ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އާ ޓާމިނަލް އަޅާ ސަރަހައްދުން ބަދަލުކުރި 13 އިމާރާތް ބޭނުންކުރަން ފަށަނީ

  • އާ ޓާމިނަލް އަޅަނީ ސައޫދީ ބިންލާދިން ގްރޫޕުން
  • މަޝްރޫއުގެ އަގަކީ 300 މިލިއަން ޑޮލަރު
  • ޓާމިނަލްގެ ބޮޑުބައި 2018 ގައި ނިމޭނެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް އަޅާ ސަރަހައްދުން ބަދަލުކުރި 13 އިމާރާތް ބޭނުންކުރަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފި އެވެ

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ޓާމިނަލް އެޅުމުގެ ގޮތުން އެއާޕޯޓް ހުޅަނދު ފަރާތައް ބަދަލުކޮށް އެތަނުގައި ހަދާފައިވާ އިމާރާތްތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ކުދިކުދި މަސައްކަތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މަސައްކަތް ނިމި އަންނަ މަހު ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

މި މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. ބަދަލުކޮށްފައިވާ ބައެއް އިމާރާތްތަކުގެ ތެރެއިން ބޮންޑެޑް ވެއާ ހައުސް ބަދަލު ކޮށްފައިވަނީ ހުޅުމާލެ އަށެވެ. އަދި މީގެ އިތުރުން އެ ސަރަހައްދުގައި އަޅާފައިވާ އިމާރާތްތަކުގެ ތެރޭގައި މިސްކިތަކާއި މުވައްޒަފުން ބޭނުންކުރާނެ މުހިންމު ގިނަ އިމާރާތަކެއް ހިމެނެ އެވެ.

އައިއެންއައިއޭގައި ތަރައްގީ ކުރާ ފުރިހަމަ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕަށް ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ ހަރަދުވާއިރު، މަސައްކަތުގެ މުހިންމު ބައިތައް 2018 ވަނަ އަހަރު ނިންމާލާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

  • 78،000 ސްކޮޔާ މީޓަރު ބޮޑު
  • 40 ޑީޕާޗާ ގޭޓް
  • 38 އިމިގްރޭޝަން ކައުންޓަރު
  • ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
  • ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
  • ޒަމާނީ ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
  • ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
  • ފިއުލް ހައިޑްރެންޓް ސިސްޓަމް

އައިއެންއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ދަށުން މުޅިންއާ ރަންވޭއެއްވެސް އަޅާނެ އެވެ. މި މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

ތަރައްގީއާ އެކު އެއާޕޯޓް

  • ބޭނުންކުރެވޭނެ ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
  • އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
  • އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
  • އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
  • ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9