ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ. އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ދާދިދެންމެއަކު އެވެ. އެކަން ވަނީ އަދީބުގެ ވަކީލް މޫސާ ސިރާޖު އަވަސްއަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު އަދީބު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިމިވަނީ އަދީބުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ އެވެ. ޖަލު ހުކުމް އިއްވުމަށްފަހު ވެސް އަދީބު ފުރަތަމަ ބެހެއްޓީ ދޫނިދޫ ގޮޅީގަ އެވެ. އެކަމާ ގުޅިގެން އަދީބު ހުންނެވީ ގާނޫނާ ހިލާފެއް ބަންދެއްގައި ކަމަށް ބުނެ އޭނާގެ ވަކީލުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ.
މިކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެފައިވަނީ، ފުލުހުންގެ ބަންދުގައި އަދީބު ހުންނެވީ ކޯޓުން ހުކުމް ކޮށްފައިވާ މައްސަލައެއްގައި ނޫން ކަމަށެވެ. އަދި އަދީބު ފުލުހުންގެ ބަންދުގައި ބަހައްޓާފައިހުރީ މިހާރު ޝަރީއަތް ކުރިއަށްދާ މައްސަލަތަކެއްގައި އާއި ތަހުގީގުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ކަމަށް ނަވާޒު ވިދާޅުވެފައިވެ އެވެ.
"އޮންގޮއިން އިންވެސްޓިގޭޝަންތަކަކާ ގުޅިގެން އަދީބު ފުލުހުންގެ ބަންދުގައި އެ ހުރީ، ގާނޫނުން ލިބޭ މުއްދަތުތައް ލިބިގެން ބަންދުގައި ބަހައްޓާފައި އެ ހުރީ،" ނަވާޒު ވިދާޅުވެފައިވެ އެވެ.
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ އެ ތަހުގީގުތައް ނިމުމުން ކަމެއްް އަދި ސާފެއް ނުވެ އެވެ. އަދި އަދީބުގެ މައްސަލަތަކެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދެ އެވެ.
ޖަލުތަކުގެ ޕެރޯލްގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ތިންވަނަ ނަންބަރުގެ ދަށުން ހުކުމް ތަންފީޒުކުރާ މީހުން ބައިތިއްބަން ވާނީ އާންމު ޖަލެއްގައި ކަމަށްވާއިރު އާންމު ޖަލުތައް ބަލަހައްޓައި ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކަމަށް އެ ގާނޫނުގެ ހަވަނަ މާއްދާގެ (ހ)ގައިވެ އެވެ.