- ފިހާރައިގެ މަސައްކަތް ކުރީ ބޭބެ
- ކާމިޔާބު އާއިލީ ވިޔަފާރިއެއް
- ފިހާރަ ހުޅުވީ ބޭނުންވާ ސައިޒުގެ ނުލިބިގެން
ދިހަ އަހަރު ކުރިން އޭނާއަށް ހެދުން ހޯދަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. އާއިލާގެ އެހެން މީހަކަށް ހެދުމެއް ބޭނުން ވިޔަސް ޖެހޭނީ މިހާލެވެ. ޓިކެޓް ނަގައިގެން ބޭރަށް ފުރާށެވެ. ރާއްޖޭން އޭނާގެ ސައިޒުގެ އަންނައުނު ނުލިބެނީ އެވެ. ރާއްޖޭން ގަންނަ ޖީންސް ފަލަ މަސްގަނޑުމަތިން އަރައިފިނަމަ އުނަގަނޑުން ހެޔޮވަރެއް ނުވެ އެވެ. ފަލަ މަސްގަނޑު މަތިން ދޫވެއްޖެނަމަ އުނަގަނޑުމަތިން ގޮށެއް ނޭޅުވޭނެ އެވެ. މިހެންވެ އޭނާގެ ހިތަށް އައީ ބިޔަ މީހުންގެ "ސައިޒު ލިބޭ ތަނެއް" ހަދާށެވެ. މި ހިޔާލުގައި އިސްލާއިލް ޝިމާމް ހުޅުވީ މި ފިހާރަ އެވެ. މިއީ ޝިމާމް އަށް ހެޔޮވަރުކުރި "ފަލަ ފެޓް ފިހާރަ" އެވެ. ނޫނީ "ބިގް ފެންސް ބައި ފަލަ ފެޓެވެ."
"އަހަރެމެން އާއިލާގެ ހުރިހާ މީހުން ވެސް ތިބޭނީ ބިޔަކޮށް. ކުރިން އާއިލާގެ މީހުންނަށް ބޭނުންވާ ހެދުން ނުލިބޭ. މުޅިން ވެސް ޖެހެނީ ރާއްޖޭން ބޭރަށް ހެދުން ގަންނަންދާން. އެހެންވެ މިތަން ހުޅުވީ،" ޝަހީދު ކުޑަނެވިތުއްތު ހިނގުމުގައި ހުޅުވާފައިވާ "ފަލަ ފެޓް" ފިހާރާގައި ހުރެ "އަވަސް" އަށް ވާހަކަ ދައްކަމުން ޝިމާމް ބުންޏެވެ.
ޝިމާމްގެ އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ފެށި މި ފިހާރައަކީ ރާއްޖޭގައި ތިބި ބޮޑެތި "ފަލަ" ބިޔަ މީހުންގެ އަންނައުނު ލިބޭނެ އެންމެ ބޮޑު ފިހާރަ އެވެ. މި ތަނުގައި ވިއްކާ ސާމާނުގެ ސައިޒު ފެށޭނީ ވެސް "އެކްސްއެލް" އިންނެވެ. މިގޮތުން "ފަހެއް އެކްސްއެލް" އާއި "ހަތެއް އެކްސްއެލް" ގެ އަންނައުނު ވެސް މިތަނުން ލިބެ އެވެ. ފަލަ ފެޓް ފިހާރައިގެ ބަހުންނަމަ "ކަލޯ" އާއި "ކަނބުލޮ" އަށް ބޭނުންވާނެ ހެދުން ވެސް ލިބޭނެ އެވެ. ޖީންސް ފަޓުލޫނު ފަދަ އަންނައުނު ވެސް ސައިޒު 36 އަކުން ފެށިގެން ސައިޒު "56" ވެސް ލިބޭނެ އެވެ. އަދި އޮފީސް ބޫޓާއި ކެޝުއަލް ބޫޓު ވެސް ލިބެން ހުރެ އެވެ. ބޫޓުގެ ސައިޒުތަކަށް ބަލާނަމަ 45 މަތީގެ ސައިޒުތައް ވެސް ހުރެ އެވެ.
"ވަރަށް ގިނަ ރައްޓެހިން ވެސް އުޅޭ އެ މީހުންގެ ސައިޒު ނުލިބިގެން. މިއީވެސް ސަބަބެއް މި ފިހާރަ [ފަލަ ފެޓް] ހުޅުވަން ޖެހުނު،" ޝިމާމް ބުންޏެވެ.
ޝިމާމްގެ އާއިލާގެ މި ވިޔަފާރި ވަރަށް ކާމިޔާބެވެ. ގިނަ ސާމާނު ގެންނަ އިރަށް ހަމަ އަތުފަތު ނުޖެހި ވިކި ހުސްވަނީ އެވެ.
"ވަރަށް ވިޔަފާރި އިރާދަކުރެއްވިއްޔާ ރަނގަޅު. މާލޭގެ ފިހާރައަކުން 30 އިން މަތީގެ ޖިންސެއް، ފަޓުލޫނެއް ހޯދަން އަސްލު ވަރަށް ދަތިވާނެ. އެކްސްއެލް ސައިޒުގެ ގަމީހެއް ލިބިދާނެ އެކަމު އެއަށްވުރެ މަތިވެއްޖެނަމަ ނުލިބޭނެ. އެހެންވެކަން ނޭނގެ މިހާ ޑިމާންޑް ބޮޑީ،" ޝިމާމް ބުންޏެވެ.
ދެން އޮތީ "ފަލަ ފެޓް" މި ނަމެވެ. ބައެއް މީހުން މި ނަން ފިހާރާއިގެ ނަން ބޯޑުގައި ޖަހާފައި ހުރުމުން އެތަނަށް ވަންނަން ވެސް ލަދުން އުޅޭ ކަމަށްވެ އެވެ. ނަމަވެސް ގިނަ މީހުނަށް ވަރަށް ޔުނީކް ވެގެން ވެސް އުޅޭ ކަމަށް ޝިމާމް ބުންޏެވެ.
"ބައެއް މީހުން އުޅޭ ލަދުން. އަނެއް ބައި މީހުން ބުނޭ މިއީ އެންމެ ރަނގަޅު ނަމޭ މިކަހަލަ ތަނަކަށް ދޭން. ވަރަށް ސަޅިއޭ ބުނޭ،" ޝިމާމް ބުންޏެވެ.
އޭނާ ބުނީ ފިހާރަ ހުޅުވައި އަހަރުތަކެއް ވެފައިވާއިރު، ފިހާރައަށް ބޭނުންވާ ބޮޑެތި ސައިޒުގެ އަންނައުނު ހޯދުމަކީ ދަތިކަމެއް ކަމަށާއި، ބޮޑެތި ސައިޒުގެ އަންނައުނު ހޯދަން ގިނަ ގައުމުތަކަށް ދަތުރުކުރަން ޖެހޭ ކަމަށެވެ.
"ގިނަ އެއްޗިއްސަކީ ޔޫރަޕް އެކްސްޕޯޓް އެއްޗިހި. ތަކެތި ހޯދަން އިންޑިޔާ، ބެންކޮކަށް ވެސް ދާން ޖެހޭ. މި ތަނުގައި ހުންނާނީ ކޮލިޓީ ސާމާނު. ހުންނާނީ ފަސޭހަ މެޓީރިއަލްގެ ތަކެތި. އަދި ހުންނާނީ ވެސް ފަލަވީމަ ދިމާވާ އުނދަގޫތައް ކުޑަކޮށްދޭ އަންނައުނު،" ޝިމާމް ބުންޏެވެ.
"މިހާރުގެ ޖެނެރޭޝަންގެ ކުދިން ވަރަށް ބޮޑެތި، ވަރަށް ބިޔަ. ބައެއް ފަހަރު ޖީންސު އެއްޗިހީގެ ސައިޒުގެ މައްސަލަ ޖެހޭ. އެހެންވެ ދިގު ބޮޑެތި، ބިޔަ ހެދުން ހޯދަން މި ބަލަނީ. އެއީވެސް ވަރަށް ދަތިކަމެއް."
އޭނާ ބުނި ގޮތުގައި ބައެއް މީހުން އެއްޗިހި ގަންނަން ކޮންމެ ގަޑިއެއްގައި ދާން ބޭނުން ނުވާކަމަށެވެ. ސަބަބަކީ ފަލަވުމެވެ.
"ބައެއް މީހުން އުޅޭ ކޮންމެ ގަޑިއެއްގައި ވިޔަފާރި ކުރަން އަންނަން ބޭނުން ނުވާ މީހުން ވެސް. އެ މީހުން ހީކުރަނީ މަލާމާތް ކުރާނެއޭ. ބައެއް މީހުން އާދޭ ފިހާރަ ބަންދު ކުރާ ފަހުން ވެސް،" ޝިމާމް ބުންޏެވެ.
"ފަލަ ފެޓް" ފިހާރާގައި ފަލަ މީހުންނަށް ހާއްސަ އަންނައުނު ހުރިއިރު މި ފިހާރަ ހަދާފައިވަނީ ވެސް ފަލަ މީހުންނަށް ފަސޭހަ އިން އުޅެވޭނެ ގޮތަކަށެވެ. ފިޓިން ރޫމް ވެސް އެހެން ފިހާރަތަކާ ތަފާތުކޮށް ބޮޑެވެ. "ފަލަ" ފިޓިން ރޫމެކެވެ. ފިޓިން ރޫމުގައި ވެސް ގޮނޑިއެއް ބަހައްޓާފައި ހުރެ އެވެ. ބޭނުމަކީ ފަލަ މީހަކު ވަދެ ހެދުން ބަދަލުކުރާއިރު، އިށީނދެ ލައިގެން އިނދެ އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މި ފިހާރަ ހެދުމުގެ އިސް މާވަޑިއަކީ ޝިމާމް އާއިލާގެ އެންމެންގެ "ބޭބެ" އެވެ. ބޭބެގެ ކުޅަދާނަ ސިކުނޑިން މި ފިހާރަ އަށް ވަނީ އާދަޔާ ހިލާފު ރީތި ކަމެއް ގެނެސްދީފަ އެވެ. އުކާލާފއި ހުންނަ ލަކުޑި ބޭނުންކޮށްގެން ފިހާރައިގެ އިންޓީރިއާ އަށް ފުރިހަމަ ކަމެއް ގެނެސްދީފައިވެ އެވެ. ފިހާރައިގެ "ސްޓޮކް" ރައްކާކޮށްފައި ހުންނަނީ ވެސް ބޭބެގެ މަސައްކަތުން ހަދާފައިވާ ލަކުޑި ފޮށި ތަކެއްގަ އެވެ. އަދި ފިހާރަ އަލި ކުރުމަށް ބޭނުންކުރާ ބޮކި ލާފައި ހުންނަނީ ވެސް ޖޭމު ހުސްކުރި ބިއްލޫރި ފުޅިއަށެވެ. މިއާއެކު މުޅި ފިހާރަ އިން ހާއްސަ ރީތިކަމެއް ފެނިގެންދެ އެވެ. ފިހާރައިގެ ތެރެއިން އިހުޒަމާނުގެ ކުލަވަރު ދައްކުވައިދެ އެވެ.
"ފިހާރަ ހަދަން ފެށިއިރު ވެސް ނޭނގެ މިވަނީ ކީއްކަމެއް. ހަދާ ނިމުނީމަ އެނގެނީ މި ހެދީކަން. އޭނާ [ބޭބެއަށް] ދޭން ޖެހޭނީ ކުޑަ އައިޑިޔާއެއް. މި އައިޑިއާ އިން ތަކެތި އުފައްދާ ލާނެ. މި ތަން [ފަލަ ފެޓް] ފިހާރާގައި ހަދާފައި ނުހުންނާނެ ބޭރުން އެތެރެކޮށްފައި ހުރި އެއްޗިއްސެއް،" ޝިމާމް ބުންޏެވެ.
"މި ތަނުގެ މަތި [ސީލިންގް] ގައި ޖަހާފައި ހުރި އެއްޗިއްސަކީ ވެސް ބަޔަކު އުކާލަން ގެންދިޔަ އެއްޗެއް. އެ އަހަރެމެން ގެނައީ. މިގޮތަށް މި ތަނުގައި ހުރިހާ އެއްޗެއް ވެސް ހުންނާނީ."
ޝިމާމްއަށް ބޭނުންވާނެ ސައިޒު ނުލިބިގެން ހުޅުވި "ފަލަ ފެޓް" ފިހާރައިގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަ ކޮށްދީފި އެވެ. މިއާއެކު އޭނާގެ "ފަަލަ ފެޓް" ގެ ވިޔަފާރި ވެސް ހުރީ މައްޗަށް ޖަހާފަ އެވެ.