ބޭރު ކުޅިވަރު

ފްރާންސަށް 55000 ޓިކެޓް، އަޔަލޭންޑަށް 4500 ޓިކެޓް. ކޯޗު ރަތަށް!

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާ ދެކޮޅަށް އަޔަލޭންޑް ކުޅޭ މެޗުގެ ޓިކެޓްތައް ބަހަފައިވާ ގޮތާމެދު އަޔަލޭންޑް ކޯޗު މާޓީން އޯނީލް ރުޅިއަތުވެއްޖެ އެވެ.

ފްރާންސްގެ ލިއޯންގެ ސްޓޭޑިއަމުގައި ކުޅޭ މި މެޗަށް އަޔަލޭންޑަށް ދީފައިވަނީ އެންމެ 4500 ޓިކެޓެވެ. ބާކީ 55500 ޓިކެޓް ދީފައިވަނީ ފްރާންސަގެ ސަޕޯޓަރުންނެވެ.

"މިއީ އެއްވެސް އިންސާފެއްނޫން. އަހަރުމެން އެދުނިން ޓިކެޓްގެ އަދަދު އިތުރުކޮށްދޭން. އެދުނީމަ ދިނީ އެންމެ 104 ޓިކެޓް. މިއީ އެެއްވެސް ގޮތެއްނޫން. މުބާރާތުގެ ގްރޫޕް ދެވަނަ ބުރަށް ޓީމުތަކަށް މިއަށްވުރެ ރަނގަޅު ގޮތެއް އޮންނަންވާނެ. މިއީ ހުރިހާ އެޑްވާންޓޭޖެއް ފްރާންސަށް ހޯދައިދިނުން،" ކޯޗު ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވަރުގަދަ އިޓަލީ ބަލިކުރި އަޔަލޭންޑްގެ 25000ވުރެ ގިނަ ސަޕޯޓަރުން އެ މެޗަށް ވަނެވެ. މިހެންވެ މި މެޗުގައި ސަޕޯޓަރުން ޓިކެޓް ލިބޭނެ ކަމަށް އެ ޓީމުން ތިބީ ވަރަށް އުއްމީދުގަ އެވެ.

އޯނީލް ބުނީ އޭނާގެ ޓީމަށް މި މެޗަށް ތައްޔާރުވާން ލިބުނީ އެންމެ ތިން ދުވަސް ކަމަށާއި ނަމަވެސް ކުޅުންތެރިން ރަނގަޅަށް އަރާމުކޮށްފައިވާ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ އަރާމު ކުރުން. އަހަރުމެންނަސް ތިން ދުވަސް ލިބުނީ. މިއީ އެކަށީގެންވާ ވަގުތެއްނޫން. އެކަމަކު މިކަން ގަބޫލު ކުރަންޖެހޭ. އަހަރުމެން އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ހިތްވަރު މި މެޗުގައި ކުޅުންތެރިން ދައްކައިފިނަމަ މޮޅުނުވެވެންވީ ސަބަބެއްނެތް،" ކޯޗު ބުންޏެވެ.

އަޔަލޭންޑާ ހިލާފަށް ފްރާންސަށް އަރާމުކުރަން ހަފުތާއެއް ލިބުނެވެ. މުހިންމު ގިނަ ކުޅުންތެރިން ގްރޫޕުގެ ފަހު މެޗުގައި ވެސް ތިބީ އަރާމުކުރަން ބައިތިއްބާފަ އެވެ. ނަމަވެސް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނީ އަޔަލޭންޑް ޓީމަކީ ވަރަށް ހިތްވަރުކުރާ ޓީމެއް ކަމަށާއި ޓީމެއްގެ ގޮތުގައި އަޔަލޭންޑް ވަރަސް ވަރުގަދަ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ އަތުން ޖެހި ގޯލާއެކު އަޔަލޭންޑް އެމުބާރާތަށް ނުހިވި ކެޓި ނަމަވެސް ޑެޝޯން ބުނީ ދެ ޓީމުން އެކަމާ ފަރުވާލެއް ނުހުންނާނެ ކަމަށެވެ.

"އެއީ މީގެ ހަ އަހަރު ކުރިން ހިނގި ކަމެއް. އަހަންނަކަށް ހިއެއްނުވޭ މާޓިން އޯނީލް ވެސް އެކަމާ އޭނާގެ ކުޅުންތެރިންނާ ވާހަކަ ދައްކާނެހެން. މާދަމާގެ މެޗުގައިވާ ކަންތައްތައް މުހިންމީ. ފުޓްބޯޅައިގައި ބަދަލު ހިފުމަކީ އޮންނަ ކަމެއްނޫން. މި މެޗު ކާމިޔާބު ކުރުން މުހިންމީ،" ކޯޗު ބުންޏެވެ.