އަހުމަދު ފަޔާޒް (ޕާޕާ)

ޕާޕާއަށް އިތުރު ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮައްވާލި މައްސަލާގައި ގާނޫނީ ޒިންމާ އަދާކުރަން ހުރި މުވައްޒަފަަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް އިތުރު ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި މިއަދު ފަޔާޒުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ، ލޯންޗުކޮޅުގައި އެއްޗެއް ގޮވި ދުވަހު ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ފަޔާޒު ގަސްދުގައި ހުރަސް އެޅިކަން ސާބިތުވާ ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީން ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމަށްފަހު އެ ސަރަހައްދު ފަޔާޒުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސްފައިވާ ކަމާއި އޭނާގެ އަމުރު މައުރޫފް އެތާ ހިންގާފައިވާ ކަމެވެ. އަދި ފަޔާޒު އެތާ އަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިން އޭނާއަށް އަމުރުކުރި ގޮތަށް ކަމަށް އޭނާއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ، ފަޔާޒު ވަނީ ލޯންޗުކޮޅަށް ތަހުގީގުކުރުމަށް ފުލުހުން އެރިޔަނުދީ ހިފަހައްޓާފައިކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށާއި އީއޯޑީ ޓީމަށް ލޯންޗުކޮޅަށް އެރިޔަ ނުދީ ވެސް ހިފެހެއްޓިކަން ސާބިތުވާ ކަމަށެވެ. އަދި ލޯންޗުކޮޅު ފަޔާޒުގެ އަމުރަށް އެކި ތަންތަނަށް ގެންގޮސްފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ، ފަޔާޒު އެ ވަގުތު އަމަލުކޮށްފައިވަނީ ކުށުގެ ވެށްޓަށް ރައްކާތެރިނުވެ ކަމަށާއި އެއީ، ރަނގަޅު ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ގާޒީ އިތުރަށް ވިދާޅުވީ، އެ ދަނޑިވަޅުގައި ފަޔާޒު އަމަލުކޮށްފައިވަނީ ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިހުލާސްތެރިކަމާއެކު ނޫން ކަމަށެވެ.

މި މައްސަލާގައި ފަޔާޒުގެ މައްޗަށް ދެ ދައުވާ އުފުލިއިރު އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ފަޔާޒުގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެ ދައުވާ ސާބިތުވުމުން ފަޔާޒުގެ މައްޗަށް އިއްވީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން ފަޔާޒުގެ މައްޗަށް ވަނީ ޖުމްލަ ދެ އަހަރާއި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.