އިންވެސްޓްމެންޓް ފޯރަމް

އިންވެސްޓްމަންޓް ފޯރަމް އޮގަސްޓް މަހު އިންޑިޔާގައި ބާއްވަނީ

  • ގިނަ ވިޔަފާރިވެރިންނަށް ފުރުސަތު ދޭނެ
  • އިންޑިޔާއިން ވެސް ދަނީ ތައްޔާރުވަމުން
  • އެންމެ ފަހުން ފޯރަމް ބޭއްވި ޗައިނާގައި

ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތައް އަންގައިދިނުމަށް ބާއްވާ ތިންވަނަ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް"ގައި މި އަހަރުގެ އޮގަސްޓް މަހު އިންޑިޔާގައި ބޭއްވުމަށް އިކޮނޮމިކް މިނިސްޓްރީން ތައްޔާރުވާން ފަށައިފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އިކްނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ އޮގަސްޓް މަހު 26 ވަނަ ދުވަހު އިންޑިޔާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވާނެ ކަމަށެވެ.

"މި ފަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ވެސް ދިވެހި ގިނަ ވިޔަފާރިވެރިން ބައިވެރިވާނެ. އެކަމަށް ކުރަން ޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަހަރުގެ ފޯރަމްގައި ރާއްޖޭގައި އިންވެސްޓް ކުރަން ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންޑިޔާގެ ވިޔަފާރިވެރިންނަށް ދޭނެ ކަމަށެވެ.

"މި ފޯރަމް ކުރިއަށްދާނީ އެއް ދުވަހަށް. މުޅި ދުވަސް އެކަމުގައި ކުރިއަށްދާނީ. މީގައި ވިޔަފާރިވެރިންނާއި ވިޔަފާރިތައް ބައްދަލު ކުރުން އޮންނާނެ. ފޯރަމް ހުޅުވުމަށް ޖަލްސާއެއް ވެސް އޮންނާނެ. މީގެ އިތުރުން ވެސް ވިޔަފާރިއާ ގުޅުން ހުރި ބައްދަލުވުންތައް ދާނެ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް އިންޑިޔާއިން ވެސް ތައްޔާރުވަމުންދާ ކަމަށެވެ.

"އިންޑިއާގައި ހުންނަ އެމްބަސީއާއި އެކޮޅު [އިންޑިޔާ] ގެ ވިޔަފާރިވެރިން ވެސް ތައްޔާރުވޭ،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭން ތިންވަނަ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ތަނަވަސް ކުރުމަށް ސަރުކާރު ދަނީ ގާނޫނުތަކަށްވެސް ބަދަލު ގެންނަމުންނެވެ. މީގެތެރޭގައި ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް އަންގައި ދިނުމަށް ސަރުކާރުން މިހާތަނަށް ދެ އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައިވެ އެވެ. މި ގޮތުން ފުރަތަމަ އިންވެސްޓްމަންޓް ފޯރަމް ބޭއްވީ ސިންގަޕޫރުގަ އެވެ. އަދި ދެވަނަ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ މި އަހަރު ޗައިނާގަ އެވެ. މި ފޯރަމްގައި 600 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ.