ބޭންކް އޮފް މޯލްޑިވްސް

އެކައުންޓެއްގެ މައުލޫމާތު ލީކުކުރި ބީއެމްއެލްގެ މުވައްޒަފު ދޫކޮށްލަން އަމުރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ނަހަމު ގޮތެއްގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ދޫކޮށްލަން ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ ފެބުރުއަރީ މަހު ބީއެމްއެލްއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކުރީ، ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު ހުއްދަ ނެތި އާންމުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭނާގެ ބަންދު މުއްދަތު ކުރިމިނަލް ކޯޓުން 12 ފަހަރެއްގެ މަތިން އިތުރުކޮށް ދިނެވެ. އެ ކޯޓުން އެންމެ ފަހުން ގާސިމްގެ ބަންދަށް އިތުރުކޮށްދިން މުއްދަތު އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިއަދު މި މައްސަލާގައި ހައިކޯޓުން ނިންމީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އެނގިފައިވާ ގޮތުގައި ބެންކުގެ މުވައްޒަފަކު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން އާ ގުޅުން ހުރި އެކައުންޓެއްގެ މައުލޫމާތު ލީކު ކުރި މައްސަލާގަ އެވެ.