ބޭރު ކުޅިވަރު

ޕަޔެޓް ކޮންމެ ޓީމަކަށް ވެސް ތަފާތު ގެނެސްދޭނެ: ޒިދާން

ފްރާންސްގެ މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް އަކީ ކޮންމެ ޓީމަކަށް ވެސް ތަފާތު ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށް މިރޭ އަޔަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ޕަޔެޓަށް ތައުރީފް ކުރީ އިންތިހާ އަށެވެ.

"އޭނާ ފްރާންސް ޓީމަށް ނުނެގުމުން ހިތްވަރު ދެރަކޮށްނުލާ. ވަރަށް ރަނގަޅަށް މަސައްކަތްކުރި. މިހާރު އޭނާ އަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ. ކޮންމެ ޓީމަކަށް ޕަޔެޓް ނެގިޔަސް އޭނާ އެ ޓީމަކަށް ތަފާތު ގެނެސްދޭނެ. އޭނާ އަށް ލިބެންވާ ތައުރީފް ލިބެން އެފެށީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. މިއިން ދައްކައިދެނީ ބައެއް ކަންތައްތައް ކުރިން ނުވެ ފަހުން ވެގެންދާކަން،" ވޯލްޑް ކަޕާއި ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދިން ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާ ބުންޏެވެ.

ޒިދާން ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ ދެކޭގޮތުގައި ޓީމެއް މޮޅުކޮށްދޭން ބޭނުންވާ ހުރިހާ ހުނަރެއް ޕަޔެޓަށް ލިބިފައިވާ ކަމަށެވެ.

"އޭނާ ގޯލު ޖަހާ. އޭނާ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދޭ. އޭނާ ހިލޭޖެހުންތައް ރަނގަޅަށް ޖަހާ. ކޮންމެ ޓީމަކަށް އޭނާ ލިޔަސް އޭނާގެ މި ކޮލިޓީތަކުގެ ސަބަބުން ތަފާތު ފެންނާނެ،" ޒިދާން ބުންޏެވެ.

ޕަޔެޓަށް މިހާބޮަޑަށް ޒިދާން ތައުރީފްކުރިއިރު ކުޅުންތެރިޔާ ހޯދަން ޒިދާން މިހާރު ކޯޗުކޮށްދޭ ސްޕޭނުގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމުގެ ވާހަކަތައް ވެސް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ޒިދާން ވަކިއެއްޗެއް ނުބުނެ އެވެ.