ރިޕޯޓް

ގެސްޓް ހައުސްތަކުން ގްރީން ޓެކްސް: މިނޫން ގޮތެއް ނެތީތަ؟

  • ގެސްޓް ހައުސްން ތަކުން ޓެކްސް ނެގުމާމެދު ކަންބޮޑުވޭ
  • ގެސްޓް ހައުސް ކޮޓަރީގެ އަގު ބޮޑުވުމުގެ ބިރު ބޮޑު
  • ގްރީން ޓެކްސް ނަގަނީ ޓޫރިސްޓެއްގެ ބޮލަށް ހަ ޑޮލަރު

ރާއްޖޭގެ ޓޫރިޒަމްގައި މިހާރު އެންމެ ބޮޑު މާކެޓަކީ ގެސްޓް ހައުސްތަކެވެ. ސަބަބަކީ އެ ވިޔަފާރި ފަތުއަޑު ކިޔާފައި ފުޅާވުމާއި ގެސްޓް ހައުސްތައް އަގު ހެޔޮވުމެވެ. "ލަގްޒަރީ މޯލްޑިވްސް" ގެ ހުރިހާ ހިދުމަތެއް އަގު ހެޔޮކޮށް ކޮޓަރި ނަގައިގެން އަންނަ ގެސްޓް ހައުސްތަކުން ލިބުމެވެ. ނަމަވެސް ސަރުކާރުން އަނެއްކާ ވެސް މިވަނީ ގެސްޓް ހައުސްތަކުން އިތުރު ޓެކުހެއް ނަގަން ނިންމާފަ އެވެ. މިދިޔަ އަހަރު ނަގަން ފެށި، "ގްރީން ޓެކްސް" ގެސްޓް ހައުސްތްކުން ނެގުމަށް މަޖިލީހަށް ބިލެއް ވައްދާފަ އެވެ. މިއީ އިގްތިސާދަށް އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މި ނޫން ގޮތެއް ނެތީ ބާއެވެ؟

"މީގެން ސަބަބުން ރޫމްތަކުގެ އަގު ބޮޑު ވާނެ. މިއީ ގެސްޓް ހައުސް ވިޔަފާރިއަށް އަންނާނެ ގެއްލުމެއް،" ކ.މާފުށީ ސްޓިންގްރޭ އިން ގެސްޓް ހައުސް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ އިބްރާހިމް މަސްހޫދު ވިދާޅުވި އެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަލެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ޓެކްސް ނަގަން ފުރަތަމަ ހުށަހަޅިއިރު ވެސް ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ހިމަނާފައިވެ އެވެ. ނަމަވެސް ފަހުން އެކަން ވަނީ ބަދަލުކޮށްފަ އެވެ.

ގެސްޓް ހައުސްތަކަށް މައްސަލައަކީ ކޮބާ؟

ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރިއަށް ބަލާއިރު އާއްމު ގޮތެއްގައި ރޫމް ވިއްކަނީ 50 ޑޮލަރު ވަރަށެވެ. އަދި ބައެއް ފަހަރު 25 ޑޮލަރާއި 30 ޑޮލަރަށް ވެސް ރޫމް ވިއްކަ އެވެ. ބޭނުމަކީ ރޫމްގެ އަގު ހެޔޮކޮށް، ވާދަވެރިކަމާއެކު މި ވިޔަފާރި ފުޅާކުރުމެވެ. ނަމަވެސް ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ހިމެނުމުނުން ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަ ކުރަން ދެ މީހަކު އައިސްފިނަމަ ދެ މީހުންގެ އަތުން 12 ޑޮލަރު އިތުރަށް ޗާޖުކުރާނެ އެވެ.

ގެސްޓް ހައުސް ވިޔަފާރީގައި އުޅޭ މީހުން ބުނާ ގޮތުގައި މިއީ ވަރަށް ބޮޑު މައްސަަލައަކަށް ވާނެ އެވެ. މުޅިރާއްޖެއަށް ބަލާއރިު މިވަގުތު 300 އެއްހާ ގެސްޓް ހައުސް އޮޕަރޭޓް ކުރަމުންދެ އެވެ. އަދި އެންމެ ގިނަ ގެސްޓް ހައުސްހުރި މާފުށީގައި 40 ގެސްޓް ހައުސް ހުރިއިރު އެ ރަށުގައި އެކަނި ވެސް 800 އެހާ ކޮޓަރި އެބަ ހުއްޓެވެ. މީގެ ސަބަބުން ގެސްޓް ހައުސްތަކަށް ލިބޭ އާމްދަނީ ދަށްވެ، ޓޫރިސްޓުން އައުން ވެސް މަދުވުމުގެ ބިރު އެބައޮތެވެ.

"މިހާރު ވެސް މި ވަރަށް [ގާތްގަނޑަކަށް 30-50 ޑޮލަރަށް] ކޮޓަރި ވިއްކާއިއިރު ވެސް ބާގެއިން ކުރޭ. އަގު ހެޔޮކުރަން. ގެސްޓް ހައުސްތަކަށް މި އަންނަނީ މުއްސަނދިނެއް ނޫން. އެހެންވެ އަގަށް ކިރިޔާ ބަދަލެއް އައި ނަމަވެސް މައްސަލަ ބޮޑުވޭ،" ކުރިން ވާހަކަ ދެއްކި ސްޓިންގް ރޭއިން ގެ އިބްރާހިމް ވިދާޅުވި އެވެ.

މާފުށީގައި އެންމެ ފުޅާކޮށް ގެސްޓް ހައުސްގެ ވިޔަފާރިކުރާ އެއް ގެސްޓް ހައުސްކަމަށްވާ "އެރިނާ ބީޗް" ން ވާހަކަ ދެއްކި އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ހަ ޑޮލަރު ނަގަން ފަށައިފިނަމަ ޓޫރިސްޓުންގެ ޑިމާންޑް މަތިވާނެ އެވެ.

"އާއްމުކޮށް މާފުށީ ބީޗް ފްރޮންޓުގައި ހުރި ގެސްޓް ހައުސްތަކުން ރޫމް ވިއްކަނީ 100 ޑޮލަރު ޕްލަސްގައި. މި މިހާރު ވެސް އެހެން ޓެކްސްތަކާއެކު ޓޫރިސްޓުންގެ އަތުން ނަގަން ޖެހޭ 123 ޑޮލަރުވަރު. ނަމަވެސް މި ޓެކްސް ނަގަން ފަށައިފިނަމަ އެ އަދަދު 135 ޑޮލަރަށް އިތުރު ވާނެ. އޭނާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައި ޓެކްސްތައް އިތުރުކޮށް ހިދުމަތް ރަނގަޅު ނުކުރެވޭތީ ޓޫރިސްޓުންގެ ޝަކުވާ ބޮޑު ވެއެވެ.

"ގެސްޓް ހައުސް ވިޔަފާރި މި އޮންނަނީ ލޯކަލް އައިލެންޑުތަކުގައި. އެހެންވެ މި ހިދުމަތް ބޭނުންވާ ވަރަށް ފުޅާއެއް ނުކުރެވޭ. ނަމަވެސް ގެސްޓުންގެ ޑިމާންޑް ބޮޑު،" އެރީނާ ބީޗުގެ އެ އޮފިޝަލު ވިދާޅުވި އެވެ.

މީގެ އިތުރުން މި ޓެކްސް ނެގުމުގައި ދިމާވާނެ އަނެއް މައްސަލައަކީ މި ބިލްގައިވާ ގޮތުން ބިލް ފާސްވާތަނުން ޓެކްސް ނަގަން ފަށާ ގޮތަށް އޮތުމެވެ. މިހެން ހަދައިފިނަމަ ދުރާލާ ހަދާފައިވާ ބުކިން ތަކުން މި ޓެކްސް ކެނޑޭނެ ގޮތެއްވެސް ނޯންނާނެ އެވެ. ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ނަގައިފިނަމަ ބުކިންތައް ކެންސަލްވުމުގެ ބިރު ވެސް ބޮޑެވެ.

މާފުށީ "ކްރިސްޓަލް ލެގޫން" ގެސްޓް ހައުސްގެ ގެ ޑިރެކްޓަރު ޔާމީން ވަލީދު ވިދާޅުވި ގޮތުގައި މި އިސްލާހު ފާސްކޮށްފިނަމަ ބޮޑަށް ގެއްލުންވާނީ ކުދި ގެސްޓް ހައުސްތަކަށެވެ.

"ރާއްޖޭގެ ގެސްޓް ހައުސްގެ އާއްމު ރޭޓަރީ 50 ޑޮލަރު. އެހެންވެ ހަ ޑޮލަރު ނަގަން ފަށައިފިނަމަ ވަރަށް ބޮޑު ގެއްލުކަމަށްވާނެ. އޭރުން މިހާރު ކޮޓަރި ވިއްކާ އަގުގައި ނުވިއްކޭނެ. ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" ޔާމީން ވިދާޅުވި އެވެ.

ގެސްޓް ހައުސް ވިޔަފާރީގައި އުޅޭ ފަރާތްތަކުން ބުނާ ގޮތުގައި ގްރީން ޓެކުހުގެ ސަބަބުން ގެއްލުން ވާނީ އެ މީހުންނަށެވެ. ރިސޯޓުތަކުން އާއްމު ގޮތެއްގައި 500 ޑޮލަރާއި 1000 ޑޮލަރުން މަތީގައި ކޮޓަރި ވިއްކި ނަމަވެސް ކުޑަ އަގެއްގައި ކޮޓަރި ވިއްކާ ގެސްޓް ހައުސްތަކުން ދައްކަން ޖެހޭ އަދަދު އިތުރުވާނެ އެވެ.

މީގެ އިތުރުން މި މައްސަލަ ސީދާ ގުޅިފައިވަނީ ރާއްޖޭގެ ޓޫރިޒަމާ އެވެ. މައްސަލައަކީ ކައިރިކައިރީގައި ޓެކުސްތައް ނެގުމެވެ. މިހާރު ރާއްޖޭގައި ނަގާ ޓެކްސް ތަކަށް ބަލާއިރު 12 ޕަސެންޓު ޓެކުހެއް މުދަލާއި ހިދުމަތުގެ އަގުން ނަގަން އެވެ. މީގެ އިތުރުން ހިދުމަތް ދިނުމުން ސާވިސް ޗާޖުގެ ގޮތުގައި ނަގާ 10 ޕަސެންޓެއް ވެސް ހިމެނެ އެވެ.

މި ބިލަށް ރައްޔިތުން މަޖިލީހުގައި މިއަދު ބަހުސް ކުރަމުންދާއިރު ގިނަ އިދިކޮޅު މެންބަރުން ވަނީ ގެސްޓް ހައުސްއިން ގްރީން ޓެކްސް ނެގުމާ މެދު ދެކޮޅު ހައްދަވާފަ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި މިފަދަ ޓެކުހެއް ތައާރަފުކުރާއިރު، މުޅި އިންޑަސްޓްރީއާ މަޝްވަރާ ކުރަން ޖެހޭނެ އެވެ.

"މިފަދަ ޓެކުހެއް ތައާރަފުކުރާއިރު މަޓީ އާއި ގެސްޓް ހައުސް ވިޔަފާރީގައި އުޅޭ ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި މިގޮތަށް ޓެކްސް ނެގުމަކީ ބޮޑު ގެއްލުމެއް ވެދާނެ ކަމެކެވެ.

"މި ނޫން އެހެން ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ. މިއީ ކޮމެޓީ މަރުހަލާގައި ވިސްނަން ޖެހޭ ކަމެއް،" ޓޫރިޒަމް ދާއިރާގައި ވެސް ހަރަކާތެރިވި ފައިސަލް ވިދާޅުވި އެވެ.

ގްރީން ޓެކްސް ގެސްޓް ހައުސްތަކަށް ތައާރަފު ކުރަން މަޖިލީހުގައި ބަހުސް މިވަނީ ފަށާފަ އެވެ. ނަމަވެސް މިއާއެކު މި ވިޔަފާރީގައި އުޅޭ މީހުންގެ ޝަކުވާތައް ވެސް ބޮޑެވެ. އޮތް ސުވާލަކީ މިނޫން އެހެން ގޮތެއް ނެތީ ހެއްޔެވެ؟