ހަބަރު

އިނގިރޭސި ރާނީގެ ޔަންގް ލީޑާސް ޕްރޮގްރާމްގެ މެންޓޯ އަކަށް މުނީޒާ!

ތަފާތު ދާއިރާތަކުން ޒުވާނުން ހާސިލްކުރާ ކާމިޔާބީތަކާއި މުޖުތަމައަށް ކުރާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އިނގިރޭސި ރާނީ އެލިޒަބަތުގެ ފަރާތުން ދޭ "ޔަންގް ލީޑާސް" އެވޯޑް ދިނުމަށް މިދިޔަ އަހަރު ފެށި "ކުއީންސް ޔަންގް ލީޑާސް ޕްރޮގްރާމް"ގެ މެންޓޯ އަކަށް ޑރ. އައިޝަތު މުނީޒާ ހޮވިވަޑައިގެންފި އެވެ.

ކުއީންސް ޔަންގް އެވޯޑަކީ 18-29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ހާއްސަ ހިދުމަތްތަކެއް މުޖުތަމައަށް ކޮށްދޭ ޒުވާނުންނަށް ރާނީ އެލިޒަބަތު ދެއްވާ އެވޯޑެކެވެ. އެ އެވޯޑު ލިބޭ ޒުވާނުންނަށް، ކުރިއަށް ދިއުމަށް ދޭ އިތުރު ހިއްވަރެއްގެ ގޮތުން، ހާއްސަ ޕެކޭޖެއްގެ ދަށުން ތަޖުރިބާކާރުންގެ ލަފަޔާ އިރުޝާދާއެކު ހާއްސަ ޓްރެއިނިންތަކެއް ވެސް ދެއެވެ. އެވޯޑް ލިބޭ ޒުވާނުންނަށް ޓްރެއިނި ދޭ ތަޖުރިބާކާރުންގެ ޕެނަލްގައި މީގެ ކުރިން ރާއްޖޭގެ ބޭފުޅަކު ހިމެނިވަޑައިގެންފައެއް ނުވެ އެވެ.

ކުއީންސް ޔަންގް ލީޑާސް މެންޓޯ ޕެނަލްއަށް ޑރ. މުނީޒާ ހޮވިވަޑައިގެންފައިވާއިރު އެ މަގާމަށް "ރަފީ" އެންޖީއޯގެ ފައުންޑިން ޕްރެޒިޑެންޓް އައިޝަތު ރަފިއްޔާ ވެސް ވަނީ ހޮވިވަޑައިގެންފަ އެވެ.

މެންޓޯއިންގެ ގޮތުގައި މި ދެބޭފުޅުން ހޮވާފައިވަނީ، އެ ބޭފުޅުންގެ މަސައްކަތްތަކާއި ކާމިޔާބީތަކާއި ތަޖުރިބާއަށް ބެލުމަށްފަހު އެވެ.