މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއެއް ފަށަން އީވައިސީއަށް ހުށަަހަޅައިފި

  • ބަނދަރު މައި ތޮށި 600 މީޓަރު ބޭރަށް ޖެއްސޭނެ
  • ބޮޑު ކުރުމުން 15-20 އަހަރުވެސް ޖާގަ ފުލެއް ނުވޭ
  • މަޝްހޫއާމެދު އީވައިސީ ޕޮޒިޓިވް

ވިޔަފާރި ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ އާ މަޝްރޫއެއް ފަށަން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އަށް ހުށަހަޅާފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ މާލެ ވިޔަފާރި ބަނދަރުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި، ޖާގަ ބޮޑު ކުރުމުގެ ޕްލޭނެއް ޖުނައިދު ސީއީއޯގެ މަގާމާ ހަވާލުވުމަށްފަހު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

"ޕްލޭނެއް ހެދިފައިވަނީ އެ ޕްލޭންވަނި އީވައިސީ އަށް ހިއްސާކޮށްފަ. އެ ބޭފުޅުން ވެސް ޕޮޒިޓިވް ކޮމެންޓްސްތަކެއް ދީފައިވަނީ. އެ އެޕްރޫވް ވެއްޖެނަމަ ކުރިއަށް ގެންދާނަން،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އީވައިސީއަށް ހުށަހަޅާފައިވާ ޕްލޭނާއި އެއްގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ 15-20 އަހަރުވެސް މާލެ ވިޔަފާރި ބަނދަރަށް ބޭނުންވާ ޖާގަ އޮންނާނެ ކަމަށެވެ.

"މިއީ އަދި ވާހަކައެއް. ނަމަވެސް މިކަން ވެއްޖެނަމަ ބަނދަރުގެ ޝަކުވާއެއް ކުރާކަށް ނުޖެހޭ. މިތަނުގައި [މާލެ ވިޔަފާރި ބަނދަރު] ގެ ހުޅަނދު ފަރާތާއި އިރުމަތީ ފަޅީގައި ބޮޑު ޖާގައެއް އެބައޮތް މޫދުގެ ގޮތުގައި ބޭނުންކުރާ. އެތަން ހިއްކާލާފަ މިހާރުގެ ކީވޯލު 600 މީޓަރު ބޭރަށް ދަމާލީމަ އެއްވެސް ދަތިކަމެއް ނުވާނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރަހައްދު ބޮޑު ކުރެވިއްޖެނަމަ މިހާރުން މިހާރަށް ބަލާނަމަވެސް ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.

"މި ތަން ހިއްކުމުން ބޯޓު ފަހަރު އެންކަރުގައި ހިންގާ އޮޕަރޭޝަން ލޭންޑަށް ބަދަލު ކުރެވޭނެ. އެންކަރުގައި ބޯޓު ބާއްވައިގެން މުދާ ބާލައި ހެދުމަކީ ދަތިކަމެއް. އެކަމަށް ބާޖު ބޭނުންވޭ. އެއަށް މެއިންޓަނަންސް ބޭނުންވޭ. އިތުރު މީހުން ބޭނުންވޭ. އެހެންމީވި މީގެ ބަދަލުގައި އެއްބޯޓު ޑިސްޖާޗު ކޮށްފަ، އަނެއް ބޯޓު ކައިރި ކުރެވޭ ވަރުގެ ޖާގަ އެބައޮތް. ކީވޯލް އެގޮތަށް ދަމާލީމަ ބަނދަރު ބޮޑުވޭ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުގެ ޑިމާންޑު އޮތް ގޮތުން އެއްލައްކަ ކޮންޓެއިނާ ހޭންޑްލް ކުރާނަމަ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 150000 ކޮންޓެއިނާ އަށް އިތުރު ވެގެންދާނެ ކަމަށެވެ.

ސަރުކާރުން ވަނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއެއް ހިންގުމަށް ނިންމާފަ އެވެ. އަދި އެކަން ފެށުމުގެ ގޮތުން ދުބާއީގެ ކުންފުންޏަކާއެކު މަޝްވަރާތައް ވެސް ކޮށްފައިވެ އެވެ. ނަމަވެސް މި އެއްބަސްވުމަކީ 'ރާއްޖެއަށް އެންމެ ރަނގަޅު' އެއްބަސްވުމަކަށް ނުވުމުން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ.