ކާނާ

އެންމެ ފައްކާ ރޯދަ ވީއްލުން އެޗްއައިއެޗްގައި!

ރޯދަ މަސް ނިމެން މާގިނަ ދުވަހެއް ނެތެވެ. ވަރަށް ގިނަ ތަންތަނަށް ރޯދަ ވިއްލަން ވެސް މިހާރު ހުންނާނީ ދެވިފަ އެވެ. ހިތްފުރޭ ވަރު ވެއްޖެ ހެއްޔެވެ؟ އަގު ހެޔޮކޮށް މީރު ރޯދަ ވިއްލުމެއް ބޭނުން ހެއްޔެވެ؟ އެވެސް އަދި މާލެއިން ބޭރުންނެވެ. މިފަހަރު އެ ފުރުސަތު މިއޮތީ ރިސޯޓެއްގެ ފެންވަރު ހުޅުލެ އައިލެންޑް ހޮޓަލުގަ އެވެ.

މި ރޯދަ މަހަށް ހާއްސަކޮށްގެން އެ ހޮޓެލުން ވަނީ ހާއްސަ ދެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެ ޕެކޭޖް ތެރޭގައި ޓްރާންސްޕޯޓް ވެސް ހިމެނެ އެވެ. ފުރަތަމަ ޕެކޭޖަކީ 35 ޑޮލަރުގެ ޕެކޭޖެކެވެ. ކުޑަކުއްޖަކަށް ނަމަ 27 ޑޮލަރެވެ. މި ޕެކޭޖަކީ އެ ހޮޓެލްގެ އުޑުވިލާ ރެސްޓޯރެންޓަށް ހާއްސަ ޕެކޭޖެކެވެ. އުޑުވިލާ ރެސްޓޯރެންޓަކީ ވަރަށް ހާއްސަ ހިތްގައިމު ރެސްޓޯރެންޓެކެވެ. ސައުންޑް ޕްރޫފް މި ރެސްޓޯރެންޓްގެ އަރާމްކަން އެނގޭނީ އެ ރެސްޓޯރެންޓަށް ގޮސްލުމުންނެވެ. ވަށައިގެންވާ މާހައުލު ވެސް އެހާ ހިތްގައިމެވެ.

އުޑުވިލާގެ ރޯދަ ވިއްލުމުގެ ތީމަކީ "އަރަބިކް - މޯލްޑިވިއަން އިންޓަނޭޝަނަލް ފުޑް ފެސްޓިވަލް" އެވެ. އުޑުވިލާ ރެސްޓޯރެންޓް ހާއްސަކޮށްފައިވަނީ އަރަބި ކެއުންތަކަށެވެ. މި ރޯދަ މަހަށް ހާއްސަކޮށްގެން މިސްރުން ޝެފެއް ވެސް ވަނީ ގެނެސްފަ އެވެ. ރޯދަ ވިއްލުމުގެ ބުފޭގައި ތަފާތު ރަހަ މީރު އަރަބި ކެއުންތައް ލިބެ އެވެ. އެއާއެކު އޭޝިއާގެ ކާނާ ވެސް ކޮންމެ ވެސް ވަރަކަށް ލިބެން ހުރެ އެވެ. -- ރަހަ ބަލާލަން ފުރުސަތު ލިބިފައިވުމުން ރަހައަށް ދޭނީ އޭ ރިޕޯޓެކެވެ.

ދެން އޮތީ 26 ޑޮލަރުގެ ޕެކޭޖެކެވެ. ކުޑަކުއްޖެއް ނަމަ 20 ޑޮލަރެވެ. މި ޕެކޭޖް ހާއްސަކޮށްފައިވަނީ އެ ހޮޓެލްގެ ފަރު ކޮފީ ހައުސް ރެސްޓޯރެންޓަށެވެ. މި ރެސްޓޯރެންޓްގެ ބުފޭ ހާއްސަކޮށްފައިވަނީ ދިވެހި، އިންޓަނޭޝަނަލް، އިންޑިއަން އަދި ސްރިލަންކަން ފުޑަށެވެ. މި ރެސްޓޯރެންޓްގައި ޕްރައިވެޓް ޓޭބަލްތަކެއް ވެސް ހުރެ އެވެ.

މީގެއިތުރަށް ވެސް ހޯލުގައި ވެސް ރޯދަ ވިއްލުން ކުރިއަށްދެ އެވެ. އެއީ ހަމަ 26 ޑޮލަރުގެ ޕެކޭޖުގަ އެވެ.

މި ހޮޓަލަށް ރޯދަ ވިއްލުމަށް ގޮސްލައިގެން ލަކީ ޑްރޯއެއްގައި ވެސް ބައިވެރިވެވެ އެވެ. ނަސީބުވެރިންނަށް އެއާ ޓިކެޓްސް، ހޮޓްލްގައި މަޑުކުރުމުގެ ފުރުސަތާއި ޑީނާސް ލިބެ އެވެ.

މާލެ ބޭރަށް އާއިލާ ގޮވައިގެން ރޯދަ ވިއްލުމަށް ދާން މި ހޮޓަލަށްވުރެ ވަކި ރަނގަޅު ތަނެއް ނޯންނާނެ އެވެ. އޮފީސް ރޯދަ ވިއްލުންތައް ބާއްވާލަން ވެސް މިއީ ހަމަ ބަރާބަރު ތަނެކެވެ. ޕެކޭޖުގެ ދަށުން 6:00 ން 7:15 ށް އެ ހޮޓެލްގައި ތިބެވެ އެވެ.

އަދި އެނގޭ ހެއްޔެވެ؟ މި ހޮޓަލީ ދުނިޔޭގެ ފެންވަރު ގިނަ އެވޯޑްތަކެއް ލިބިފައިވާ ހޮޓެލެކެވެ. ނަން ހުސްކޮށް އެވޯޑްތައް ލިބިފައިވެ އެވެ. މި މަހުގެ 18 ވަނަ ދުވަހު ވެސް އެ ހޮޓަލްގެ އުޑުވިލާ ރެސްޓޯރެންޓަށް ވަނީ ބޮޑު އެވޯޑެއް ލިބިފަ އެވެ. ވޯލްޑް ލަކްޒަރީ ރެސްޓޯރެންޓް އެވޯޑްސް 2016 ގައި ދެ އެވޯޑެއް ލިބިފަ އެވެ.