ބޭރު ކުޅިވަރު

އައިސްލޭންޑް އޮތީ މެސީއާއެކު، ރޮނާލްޑޯއަކީ ފޭލްވެފައިވާ މީހެއް!

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ބޮޑު ސިހުމެއް ކުރިމަތިވެފައިވާ ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެންމެ ބޮޑަށް މާޔޫސްވެފައިވަނީ ވެސް އޭނާ އެވެ. އަދި މީޑިޔާގެ ސަމާލުކަން މިހާރު އެންމެ ބޮޑަށް ހުއްޓިފައިވަނީ ވެސް އޭނާ އަަށެވެ.

ރޮނާލްޑޯގެ "މައްސަލައިގެ" ފެށުން އައީ ޕޯޗުގަލް އައިސްލޭންޑާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ގޯލަށް އެތައް ޝޮޓެއް ނެގި ނަމަވެސް އޭނާ އަށް ގޯލާ އަމާޒު ކުރެވުނީ އެންމެ ބޯޅައެކެވެ. މުޅި އައިސްލޭންޑް ވެގެން އޮތީ އޭނާ ބަނދެލާފަ އެވެ.
މިހެންވެ މެޗަށް ފަހު ރޮނާލްޑޯ ބުނީ ހަތަރުލައްކަ ހަމަނުވާ ގައުމު އުޅުނީ ފުޓްބޯޅަ ކުޅެން ނޫން ކަމަށެވެ.

"އެމީހުންނަށް ހީވީ ޔޫރޯ ތަށި ލިބިގެން އުޅުނުހެން. މިއީ ވަރަށް އާދައިގެ ވިސްނުމެއް. އެމީހުން ކުރިހާ ވެސް ކަމަކީ ޑިފެންސް ކުރުން. އެމީހުން ނޫޅޭ ކުޅޭކަށް. ޑިފެންސް ކުރީ. ޑިފެންސް ކުރީ. ޑިފެންސް ކުރީ،" މިއީ މެޗަށް ފަހު ރޮނާލްޑޯ ދެއްކި ވާހަކަ އެވެ.

އައިސްލޭންޑަކީ ޔޫރޯގައި ވާދަކުރާ އެންމެ އާބާދީ މަދު ގައުމެވެ. ރާއްޖެއަށްވުރެ އެ ގައުމުގެ އާބާދީ މަދެވެ. އެޓްލާންޓިކް ކަނޑުގައި ވަކިން އޮތް ޖަޒީރާ މި ގައުމުގައި އުޅެނީ 323،000 މީހުންނެވެ. ނަމަވެސް ރޮނާލްޑޯގެ މި ކޮމެންޓާއެކު އައިސްލޭންޑް ވަނީ އިންތިހާއަށް މަޝްހޫރުވެފަ އެވެ. އަދި އެ ގައުމުން ވަނީ ރޮނާލްޑޯ އަށް ބަހުގެ ހަމަލާތައް ވެސް ދޭން ފަށައިފަ އެވެ.

އައިސްލޭންޑްގެ ރައީސް ރަގްނާ ގްރިމްސަން ވިދާޅުވީ ރޮނާލްޑޯ ދައްކާ ވާހަކައަށް ފަރުވާލެއްނެތް ކަމަށާއި ނަމަވެސް އޭނާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރުމެން އޭނާ އަށް ޝުކުރު އަދާކުރަންޖެހޭނެހެން. އެއީ (އޭނާ އައިސްލޭންޑާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން) އަހަރުމެންނަށް އެވަރުގެ ބޮޑު މަގުބޫލުކަމެއް ލިބުނީތީވެ،" ރައީސް ވިދާޅުވި އެވެ.

އައިސްލޭންޑް ޓީމުގެ އަލްފްރެޑް ފިންބޮގަސަން ބުނީ ބުނީ އެއީ ރޮނާލްޑޯގެ ހިޔާލު ކަމަށާއި އެމީހުން މިހާރު ތިބީ ޕޯޗުގަލް އަތުން ޕޮއިންޓެއް ލިބުނުން އޮފަލުން ކަމަށެވެ.

ނަމަވެސް މައްސަލަ އިތުރަށް ގޯސްވީ މެޗަށް ފަހު އައިސްލޭންޑްގެ ކެޕްޓަން އަރޮން ގުނަސަން ޖާޒީ ބަދަލުކުރަން އެދުމުން އެކަމާ ދެކޮޅު ހަދައި އޭނާ އަކީ ކާކުހޭ ރޮނާލްޑޯ އެހި ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓް ކުރުމުންނެވެ. ނަމަވެސް މިކަން ގުނަސަން ދޮގުކުރެ އެވެ.

އެކަމަކު އައިސްލޭންޑާ ގުޅުން ހުރި މީހުން ވަނީ ރޮނާލްޑޯދެކެ އައި ރުޅީގައި އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިޔާ އާޖެންޓީނާ އާއި ބާސެލޯނާގެ ލަޔޮނަލް މެސީގެ ފަހަތަށް ވަދެފަ އެވެ.

އައިސްލޭންޑް މިޑްފީލްޑަރު ކާރީ އާނަސަން ބީބީސީ އަށް ބުނީ ރޮނާލްޑޯ އަށް ނާކާމިޔާބު މީހެއް ކަމަށާއި އެންމެ އުފާވަނީ އެކަމާހެދި ކަމަށެވެ.
އަދި އައިސްލޭންޑަކީ އެޓްލާންޓިކް ކަނޑުގައި އޮތް ކުޑަކުޑަ ގައުމެއް ކަމަށާއި އެމީހުން މިތިބީ ރޮނާލްޑޯ އަތުން ޕޮއިންޓެއް ހޯދައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އައިސްލޭންޑްގެ ކުރީގެ ކުޅުންތެރިޔާ ހާމަން ހައިދަރްސަން ރޮނާލްޑޯ އަށް ރައްދު ދެމުން ބުނީ ކޮންމެވެސް ދުވަހަކުން ރޮނާލްޑޯ ބަލިވާނެ ކަމަށެވެ.

"އެކަން ވާނެ. އެކަންވާން އެދަނީ މިހާރު. އޭނާ ޔަގީނުން ވެސް ވަރަށް މާޔޫސްވެފައިވާ ނާކާމިޔާބު މީހެއް. ރޮނާލްޑޯ ހީކުރަނީ ތަބަކަކަށް ލާފައި އޭނާ އަށް ގޯލުތަކެއް (ޖަހަން) ދޭނެއޭ. އަހަންނަށް ޔަގީން އައިސްލޭންޑްގެ ކުޅުންތެރިން ފަދައިން އޭނާ ބުރަކޮށް މަސައްކަތްކުރިނަމަ އޭނާ އެހެނެއް ނުބުނާނެ. އައިސްލޭންޑް ކުޅުންތެރިން މަސައްކަތް ކުރިގޮތަށް އޭނާ މަސައްކަތްކުރި ނަމަ އޭނާ އަށް ހައްގު އިނާމް ލިބޭނެ." ހައިދަރްސަން ބުންޏެވެ.