ކެޕްޓަން ލަޔޮނަލް މެސީ ޖެހި ޕެނަލްޓީ ވެސް ނާކާމިޔާބުވެ، 4-2އިން އާޖެންޓީނާ ބަލިކޮށް ޗިލީ ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި އެވެ.
މިއީ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކޮށް ޗިލީ މި ތަށި ޖެހިޖެހިގެން ހޯދި ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު ޗިލީގައި ބޭއްވި މުބާރާތް އެ ގައުމު ކާމިޔާބު ކުރީ ފައިނަލުގައި 4-1އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.
ޗިލީގެ މާސެލޯ ޑައިސް އާއި އާޖެންޓިނާގެ މާކޯސް ރޯހޯ އަށް ފުރަތަމަ ހާފުގައި ދެއްކި ރަތްކާޑާއެކު ދެ ޓީމު ވެސް 10 ކުޅުންތެރިންނާއެކު ފުރިހަމަ ކުރި މެޗުގެ 90 މިނިޓް ނިމުނީ 0-0އިން އެއްވަރުވެގެންވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ޗިލީގެ ފުރަތަމަ ޕެނަލްޓީ އަރްތޫރޯ ވިދާލް ޖެހުމުން އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމޭރޯ ދިފާއު ކުރި ނަމަވެސް އާޖެންޓީނާގެ ފެށުން ގޯސްކޮށްދިޔައީ ކެޕްޓަން މެސީ ޖެހި ޕެނަލްޓީ ހުރަސް ދަނޑިމަތިން ދިއުމުންނެވެ. އޭގެ ފަހުން ސާޖިއޯ އަގުއެރޯ އާއި ހާވިއާ މަޝެރާނޯ ޕެނަލްޓި ކާމިޔާބު ކުރި ނަމަވެސް ލޫކަސް ބިގިލާ ޖެހި ޕެނަލްޓީ ބާސެލޯނާ އަށް ކުޅޭ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ދިފާއު ކުރި އެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ބްރާވޯ އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ޗިލީގެ އެލެކްސިސް ސަންޗޭޒް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ
މިއީ ތިން އަހަރު ތެރޭގައި ޖެހިޖެހިގެން އާޖެންޓީނާ ބަލިވި ބޮޑު ތިން ވަނަ ފައިނަލެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން ބަލިވިއިރު މިދެ އަހަރު ބަލިމިވީ ޗިލީ އަތުންނެވެ.