ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޑިސްކައުންޓް ނުލިބެނީ އެއްފަހަރާ ފަސް ޓަނުގެ މަސް ބޭރުކުރާ ފަރާތްތަކަށް

  • ކުރިން ދެނީ 50ލ. ގެ ޑިސްކައުންޓެއް
  • ޑިސްކައުންޓް ނުލިބެނީ ފަސް ޓަނަށްވުރެ ގިނަވުމުން
  • އޮގަސްޓް މަހުން ފެށިގެން ކިލޯއަކުން 1ރ. އެއް ނަގާނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރު ކުރަމުންދިޔަ ހިކި ކަނޑު މަހާއި ފިނިކުރި މަހުގެ ޑިސްކައުންޓް އުވާލުމުން، މި ޑިސްކައުންޓް ނުލިބޭނީ އެއް ފަހަރާ ފަސް ޓަނަށްވުރެ ގިނައިން މަސް ބޭރުކުރާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ރާއްޖެއިން ބޭރުކުރާ ހިކިކަނޑު މަހާއި ފިނިކުރި މަހުގެ ޑިސްކައުންޓަށް ގެނެވުނު ބަދަލުގެ ސަބަބުން މަސް ބޭރުކުރާ ފަރާތްތަކަށް "މާބޮޑު ބަދަލެއް" ނާންނާނެ ކަމަށެވެ.

"މިއީ އަގަށް ބަދަލު ގެނައުމެއް ނޫން. ކުރިން ދެމުން ދިޔަ ޑިސްކައުންޓެއް ރިވައިޒް ކުރީ. މިއީ އެއާ މޯލްޑިވްސް ޒަމާނުން ފެށިގެން ދެމުންގެންދާ ޑިސްކައުންޓެއް. މީގެ 17 އަހަރު ކުރި. މި ބަދަލު މި ގެނައީ ހިކިކަނޑުމަހާއި ފިނިކުރި މަސް އެއްފަހަރާ ފަސް ޓަނުގެ ޝިޕްމަންޓެއްގެ ގޮތުގައި ބޭރުކުރާނަމަ ދެމުން ދިޔަ ޑިސްކައުންޓަށް،" އާދިލް ވިދާޅުވި އެވެ

އެމްއޭސީއެލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭން ބޭރުކުރާ ހިކި ކަނޑުމަހާއި އަދި ފިނިކުރި މަހުގެ ޝިޕްމަންޓެއްގެ ބަރުދަނުގައި 5000 ކިލޯ ހުންނަނަމަ ކުރިން 50ލ. ގެ ޑިސްކައުންޓެއްގެ ގޮތުގައި ދެމުންދާ ކަމަށެވެ. ނަމަވެސް އޮގަސްޓް މަހުން ފެށިގެން ގެންނަ ބަދަލުގެ ސަބަބުން ރާއްޖެއިން ބޭރުކުރާ އެހެނިހެން މުދަލެކޭ ވެސް އެއްފަދައިން މި އަދަދަށް މަސް ބޭރުކުރާ ނަމަ ކިލޯއަކުން 1ރ. ނަގާނެ ކަމަށެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ ހިކި ކަނޑުމަހާއި އަދި ފިނިކުރި މަސް އެއްފަހަރާ ފަސް ޓަނު ރާއްޖޭން ބޭރުކުރަނީ މަދު ފަހަރެއްގައި ކަމަށެވެ.

"މިއީ ވަކިވަކިން ބޭރުކުރުމުން ނުލިބޭ އެއްޗެއް ނޫން. އެއް ފަހަރާ ފަސް ޓަނު ބޭރުކުރާނަމަ. އެހެންވެ މިއީ ވަރަށް މަދުންވާ ކަމެއް،" އާދިލް ވިދާޅުވި އެވެ.

ރާއްޖޭން ބާނާ މަހަށް ބޮޑު އަގު ހޯދުމަށް ސަރުކާރާއި މަސްވެރިކަމުގެ އިންޑަސްޓްރީން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން އެމްއެސްއީ ސެޓްފިކެޓް ދިވެހި މަހަށް ވަނީ ހޯދާފަ އެވެ.