މިއުޒިކް

ސިމްބޮލިކް ރެކޯޑުން ރެކޯޑް ހަދައިފި، އާ ސަޕްރައިސްތަކެއް!

ހިޕްހޮޕް މިއުޒިކް ވީޑިއޯތައް އުފައްދަމުން އަންނަ، ސިމްބޮލިކް ރެކޯޑްސްއިން މި އޮތީ ރިކޯޑެއް ހަދައިފަ އެވެ. ސައުންޑް ކުލައުޑް މެދުވެރިކޮށް ސިމްބޮލިކް ރެކޯޑްސްގެ ލަވަތައް އަޑުއެހި އަދަދު މިވަނީ އެއް މިލިއަނަށް އަރާފަ އެވެ.

ސިމްބޮލިކް ރެކޯޑްސްއަކީ ހިޕްހޮޕް މިއުޒިކަށް ހާއްސަވެގެން އުފެދުނު ކުންފުންޏެއް ނަމަވެސް އެ ކުންފުނި މިހާރު ވަނީ ފުޅާވެ، ހުރިހާ ވައްތަރެއްގެ މިޔުޒިކަށް ވެސް ހާއްސަ ކުންފުންޏަކަށް ހަދާފަ އެވެ. އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި އޭރިއަލް ފޮޓޯ އަދި ވީޑިއޯ ގްރަފީގެ މަސައްކަތާއި އެޑް ހަދައިދިނުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ކޮށްދެ އެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާގެ އެންމެފަހުގެ ދެ ވީޑިއޯ ލަވަ ކަމަށްވާ "ވައުދު ވަމޭ" އަދި "ނެތް ދުވަހަކުން" ހަދާފައިވަނީ ސިމްބޮލިކްއިންނެވެ. މީގެ އިތުރުން ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ "ވިޝްކާ" ގެ ލަވައެއް ވެސް ހަދާފައިވަނީ ސިމްބޮލިކުންނެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުހައްމަދު (އޭޑީ) ވިދާޅުވީ، ސިމްބޮލިކަށް މި ލިބުނު ބޮޑު ކާމިޔާބީއަކީ ސަޕޯޓަރުންގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށާއި އެކަމަށްޓަކައި ސަޕޯޓަރުންނަށް ނުހަނު ބޮޑު ޝުކުރެއް އަދާކުރާ ކަމަށެވެ.

އޭޑީ ވިދާޅުވީ، ކުރިއަށް އޮތްތާގައި ސިމްބޮލިކް އިތުރަށް ފުޅާވެގެންދާނެ ކަމަށާއި އަމިއްލަ އުފެއްދުންތައް ސަޕޯޓަރުންނާ ހަމައަށް ގެނެސްދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ. ސިމްބޮލިކަށް އާ އާޓިސްޓުންތަކެއް ގުޅިފައިވާ ކަމަށް ވެސް އޭޑީ ވިދާޅުވި އެވެ. އަދި އެ މީހުންގެ ސުޓޫޑިއޯ ވެސް ވަނީ މިހާރު ފައްކާ ކޮށްފަ އެވެ.

"މި އަންނަ މަހުން ފެށިގެން ސިމްބޮލިކްގެ ސްޓޫޑިއޯ އިންނާނެ، ސިމްބޮލިކުން އަލަށް ލަވަ ނެރެން ބޭނުންވާ މީހުންނަށް އެހީ ވެސް ވެދޭނެ،" އޭޑީ ވިދާޅުވި އެވެ.

ސިމްބޮލިކް ރެކޯޑްސްއިން އަދި ނެރެފައިވަނީ އެންމެ އަލްބަމެކެވެ. އެއީ، "މަގުމަތި" އެވެ. އެ އަލްބަމަކީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު އަލްބަމެކެވެ. މިހާރު ސިމްބަލިކުން ދަނީ ދެވަނަ އަލްބަމެއްގެ މަސައްކަތް ކުރަމުންނެވެ. އަދި ލިބުނު ކާމީޔާބީއާ ގުޅިގެން ސަޕޯޓަރުންނަށް ކުރިއަށް އޮތްތާ ބޮޑެތި ސަޕްރައިސްތަކެއް ލިބިގެންދާނެ ކަމަށް ވެސް ސިމްބޮލިކުން ބުނެ އެވެ.

ސިމްބޮލިކްގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއިލް ނާއިލް ބުނީ، އަލަށް ދާއިރާއާ ގުޅޭ ފަރާތްތަކާ އެކު، ކުރިއަށް އޮތްތަނުގައި އެކްސްޕީރިއަންސް ޝެއަރިންފަދަ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށާއި އާ އާޓިސްޓުންނަށް ޓްރެއިނިން ދިނުންފަދަ ކަންކަން ކުރިއަށް ރޭވިފައިވާ ކަމަށެވެ. އަދި އޮރިޖިނަލް މިޔުޒިކަށް އިސްކަންދޭ ބޭންޑްތަކާ ގުޅިގެން ވަރަށް އަވަހަށް ޖޭމް ސެޝަންތަކެއް ވެސް ފަށާނެ ކަމަށް ނާއިލް ބުނެ އެވެ.

"ސިމްބޮލިކުން އަބަދުވެސް އިސްކަން ދެނީ ތަފާތު ޕްރޮޑަކްޓްތަކެއް ގެނެސްދިނުމަށް ކަމަށްވާތީ ކުރިއަށް އޮތްތާ ވެސް ރާއްޖޭގަ މިހާތަނަށް ފެނިފައިނުވާ ކޮންސެޕްޓްތަކުގެ ޕްރޮޑަކްޝަންތައް ސިމްބޮލިކްގެ ފަރާތުން ބެލުންތެރިންނާ އަޑުއެހުންތެރިންނަށް ގެނެސްދޭނެ،" ނާއިލް ވިދާޅުވި އެވެ.