ހަބަރު

ފުރަތަމަ 10: ދުވާލު ކައިގެން 17 މައްސަލައެއް

ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ނިމުނުއިރު ދުވާލު ގަޑީގައި ކެއުމާގުޅޭ 17 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ މިހާތަނަށް 17 މައްސަލައެއް ހުށަހެޅުނު އިރު އޭގެ ތެރެއިން ތިން މައްސަލަަކާ ގުޅޭ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ޖޫން މަހުގެ ހަވަނަ ދުވަހު ރޯދަމަސް ފަށާފައި މިހާތަނަށް އައިއިރު އޮޅުވާލުމުގެ 200 އަށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި ވައްކަމުގެ 21 މައްސަލަ އަކާއި މަސްތުވާތަކެއްޗާބެހޭ 166 މައްސަލަ ހުށަހަޅާފައިވާއިރު، ގެވެށި އަނޔާގެ 23 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. ސަތޭކަ ތިރީހަށްވުރެ ގިނަ ޓްރެފިކް މައްސަލަ މިހާތަނަށް ހުށަހެޅިފައިވާއިރު، މާރާމާރީގެ 45 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

އެހެންކަމުން މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮޅުވާލުމުގެ މައްސަލަތަކެވެ. މި ދިޔަ މަހުވެސް އޮޅުވާލުމުގެ 330 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.