ބޭރު ކުޅިވަރު

ތަށި ހިފައިގެންނޫނީ އައިސްގެންނުވާނެ: މަރަޑޯނާ

ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިގެން ނޫނީ އާޖެންޓީނާ ޓީމު އެނބުރި ގައުމަށް އައިސްގެންނުވާނެ ކަމަށް ކުރީގެ ކެޕްޓަން އަދި ކޯޗު ޑިއެގޯ މަރަޑޯނާ ބުނެފި އެވެ.

އޭނާ މިހެން ބުނީ މާދަމާ ރޭ ކުޅޭ ކޮޕާ އެމެރިކާ ސެންޓެނާރިއޯ މުބާރާތުގެ ފައިނަލް މެޗާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ ދެކޮޅަށެވެ. 100 އަހަރަށް ފަހު ޗިލީ ފުޓްބޯޅައިން ތައްޓެއް ހޯދީ މިދިޔަ އަހަރުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކޮށްފަ އެވެ.

"ޔަގީން އަހަރުމެން މޮޅުވާނެ. އެކަމަކު އަހަރެން ބުނަން ބޭނުންވަނީ އެމީހުންނަށް މޮޅު ނުވެއްޖިއްޔާ އެނބުރި ގައުމަށް ނާންނާށޭ. ކާމިޔާބީ އަކީ ތަށި ހޯދުން. ފައިނަލެއްނޫން،" 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން ކެޕްޓަން ބުންޏެވެ.

މަރަޑޯނާ ބުނީ އާޖެންޓީނާގެ މިހާރުގެ ޓީމަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެއް ކަމަށާއި ތަށި ނުލިބެންވީ އެއްވެސް ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ.

މަރަޑޯނާގެ ވާހަކަތަކާ ގުޅިގެން އާޖެންޓިނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނީ އެއީ ޓީމަށް ކުރިމަތިވާ ޕްރެޝަރެއްނޫން ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން ވެސް ތިބީ ތަށި ހޯދުމުގެ ރޫހުގައި ކަމަށާއި އަބަދު ނާކާމިޔާބުވާނެ ކަމަށް ބަލައިގެންނުވާނެ ކަމަށެވެ.