އަހުމަދު ފަޔާޒް (ޕާޕާ)

ޕާޕާ 2 އަހަރަށް، ޒަމީރާއި ތިހާމް ހަތަރު މަހަށް ހުކުމްކޮށްފި

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުވާކޮށްފައިވާ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ. އަނެއް ދެ މީހުން ކަމަށްވާ، މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ހުކުމް ކުރީ ހަތަރު މަހާއި 24 ދުވަހަށް ޖަލަަށް ލުމަށެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒުގެ މައްޗަށް މި މައްސަލާގައި އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މޫސާ ޒަމީރާއި އަހުމަދު ތިހާމްގެ މައްޗަށް ވެސް އުފުލާފައިވަނީ، އެ ދައުވާ އެވެ.

މި މައްސަލަ ބައްލަވާ ގާޒީން ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމަށްފަހު އެ ސަރަހައްދު ފަޔާޒުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމާއި އޭނާގެ އަމުރު މައުރޫފް އެތާ ހިންގާފައިވާ ކަމެވެ. އަދި ފަޔާޒު އެތާ އަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިން އޭނާއަށް އަމުރުކުރި ގޮތަށް ކަމަށް އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ، ފަޔާޒު ވަނީ ލޯންޗުކޮޅަށް ތަހުގީގުކުރުމަށް ފުލުހުން އެރިޔަނުދީ ހިފަހައްޓާފައިކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށާއި އީއޯޑީ ޓީމަށް ލޯންޗުކޮޅަށް އެރިޔަ ނުދީ ވެސް ހިފެހެއްޓިކަން ސާބިތުވާ ކަމަށެވެ. އަދި ލޯންޗުކޮޅު ފަޔާޒުގެ އަމުރަށް އެކި ތަންތަނަށް ގެންގޮސްފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ، ފަޔާޒު އެ ވަގުތު އަމަލުކޮށްފައިވަނީ ކުށުގެ ވެށްޓަށް ރައްކާތެރިނުވެ ކަމަށާއި އެއީ، ރަނގަޅު ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ގާޒީ އިތުރަށް ވިދާޅުވީ، އެ ދަނޑިވަޅުގައި ފަޔާޒު އަމަލުކޮށްފައިވަނީ ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިހުލާސްތެރިކަމާއެކު ނޫން ކަމަށެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ދުވަހު، ފަޔާޒު އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރާފައިވާކަން ސާބިތުވާ ކަމަށާއި އެ ލޯންޗުކޮޅުން ތަހުގީގަށް ބޭނުންކުރެވިދާނެ ހެކި ނަގައިގެން ހުޅުލެއަށް ތިހާމާއި ޒަމީރު ގެންގޮސްފައިވާ ކަމަށް ހެކިންގެ ހެކި ބަހުން ސާބިތުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ، ލޯންޗުކޮޅަށް ތިހާމާއި ޒަމީރު އެރީ ފަޔާޒުގެ އަމުރަށް ކަމަށްވިޔަސް ހެކި ނަގައިގެން ގެންގޮސްފައިވަނީ ފަޔާޒުގެ އަމުރަށް ކަމަށް އެނގެން ނެތް ކަމަށެވެ.

ތަހުގީގު އިދާރާއެއްގެ ލަފާއެއް ނެތި ލޯންޗުކޮޅުން ސާޕަންލްތަކެއް ނަގައިގެން ހުޅުލެއަށް އެ ގެންގޮސްފައިވަނީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށް ވެސް އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެއް ދައުވާއެއްގައި ތިން މީހުންގެ މައްޗަށް އަދަބު ތަފާތުވެފައިވަނީ އާސާސީ އަދަބުގެ ގޮތުގައި މި ކުށަށް ކަނޑައަޅާފައިވާ އަދަބުގެ ދަރަޖައަށް ބަދަލު ގެނެސްފައިވާތީ އެވެ. މުއައްސަސާގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ގޮތަށް ފަޔާޒު އަމަލުކޮށްފައިވާތީ، އޭނާއަށް ހުކުމް އިއްވީ އަދަބު އެއް ދަރަޖަ މަތިކުރުމަށްފަހު އެވެ.

ތިހާމާއި ޒަމީރުގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ އަސާސީ އަދަބު ތިން ދަރަޖަ ލުއިކުރުމަށްފަހު އެވެ. އެގޮތަށް ލުއިކޮށްފައިވަނީ ތިހާމާއި ޒަމީރު އަމަލުކޮށްފައިވަނީ ފަޔާޒުގެ އަމުރަށްކަން އެނގެން އޮންނާތީ އެވެ.