ވިޔަފާރި

ޝެރެޓަންގެ ދޮންވެލިމަތީ ވަރަށް ސަޅި ރޯދަ ވީއްލުމެއް!

  • ރޯދަ ވީއްލުން ހޮނިހިރު، ބުރާސްފަތީގައި
  • ކުޑަކުދިންނަށް 50 ޕަސެންޓް ޑިސްކައުންޓް
  • މެނޫގެ އަގަކީ ދަތުރާއެކު ބޮލަކަށް 60 ޑޮލަރު

ލޯންޗް ކައިރި ކުރުމާއެކު މަރުހަބާކީ ހިނިތުންވެފައިވާ މޫނު ތަކެވެ. ހިތަށް ފިނިކަން ލިބިއްޖެ އެވެ؛ މިއީ މާލެ އިން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ރާސްތާގައި އޮންނަ "ޝެރެޓަން މޯލްޑިވްސް ފުލް މޫން" ރިސޯޓެވެ. މި އަހަރުގެ ރޯދަ ވީއްލުން މި ތަނުން ވެސް ދެ އެވެ. ރޯދަ ވީއްލަންދާ މީހުންނަށް ހާއްސަ ބުފޭއެއް މި ރިސޯޓުގައި ވަނީ ތައްޔާރު ކޮށްފަ އެވެ.

"ވަރަށް ބޮޑަށް މަރުހަބާ ހުރިހާ ބޭފުޅުންނަށް ވެސް. އަވަހަށް މޭޒެއް ހިޔާރު ކުރައްވާ،" ރީތި ހިނިތުންވުމަކާއެކު ވަހީދާ ބުންޏެވެ. މި ރިސޯޓުން މަރުހަބާކީ ރިސޯޓުގެ މުވައްޒަފެއް ކަމަށްވާ ވަހީދާ އެވެ.

ރޯދަ ވީއްލުން ތައްޔާރު ކޮށްފައި ވަނީ ރިސޯޓު ރީތި ދޮންވެލި ގޮނޑުދޮށުގަ އެވެ. ކަނޑުން އަރައިގެން އަންނަ ތާޒާ ވައި، ހުރަހެއް ނެތި ފޯރާ ހިސާބުގަ އެވެ. ތަރުތީބުން ދޮންވެލިގަނޑު މަތީގައި އަތުރާލާފައިވާ މޭޒުތަކާއެކު މާހައުލު އިތުރަށް ފުރިހަމަ ކޮށްދެ އެވެ. މިއީ ޝެރެޓަން ރޯދަ ވީއްލުން ހާއްސަވާ އެއް ސަބަބެވެ. މި ތަނުގެ ތަނަވަސް މާހައުލުގައި ރޯދަ ވީއްލަން ލިބުމަކީ ހާއްސަ ހިތްހަމަ ޖެހުމެވެ.

"އަވަސް" އަށް ހާއްސަކޮށް ޝެރެޓަން މެނޭޖުމަންޓުން ދިން ފުރުސަތުގައި ދިޔަ އަވަސްގެ ޓީމުގެ ބައެއް މެންބަރުންގެ ހިތުގައި ސުވާލެއް އުފެދުމެވެ. އެއީ މި ތަނުގެ ކަދުރެވެ. އާއްމުކޮށް މާލޭގެ ބާޒާރުން ލިބެން ހުންނަ ކަދުރަށްވުރެ މި ކަދުރުގެ ސައިޒު ބޮޑުވީ އެވެ. އެހެންވެ ސުވާލު އުފެދުނީ އެވެ.

"މިއީ ހާދަ ސައިޒުން ބޮޑު ކަދުރެކޭ؟، ކޮންތާކުން ހޯދި ކަދުރެއް މިއީ؟" "އަވަސް" ގެ އަންހެން މުވައްޒަފު ކޮއްލީ ސުވާލެކެވެ.

ދެން އޮތީ ރޯދަ ވީއްލުމަށް ޝެރެޓަން މޯލްޑިވްސްގެ ރޯދަ މެނޫ އެވެ. މި އަހަރު ރޯދަ ވީއްލުމަށް ޝެރެޓަން މޯލްޑިވްސް އަަށް ދާ މީހުންނަށް ހާއްސަކޮށްގެން ދިގު މެނޫއެއް ވަނީ ތައްޔާރު ކޮށްފަ އެވެ. މަޝްހޫރު ހޮޓެލް ޗެއިން ސްޓާވުޑްސް ހޮޓެލް އެންޑް ރިސޯޓްސް އިން ހިންގަމުން އަންނަ މި ރިސޯޓުގެ މޮޅު ކައްކާއިންގެ ހުނަރުން މި މެނޫގެ ރަހަތައް ވަނީ "ފޮނިކޮށްލާފަ " އެވެ. މި ތަނުގެ މެނޫގައި ނެތީ ކޮއްޗެއް ހެއްޔެވެ؟ ދިވެހި ހެދިކާ އިން ފެށިގެން ހުޅަނގުގެ ތައްޔާރީ ކާނާގެ ރަހަތައް ހިމެނެ އެވެ. ކުޅި ފޮނި ބާވަތްތައް ނަން ހުސްކޮށް ހުއްޓެވެ.

ދެން އޮތީ ޝެރެޓަން ރޯދަ ވީއްލުމަށްދާ މީހުން އެންމެ ބޭނުންވާނެ ސުވާލެވެ. ރޯދަ މެނޫގެ އަގު ކިހިނެއް ވާނެ ބާ އެވެ؟ ޝެރެޓަން މޯލްޑިވްސްގެ ރޯދަ މެނޫގެ އަގަކީ ޓެކްތަކާއެކު 60 ޑޮލަރު (925ރ.) އެވެ. އަދި 3-12 އަހަރުގެ ކުދިންނަށް މި މެނޫއިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. ރޯދަ ވީއްލުން އިންތިޒާމުކޮށްފައިވަނީ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހެވެ. މި މެނޫގައި ސްޕީޑް ލޯންޗުގައި ރޯދަ ވީއްލަން ގެންގޮސް ގެނެސް ދިނުން ވެސް ހިމެނެ އެވެ. ރޯދަ ވީއްލަން މީހުން ގޮވައިގެން މާލެ އިން ލޯންޗު ފުރާ ގަޑިއަކީ ހަވީރު 5.15 ގަ އެވެ. އަދި މާލެ އެނބުރި އަންނަނީ 20:30 ގަ އެވެ.

ކޮންމެއަކަސް ޝެރެޓަން މޯލްޑިވްސްގެ ރޯދަ ވީއްލުން ހާއްސަ އެވެ. ހާއްސަވާ އެއް ސަބަބަކީ ހިނިތުންވުމާއެކު ދޭ ހިދުމަތެވެ. އަނެއް ސަބަބަކީ މީރު ބުފޭ އެވެ. އެހެންވެ ރޯދަ ވީއްލުމަށް މި އަހަރު ގޮސްލަން ރަނގަޅު ތަނަކަށް މި ރިސޯޓުވެސް ވާނެ އެވެ.