އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ރޭ ޓީސީ އަތުން 3-2އިން ބަލިވުމުން މާޒިޔާ އަށް ގެއްލިއްޖެ އެވެ.
ޓޭބަލުގެ އެއްވަނާގައި 13 ޕޮއިންޓާއެކު އޮތް މާޒިޔާ ރޭ ބަލިވީ މުހައްމަދު އުމޭރު ގޯލު ޖަހައިގެން ލީޑު ވެސް ހޯދި ފަހުންނެވެ. ޓީސީގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގައި މޮޅަށް ކުޅުނު ސެންޓޭ ހިފަހައްޓަން މާޒިޔާގެ ޑިފެންޑަރުންނަށް އުނދަގޫވެގެން އުޅެން އުޅުނުއިރު އެ މައްސަަލަ އިތުރަށް ބޮޑުވީ ބަލަގޭރިޔާގެ ޑިފެންޑަރު ޒިވްކޯ ޑިނޭވަށް އަނިޔާވެ ބާލަން ޖެހުމުންނެވެ.
ޓީސީގެ ތިން ވަނަ ލަނޑު އަލީ ނާފިއު (ކަޅޭ) އެވެ. މި ތިން ލަނޑަށް ފަހު މާޒިޔާ އަށް ފަހަރު ކުޑަކޮށްދިނީ ޑިފެންޑަރު އަމްދާން އަލީ އެވެ. އޭގެ ފަހުން އެއްވަރުކޮށް، އަދި މޮޅުވާން ވެސް ލިބުނު ފުރުސަތުތައް މާޒިޔާގެ ކުޅުންތެރިންނަށް ބޭނުންހިފޭގޮތެއްނުވި އެވެ.
މިއީ މި އަހަރުގެ ސީޒަނުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެވެ. މި ބައްޔާއެކު އެ ޓީމު އަދިވެސް އޮތީ އެއްވަނާގަ އެވެ. ނަމަވެސް ޓީސީ މޮޅުވުމުން 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ދެ ވަނަ އަށް ކުރި ޖެހި މާޒިޔާގެ ލީޑު ހަނިކޮށްފަ އެވެ.
ލީގުގައި މިރޭ ކުޅޭނީ ނިއުރޭޑިއަންޓާއި އީގަލްސް އެވެ.