ރޯދަ މަހާ ރޯއްޖާ

އެ ހަނދާނުގައި: ފަތުހުﷲ ޖަމީލް

Jun 21, 2016
6

ކުޑަކުޑައިރު އަޅުގަނޑުގެ ބައްޕަ އިމާމުވެ ހުކުރު ކުރައްވާ ދުވަސް އެއީ ވަރަށް ބޮޑު ދުވަހަކަށް ވެއެވެ. ލެޓިން އަކުރުން ލިޔެފައި އޮންނަ ހުތުބާ ވަރަށް ހެނދުނާ ބައްޕަ އަޅުގަނޑުގެ އަތަށް ދެއްވާފައި ބާރަށް ކިޔާށޭ ވިދާޅުވާތީ އެވެ. ބައްޕަ އިންނަވާނީ ހުތުބާ އަޑު އައްސަވާށެވެ. އޭގެ ތެރެއިން ވަރަށް ގިނަ ހުތުބާ ނިމޭތާނގައި އޮންނަ އިބާރާތެއް ވެސް އަޅުގަނޑު ވަރަށް ކިޔަމެވެ. އެއީ "ލިޔުއްވީ މުހައްމަދު ޖަމީލް ދީދީ، ޕްރޫފް ބެއްލެވީ ފަތުހުﷲ ޖަމީލް" މިހެނެވެ.

މި ދެންނެވި އިބާރާތްކޮޅު ކިޔުނެލެއް ގިނަ ކަމުން ބައްޕަ ހުތުބާ ދެއްވާއިރު މިސްކިތުގައި އިނދެގެން ހުތުބާ ނިމޭވަގުތު ވެސް އަޅުގަނޑަށް "ލިޔުއްވީ މުހައްމަދު ޖަމީލް، ޕްރޫފް ބެއްލެވީ ފަތުހުﷲ ޖަމީލް" ކިޔައިލެވެ އެވެ. މިހާރު ވެސް އެކުއެކީގައި ބޮޑުވި އަޅުގަނޑުގެ ކޮއްކޮ އަލީ އާއި ދައްތަ، ހައްވަ އެއްތަންވުމުން ކުރެވޭ ސަމާސާގެ ހަނދާތަކުގައި އަޅުގަނޑާ ދިމާ ކުރުމުގެ ގޮތުން "ލިޔުއްވީ މުހައްމަދު ޖަމީލް ދީދީ، ޕްރޫފް ބެލީ ފަތުހުﷲ ޖަމީލް" ގެ އިބާރާތް ނައިހެއް ވަކިވެވޭ ގޮތެއް ނުވެއެވެ.

އޭރުން ފެށިގެން އަލް އުސްތާޒު ފަތުހުﷲ ޖަމީލުގެ ނަމަކީ އަޅުގަނޑުގެ ހިތާ ވަރަށް ކައިރީގައި އޮންނަ ނަމެކެވެ. އެހެން ވިޔަސް މެދުކެނޑުމެއް ނެތި 27 އަހަރު މި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރެއްވި އަލް އުސްތާޒު ފަތުހުﷲ ޖަމީލްގެ އިލްމުވެރިކަމާއި ހާރިޖީ ސިޔާސަތުގެ ވާހަކައިން ލިޔާން އަޅުގަނޑު މަނާވެއްޖައިމެވެ. އެގޮތީ އެފަދަ ފުދޭ މީހަކަށް އަޅުގަނޑު ނުވާނެތީ އެވެ. ހަމައެކެނި ފަތުހުﷲ ޖަމީލާއެކު ކެރެވުނު ދެތިން ތަޖުރިބާއެއްގެ ސުރުހީއެއް ދެވޭތޯ ބަލާނަމެވެ.

ކަންދިމާ ކުރި ގޮތުން އަޅުގަނޑަށް "ދުނިޔެ" ފެންނަން ފެށީ ބަނޑޮހުގެ ވެރިޔާ، ކުރީގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހިއްދީނުގެ އަރިހު، އެމަނިކުފާނުގެ ޑިބާގޭގައި ހުރި ދުވަސްވަރު އެވެ. އަތްގަނޑުލީ ފޯނެއްގައި އަޅުގަނޑު ފުރަތަމަ އަތްލީ ވެސް އެގެއިންނެވެ. ވަރަށް ގިނަ ވަގުތު ހުހަށް އޮންނަ އެގޭގައި ހެނދުނު ގާތްގަނޑަކަށް 11:00 ޖަހާ ބައިގަޑީގައި (އެގާރަ ގަޑި ބައިގައި) ވަރަށް ގިނައިން ފޯނެއް އާދެ އެވެ. އެއަކީ ކިތަންމެވަރަކަށް ހޭރުނަސް އަހުރެންނަކު ނަގާކަށް ޖެހޭ ފޯނެއް ނޫނެވެ. އެކަމަކު އެހެން އަންނަ ފޯނު ކަންފަތުގައި ޖައްސާލާ ހިތްވާތީ ދެކޮޅު ބަލާލާފައި ނަގަނީ އެވެ. މަނަލެއް ވެސް ނުމެ ކުރެއެވެ.

އަސްތާ އެއީ "ބޮޑު" ފޯނެކެވެ. ދައުލަތުގެ އެންމެ އިސްވެރިޔާއާ ހަމައިން ފެށިގެން ވަރަށް ގިނަ ވަޒީރުންނާއި އިތްޒަތްތެރިންނާއި ވިޔަފާރިވެރިން ވެސް އެ ފޯނަށް ގުޅުއްވަ އެވެ. – އެފަދަ ބައެއް ވާހަކަ އެެހެން ފަހަރަކުން ލިޔާނީ އެވެ –

ހެނދުނު 11:00 ޖަހާ ބައިގަޑީގައި އެންމެ ގިނައިން އެ ފޯނަށް ގުޅުއްވާނީ ފަތުހުﷲ ޖަމީލެވެ. ގުޅުއްވާފައި "މިއީ ފަތުހުﷲ ޖަމީލޭ، ވަހިއްދީން ދަންވާލަ ދެއްވާށޭ!" ވިދާވާނެ އެވެ. އެހެން ހަމަ ވިދާޅުވުމާއެކު އެއްކަލަ އިބާރާތް، "ލިޔުއްވީ މުހައްމަދު ޖަމީލް، ޕްރޫފް ބެއްލެވީ ފަތުހުﷲ ޖަމީލް"، އަޅުގަނޑު ގައިގައި ވިކައިގަނެ އެވެ. ދެން ހިސާބަކަށް ހެވިފައި ހުރެ ވަހިއްދީނަށް ދަންނަވަނީ އެވެ.

މި ދެންނެވި ފޯނަށް ފަތުހުﷲ ގެ ކޯލެއް އައި ދުވަހެކެވެ. އެ ފޯނަށް ވަހިއްދީން ވާހަކަފުޅު ދެއްކެވިތާ ކުޑައިރުކޮޅެއް ފަހުން ފަތުހުﷲ ޖަމީލަށް ސިޓީއެއް ލިޔެގެން ގެނެސްދޭށޭ ވިދާޅުވެއްޖެ އެވެ. އެ ސިޓީ އިބާރާތް ކުރި އިރު އަޅުގަނޑަށް ލިޔެވުނީ "އަންނަބީލް އަލް އުސްތާޒު ފަތުހުﷲ ޖަމީލަށް،" މި ގޮތަށެވެ. އެ ސިޓީގައި ބަޔާންކުރި އެހެން ކަންކަން ހާމަ ކުރަން އަޅުގަނޑު މިތާނގައި މަނާވެ ގަންނަމެވެ.

މި ސިޓީ ބައްލަވާފައި ވަހިއްދީނު އެމަނިކުފާނުގެ އާދައިގެ މަތިން ފުރަތަމަ ވެސް ހިނިފުޅު ވަޑުވާފައި "ހާތްތެރީ" އޭ ވިދާޅުވެއްޖެ އެވެ. ދެން ހިސާބަކަށް ކޯފާގެ ގޮތް ދައްކަވާލައްވާފައި "އަންނަބީލް" ބޭނުން ކުރެވޭ ހާލަތު އަޅުގަނޑަށް ވިދާޅުވެ ދެއްވައިފި އެވެ.

ފަތުހުﷲ ޖަމީލާ އަޅުގަނޑާ ފުރަތަމަ ބައްދަލުވީ ބަނޑޮހުގައި ބޭއްވި ސާކްގެ ހާރިޖީ ވަޒީރުން ބައްދަލުވުމަކަށް ވަޑައިގެން ވަހިއްދީނާ ބައްދަލު ކުރެއްވުމުގެ ތެރޭގަ އެވެ. އަޅުގަނޑަށް ވަރަށް ގާތުގައި ހުރެވޭތީ އަޅުގަނޑާބެހޭ ގޮތުން ކޮންމެވެސް އެއްޗެއް އެއްސެވީވެސް ތޯއްޗެކެވެ. ވަހިއްދީން އަޅުގަނޑަށް ގޮވާލައްވާފައި ފަތުﷲ އަށް އަޅުގަނޑު ސިޓީ އިބާރާތް ކުރި ގޮތް ވިދާޅުވެ ދެއްވައިފި އެވެ. އެކަން ފަތުހުﷲ އަށްވީ ވަރަށް މަޖާ ކަމަކަށެވެ. ވަރަށް ބޮޑަށް ބިނދި ވަޑައިއެވެ. "ތިޔައީ ހަމަ ރަނގަޅު ސިޓީ" އެކޭ "ދެން ފަހަރަކުން ޕްރޫޕް ބަލަން އަޅުގަނޑަށް ފޮނުވާލާށޭ" ވެސް ވިދާޅުވެއްޖެ އެވެ.

އެހެން ހަމަ ވިދާޅުވުމާއެކު ހުތުބާގެ ފަހަތުގައިވެސް އެހެން އޮވޭ ނޫންތޯއޭ އަޅުގަނޑު ވެސް ދަންނަވައިފީމެވެ. އެ ވާހަކަވީ އެ ދެބޭފުޅުންނަށް މާ ކަމުދިޔަ ވާހަކައަކަށެވެ. އަޅުގަނޑަށް ލިޔެވިފައި ހުރި ހަމަނުޖެހޭ ބައެއް އެހެން ސިޓީތަކުގެ ވާހަކަ ވެސް އެދުވަހު ފަތުހުﷲ އަށް ވަހިއްދީނު ވިދާޅުވެ ދެއްވި އެވެ.

ކޮންމެއަކަސް އަޅުގަނޑު ނޫސްވެރިޔަކަށް ވެގެން ނުކުތުމާއެކު ފޮރިން މިނިސްޓްރީއާ ގުޅުން ހުރި ވަރަށް ގިނަ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ދާންޖެހުނެވެ. ފުރަތަމަ ދުވަހު އެމަނިކުފާނުގެ ލޯފުޅުގައި އަޅުގަނޑު އަޅައިގަތީ ބައްދަލުވުން ނިމިގެން އެ މަނިކުފާނު ގެއަށް ވަޑައިގަންނަވަން ހިންގަވަނިކޮށެވެ. ކުއްލިއަަކަށް މަޑުކޮށްލެއްވުމަށްފަހު "އަންނަބީލް" ގެ ވާހަކަ އައްސަވާފައ ހަޖުލެއް ޖައްސަވައިފި އެވެ. އަދި އެމަނިކުފާނު ވެސް ވަރަށް ލިޔުއްވާ ހިތްޕުޅުވާ ކަމަށާއި އެކަމަކު އެކަމާ ނޫޅުއްވޭ ކަމަށް ވިދާޅުވި އެވެ. އަދި އަޅުގަނޑުވެސް "ޕްރޫފް ބަލައި ދީފާނަމޭ" ދަންނަވަމެވެ.

އެމަނިކުފާނަކީ ވަރަށް މޮޅު ކުރެހުންތެރިއެކެވެ. އަދި އެހާ މޮޅަށް ޅެން ހައްދަވާ މިއުޒިކް ވެސް ކުޅުއްވާ ބޭފުޅަކަށްވާތީ އާއި ޖޯކް ވިދާޅުވުމުގައި އާދަޔާހިލާފު ބޭފުޅަކަށްވާތީ، ފަތުހުﷲ ޖަމީލާ ބައްދަލުވާ ވަރަށް ގިނަ ފަހަރު އެކަން ކަމާ ގުޅޭ އިންޓަވިއުއެއް ދެއްވާތޯ ދަންނަވަމެވެ. ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ ކޮންމެވެސް ޖޯކެކެވެ. ދެން ހަމަޖައްސާލެއްވުމުގެ ގޮތުން "އަދި ތަންކޮޅެއް ފަހުންދޯ" އޭ ވިދާޅުވެފައި އެއްފަރާތްވެވަޑައިގެންފާނެ އެވެ.

އެހެން ދެ ހާދިސާއެކެވެ. އިވެންޓެއް ކަވަރު ކުރާން ފޮރިން މިނިސްޓްރީއަށް ދާން ޖެހިއްޖެ އެވެ. އަޅުގަނޑު ދިޔައިރު އެހެން ނޫސްވެރިން އަދި އެތާކަށް ދައްކައެއް ނުލަ އެވެ. ކޮންމެއަކަސް އަޅުގަނޑު ގެންގޮސް އެއްވެސް މީހަކު ނެތް ކޮޓަރިއަކަށް ވައްދައިފި އެވެ. އެތާނގައި ރާއްޖެއާ އިންޑިޔާގެ ދިދަ ހުއްޓެވެ. އޭރު އިންޑިޔާގެ ޑެޕިއުޓީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވެސް ވަޑައިގެން އުޅުއްވާތީ އަޅުގަނޑަށް ވަދެވިފައި މި އިނދެވުނީ ދެ ގައުމުގެ މެދުގުގައި ބާއްވާ ސިއްރު ބައްދަލުުމުގެ ކޮޓަރިކޮޅަކަށް ވެސް އެނގިއްޖެ އެވެ.

ހަގީގަތުގައި އަޅުގަނޑު ދާންޖެހެނީ އެ ބައްދަލުވުމަށްފަހު އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށެވެ. ދެން އަވަސް އަރުވާލައިގެން ނުކުންނާންވީއޭ ހިތައި ގޮނޑިން ތެދުވާން ފޫ ހިއްލައިލައިނިކޮށް ދެ ފާރާތުން ދެ ދޮރު ހުޅުވާލައްވާފައި ފަތުހުﷲ ޖަމީލާއި އިންޑިޔާގެ މިނިސްޓަރު ވަދެ ވަޑައިގެންފި އެވެ. އަރިހުގައި އެހެން ޑިޕްލޮމޭޓުން ވެސް ހިމެނެ އެވެ. ދެން ހަމަ ގުޑިލާން ވެސް ނުކެރި އިނީ އެވެ.

ދެރަ ނުވާންވެގެން ދެކެވުނު ހުރިހާ ވާހަކައެއް ރިކޯޑް ވެސް ކުރަމުން ދިޔައިމެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަތުހުﷲ ޖަމީލް އިރުއިރުކޮޅާ އަޅުގަނޑަށް ބައްލަވާލައްވާފައި "މިއީ ސިއްރު ބައްދަލުވުމެކޭ" އިޝާރާތުން ވިދާޅުވާން އުޅުއްވި ތަނެވެ. އަޅުގަނޑު ހަދާ ގޮތަކީ އެ ދިމާއަށް ނުބަލައި ހަމަ ނޯޓް ކުރަނީ އެވެ. ހަރާން، ނޯޓެއް ނުވެސް ކުރަމެވެ. ގަލަން ހޭކީ އެވެ.

ބައްދަލުވުން ނިމުމާއެކު ބޭފުޅަކު ބާރަށް އަޅުގަނޑާ ދިމާއަށް ވަޑައިގެން އެތަނަށް ވަނީ ކިހިނެއްތޯ އައްސަވައފި އެވެ. އަދި ނޯޓް ކުރެއްވި ކަރުދާސްތަކާއި ރިކޯޑް ކުރެއްވި ޓޭޕް ދެއްވާށޭ ވެސް ވިދާޅުވެއްޖެ އެވެ. އަޅުގަނޑު ނޯޓެއް ނުކުރަމޭ ދަންނަވާފައި ބޭރަށް ނުކުތް އިރު އެހެން ނޫސްވެރިން ތިއްބެވެ. އެ ބައްދަލުވުމަށް އަޅުގަނޑަށް ވަދެވިފައި އެމީހުންނަށް ނުވެދެވިގެން ވަރަށް ޝަކުވާވެސް އޮއްސައިފި އެވެ. ޕީއެސްމްގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު ހުންނެވި އިބްރާހިމް ހަލީލަކީ ޝަކުވާ ފެއްޓެވި ބޭފުޅާ އެވެ. އެވީގޮތް އަޅުގަނޑު ކިޔައި ދިނުމުން އެ އެންމެނަށްމެވީ މަޖަލަކަށެވެ.

އެ ދުވަހު އަޅުގަނޑު އެނބުރި ހަވީރަށް ގޮސް ވަނުމާއެކު އެކަމާ ގުޅިގެން އެޑިޓަރު އަލީ ރަފީގު ސުވާލު ކުރައްވާ ޓޭޕް އަތުލައްވައިފި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ހަމަ އެކަހަލަ ބައްދަލުވުމަކަށް އަޅުގަނޑަށް ވަދެވިއްޖެ އެވެ. މިފަހަރު ފަތުހުﷲ އެ ބައްދަލުވުމުގެ ތެރޭގައި އިންނަވައިގެން ބޭފުޅަކު ފޮނުއްވައި އަޅުގަނޑު ބައްދަލުވުމުން ބޭރުކޮށްލެވީ އެވެ.

އޭގެ ފަހުން ވެސް ފަތުހުﷲ އާ އަޅުގަނޑާ މަދުމަދުން ބައްދަލުވެ އެވެ. ކޮންމެ ތަނަކުން ފެނި ވަޑައިގެންނެވި ނަމަވެސް "މިހުންނެވީ އެއްކަލަ ސިއްރު ބައްދަލުވުމަށް ވަންނަ ބޭފުޅާ" އޭ ވިދާޅުވެ ވާހަކަފުޅު ދައްކަވަ އެވެ. އަދި ކަންކަމާ ގުޅޭ ޖޯކް ވިދާޅުވެ ދެއްވަ އެވެ. ކޮންމެވެސް ޖޯކެއް ވިދާޅުނުވާ ފަހަރަކު އަޅުގަނޑަކާ ބައްދަލެއް ނުވެ އެވެ. މާޗް 1، 2012ގައި އުމުރުފުޅުން 69 އަހަރުގައި އަވަހާރަވީ އަޅުގަނޑާ ބައްދަލު ނުވާތާ ވަރަށް ދުވަސްވެފައި ވަނިކޮށެވެ.

އެމަނިކުފާނު އަހަވާރަވި ހަބަރު އޭރު އަޅުގަނޑު މަސައްކަތް ކުރި ނޫސް، ސަންގައި ލިޔުނީ އަޅުގަނޑެވެ. އެއީ ހިތަށް ވަރަށް ނޭނގޭ އަސަރުތަކެއް ކުރުވި ވަގުތުކޮޅަކަށްވި އެވެ. އަދި ލިޔާ ހިތް ނުވެގެން އިނދެ ލިޔުނު ހަބަރަކަށްވެސް ވިއެވެ.