ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ފުލުހުންގެ ބަންދުން އަދީބު ދޫކުރާނީ ތަހުގީގުތައް ނިމުމުން: ނަވާޒު

  • ކޯޓު ހުކުމަށް ފަހު އަދީބު ހުންނެވީ ދޫނިދޫގައި
  • އަދީބުގެ މައްޗަށް ހިންގާ ބައިވަރު ތަހުގީގު އެބަހުރި
  • އަދީބު ފުލުހުން ބަންދުގައި ހުރީ ކޯޓުން އަމުރުތައް ހޯދައިގެން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށާއި އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނީ ތަހުގީގުތަކެއް ކުރަމުންދާތީ ކަމަށް ފުލުހުން ބުނެފި އެވެ. އަދީބު މިހާރު ހުންނެވީ ފުލުުހުންގެ ތަހުގީގީ ޖަލު، ދޫނިދޫ ކުޑަގޮޅީގަ އެވެ. ނަމަވެސް އަދީބަށް ވަނީ ދެ މައްސަލައެއްގައި ހުކުމް އިއްވާފަ އެވެ.

"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، ފުލުހުންގެ ބަންދުގައި އަދީބު ހުރީ ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ. އަދި އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައިހުރީ މިހާރު ޝަރީއަތް ކުރިއަށްދާ މައްސަލަތަކެއްގައި އާއި ތަހުގީގުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ، އަދީބުއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު މިހާރު ވެސް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އެ ތަހުގީގަށް ފުލުހުންގެ ބަންދުގައި އަދީބު ބަހައްޓަންޖެހޭ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

"އޮންގޮއިން އިންވެސްޓިގޭޝަންތަކަކާ ގުޅިގެން އަދީބު ފުލުހުންގެ ބަންދުގައި އެ ހުރީ، ގާނޫނުން ލިބޭ މުއްދަތުތައް ލިބިގެން ބަންދުގައި ބަހައްޓާފައި އެ ހުރީ،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު މިހެން ވިދާޅުވެފައިމިވަނީ، އަދީބު ހުރީ، ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ވިދާޅުވެ އޭނާގެ ވަކީލުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ.