ،" އާންމުކޮށް އެ ކެފޭއަށް އަންނަ އެމީހާ ހިނިތުންވެ އިނދެ ބުންޏެވެ.

"ބޯފޮޅި" ކެފޭގެ މެނޭޖަރު އިސްމާއިލް ފަތުހީ (އިއްސެ) ވިދާޅުވީ، ކެފޭއަށް ވަންނަ ގިނަ ކަސްޓަމަރުންގެ ތެރެއިން ބޮޑު އިންސަތައެއް ކާން އޯޑަރުކުރަނީ ފްރައިޑް ރައިސްއަށް ކަމަށެވެ. ތަފާތެއް ނެތެވެ. މާލޭގެ އާންމު ކެފޭތަކާ އެއްގޮތަށް އެ ކެފޭއިން ވެސް އެކިކަހަލަ ފްރައިޑް ރައިސްތައް ލިބެ އެވެ.

އެކަމަކު މި ކެފޭއަށް ހާއްސަ އެއްޗަކީ ބޯފޮޅި އެވެ. ރަހަ ވެސް މީރެވެ. ކާލަން ވަރަށް ހިތްގައިމެވެ. މީގެއިތުރުން މިތަނުން ލިބޭ ދިވެހި ކެއުމަކީ ވެސް ކަސްޓަމަރުންގެ ހަމަ ފޭވަރިޓެކެވެ.

ހިންގާތާ ފަސް އަހަރުވެފައިވާ މި ކެފޭއަށް ދުވާލެއްގެ މައްޗަށް 400 އާއި 500އާ ދެމެދުގެ އަދަދަށް މީހުން ވަންނަ ކަމަށް އިއްސެ ބުންޏެވެ. އިއްސެ ބުނީ، ކެފޭއަށް ސައިތައްޓެއް ބޯލަން ނޫނީ ކޮފީއެއް ބޯލަން ވަންނަ މީހުން ވެސް މަދެއް ނޫން ކަމަށެވެ.

"ވަރަށް ސަޅި ދެން ކޮފީތަށްޓެއް ބޯލަން މިތާ އިންނަން ވެސް، އަހަރެމެން ކަހަލަ މީހުންނަށް ސައިތައްޓެއް ބޯލަން ވެސް ވަދެވޭނީ މިކަހަލަ ތަނަކަށް، އަގުތައް ވަރަށް ރަނގަޅު މިތާ،" ސައިތައްޓެއް ބޯން ކެފޭ ތެރޭގައި އިން މީހަކު ބުންޏެވެ.

މިތަނުގައި މަސައްކަތްކުރަނީ ބަންގްލަދޭޝް މީހުންނާއި ދިވެހިންނެވެ. ކައްކާއިންނަށް ވެސް މި އުޅެނީ ބަންގްލަދޭޝްގެ ކައްކާއަކާއި ދިވެހި ކައްކާ އިންނެވެ.

އިއްސެ ބުނިގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށެވެ. ތަނަށް އެހާ ގިނަ މީހުން ވަންނަ ސަބަބަކީ ވެސް "ބޯފޮޅި" ކެފޭގެ ސާފުތާހިރުކަން ކަމަށްވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. އިއްސެ ބުނީ، ކެފޭގައި ރަނގަޅުކުރަން ޖެހޭ ކަންކަން ކަސްޓަމަރުން ފާހަގަކުރާ ކަމަށާއި ކަސްޓަމަރުން އެދޭ ކަންކަން ރަނގަޅުކޮށްދޭ ކަމަށެވެ.