އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ރޭ ވިދިވިދިގެން ދެ ވަނަ ފަހަރަށް އާޖެންޓީނާ ބަލިވުމުންނެވެ. އަދި މިއީ މިދިޔަ ތިން އަހަރު ތެރޭގައި އާޖެންޓީނާ ބަލިވި ބޮޑު ތިން ފައިނަލް އެވެ.
"އަހަންނަށް ގައުމީ ޓީމު މިހާ ހިސާބުން ނިމުނީ. އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކޮށްފިން. ޗެމްޕިއަންކަން ނުލިބުމަކީ ވަރަށް ހިތްދަތި ކަމެއް،" އުމުރުން 29 އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބުންޏެވެ.
2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުޅެ މެސީ ވަނީ ގައުމީ ޓީމަށް 112 މެޗު ކުޅެދީ 55 ގޯލު ޖަހާދީފަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް މިފަހަރުގެ މުބާރާތުގައި މުގުރާލައިފަ އެވެ. ކުރިން މި ރެކޯޑް އޮންނަނީ ކުރީގެ ފޯވަޑް ގަބްރިއަލް ބަޓިސްޓޫޓާގެ އަތުގަ އެވެ.
2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން ބަލިވިއިރު މިދިޔަ ދެ އަހަރު އެ ގައުމު ބަލިވީ ކޮޕާ އެމެރިކާގައި ޗިލީ އަތުންނެވެ. މީގެ ތެރެއިން ވޯލްޑް ކަޕާއި މިދިޔަ އަހަރުގެ ކޮޕާ އެމެރިކާގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މެސީ އެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރުގެ ކޮޕާ ފައިނަލުން އާޖެންޓީނާ ބަލިވުމުން މޮޅު ކުޅުންތެރިޔާގެ މަގާމު ގަބޫލުނުކޮށްފަ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިއަކީ ވެސް މެސީ އެވެ. ފަސް ފަހަރު މި މަގާމު ހޯދާފައިވާއިރު ކުލަބު ފުޓްބޯޅައިގައި ދުނިޔެ ދެކެފައިވާ އެންމެ ކާމިޔާބު އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ނަމަވެސް ކުލަބުގައި ދައްކާ ކުޅުން ގައުމީ ޓީމުގައި ނުދެއްކޭތީވެ އޭނާ އަށް އަބަދުވެސް ފާޑުކިއުން އަމާޒުވެ އެވެ.