ކާނާ

ޑޯން ކެފޭގެ ބަޖިޔާ ކައިފިތަ؟ އަދިވެސް ކާނެ!

ހެދިކާތައް ކާލަން ދިވެހިންގެ ތެރޭގައި އޮންނަ ފޯރިއަކަށް އެއްވެސް ޒަމާނެއްގައި ބަދަލެއް ނާދެ އެވެ. ގުޅަ ބަޖިޔާ ބޯކިބާއަކީ އަބަދު ވެސް ދިވެހިންގެ އަނގަޔާ އެންމެ ކައިރި ބާވަތްތަކެވެ. އޭގެ ތެރެއިން ވެސް ބަޖިޔާއަށް ދީފައި އޮންނަ ދަރަޖަ މާ މައްޗެވެ. އެންމެ މީރީ ކޮން ހެދިކާއެއްތޯ ސުވާލުކޮށްލުމުން ވަރަށް ގިނަ ބަޔަކު ބުނާނީ ވެސް ބަޖިޔާ އޭއެވެ.

މީރު ބަޖިޔާލާ ނުލައި ހަވީރުގެ ސައި ފުރިހަމައެއް ނުވާނެ އެވެ. ރަނގަޅަށް ހެދިކާ ކެވުނު ކަމަށް ވެސް ވާނީ ސަޔާއެކު ހަތަރު ފަސް ބަޖިޔާ ހަފާލައިގެނެވެ. އާންމު ގޮތެއްގައި ބަޖިޔަލަކީ ގިނަ ހޮޓާތަކުގައި ވަރަށް މީރުކޮށް މޮޑޭ މަސްގަނޑަކާއެކު ހޫނުކޮށް ތައްޔާރު ކުރާ މީރު ހެދިކާއެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ބާޒާރު ސަރަހައްދުގައި ހުންނަ ކާރުބާރޫ ބޮޑު ސައި ހޮޓާ "ޑޯން ކެފޭ" ގެ ބަޖިޔާ އަދާޔާ ހިލާފަށް މީރުވާނެ އެވެ. ފަހަރެއްގައި މިހާރު މާލޭގައި ހުރި އެންމެ ދުވަސްވީ ހޮޓަލީ ވެސް އެއީ ކަމަށް ވެދާނެ އެވެ. އެހެން ނުވިޔަސް އެންމެ ދޮށީ ހޮޓާ ލިސްޓްގައި ޑޯން ކެފޭގެ ނަން އޮންނާނެ އެވެ.

ސުޕްރީމް ކޯޓް ހިންގާ ތީމްގޭގެ ފަހަތު މަގުގައި ހުންނަ މި ހޮޓަލީ އަބަދުވެސް ބާރުވެފައި އޮންނަ ހޮޓަލެކެވެ. ޑޯން ކެފޭއަށް އެންމެ ބާރު ބޮޑީ ކޮން ގަޑިއެއްތޯ ބަލައިފިއްޔާ އެ ވަގުތެއް ހޯދަން ދަތި ވެދާނެ އެވެ. ސަބަބަކީ އެއްވެސް ވަގުތެއްގައި އެތަނުން ޖާގައެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެވެ.

އެކަމު އެއް ކަމެއް ޔަގީނެވެ. ފަތިހަށް ތައްޔާރުކޮށްލާ ހޫނު ބަޖިޔަލާއި ހަވީރަށް ނެރޭ މީރު ބަޖިޔާގެ ގަޑީގައި ޑޯން ކެފޭ އޮންނަނީ ރަކަރަކަ ލައިލަ އެވެ. ޑޯން ކެފޭގެ ބަޖިޔަލަށް އެގަޑި ތަކުގައި ބައެއް މީހުން "މޮޔަ" ވެއެވެ.

ޑޯން ކެފޭގައި މީރު ގިނަ ބާވަތްތަކެއް ހުރެއެވެ. އެކަމަކު އަބަދުވެސް އެންމެ ގިނަ މީހުންނަށް މި ހޮޓަލުން އެންމެ ކަމުދާ އެއްޗަކަށް ވަނީ ބަޖިޔަލެވެ. އެއީ އެ ބަޖިޔާ ހަމަ އެހާވެސް މީރުވީމަ އެވެ. އަދި ފާހަގަވާ އެއް ކަމެއް އެބަ އޮތެވެ. އެއްވެސް މީހަކު ބަޖިޔަލެއް ނުނަގާ އެ ހޮޓަލުގެ ތެރެއިން ފެންނާނީ ހާލުން ހާލުންނެވެ.

"ގިނަ މީހުން މިތަނަށް އަންނާނީ ބަޖިޔާ ކާން، ވަރަށް މީރު ބަޖިޔަލެއް މިތާނގައި ހުންނާނީ،" ބާޒާރު މަތީ އެ ހޮޓަލަށް އަބަދުވެސް ވަންނަ ދުވަސްވީ މީހަކު ބުންޏެވެ.

ޑޯން ކެފޭއަކީ މާ ބޮޑު ހޮޓަލެއް ނޫނެވެ. ދިގު މޭޒަކާއި ދެ ފަރާތުގައި ދެ ތިން މޭޒު ޖަހާލާއިގެން ފުރާލާފައި އޮންނަ ހޮޓަލެކެވެ.އެންމެ ބާރުބޮޑު މާރުކޭޓް ސަރައްހަދުގައި ހުންނަ މި ހޮޓާގެ މޭޒުތައް އަބަދުހެން ކަހަލަ ގޮތަކަށް އޮންނަނީ އެހެންވެ ފުރިފަ އެވެ.

"މިއީ ވަރަށް ފައްކާ ހޮޓަލެއް މިތާނގެ ބަޖިޔާ ހަމަ ރަނގަޅީ، ވަރަށް މީރު، މިތަނަށް ވަންނަނީ ހަމަ ބަޖިޔާ ކާން،" ޑޯން ކެފޭގެ މޭޒެއް ދޮށުގައި ބަޖިޔަލެއް ކާން އިން ޒުވާނަކު ބުންޏެވެ.

ހޮޓަލުގެ އެއް ކޭޝިޔަރަކު ބުނި ގޮތގައި އެ ހޮޓަލުގެ ބަޖިލަކީ ހާއްސަ ބަޖިޔަލެކެވެ. އެއްފަހަރު ކައިފިއްޔާ ދެން ވެސް ކާން ޖެހޭނެ އެވެ. އެތަނަށް ދާ އެންމެ ގިނަ ބަޔަކު ބޭނުންވަނީ ބަޖިޔާ ކާށެވެ.

"މިތާ ބާޒާރުމަތީ ހުންނަ ފިހާރައެއްގައި އަހަރެން މި މަސައްކަތްކުރަނީ، ވަރަށް ބުރަކޮށް އުޅެން މި ޖެހެނީ، ވަރަށް އުނދަގޫ ކާން ވަގުތު ހޯދަން ވެސް، އެހެންވެ ކައިރީގައި ހުންނަ މި ހޮޓަލަށް މި ޖައްސާލަނީ، ހަމަ ރަނގަޅުވީމަ މިތަނަށް އަންނަނީ، މި ހޮޓަލުގެ ބަޖިޔާ އެންމެ މީރީ، އެ އެންމެ ގިނައިން ކެވެނީ ވެސް އެ ބަޖިޔާ" އެ ކެފޭގައި އިން މީހަކު ބުންޏެވެ.

ބާޒާރު މައްޗަށް ޖެހިލާ ވަގުތަކު ނޫނީ މިކަމަށް ވަގުތު ހުސްކޮށްލައިގެން ވެސް މިއީ ރަހަ ބަލައިލަން ރަނގަޅު ބަޖިޔަލެކެވެ. ޑޯން ކެފޭގެ ބަޖިޔަލެއް ކާލަން އެ ކެފޭއަށް މިރޭ ދާންވާނެ އެވެ.