ބޭރު ކުޅިވަރު

ސްޕޭންގެ ސްޓައިލް މިހާރު ކަމަކު ނުދޭ: ޕީކޭ

ސްޕޭން ކުޅެމުންދާ ފުޓްބޯޅަ އަކީ މިހާރު އެންމެނަށް އެނގޭ ބާއެއްޗެއް ކަމަށާއި ކުދިޕާސްޖަހައި ބޯލަ ހިފަހައްޓައިގެން ކުޅޭ ސްޓައިލް މިހާރު ކަމުނުދާ ކަމަށް ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

ބާސެލޯނާގެ ޑިފެންޑަރު މިހެން ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީ އަތުން ބަލިވެ، މުބާރާތުން ކެޓުމުންނެވެ. ޕީކޭ ބުނީ ސްޕޭނަކީ މޮޅުވާނެ ޓީމެއްކަމަށް ސިފަވަނީ ކުޅުންތެރިންގެ ނަމުންނާއި ކުރީގެ ކާމިޔާބީތަކުގެ ސަަބަބުން ކަމަށެވެ.

ސްޕޭން ވަނީ 2008 އާއި 2012ގެ ޔޫރޯ އަދި 2010ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

"އެކަމަކު މިހާރު އެކާމިޔާބީ ހޯދި ސްޓައިލް ކަމަކު ނުދޭ. އެންމެނަށް ވެސް އެނގޭ އަހަރުމެން ކުޅޭގޮތް. މިފަހަރުގެ ނާކާމިޔާބީ އަކީ ކުރިއަށް ހުރި މުބާރާތްތަކުގައި އަހަރުމެންވެސް ވިސްނައިގެން ބަދަލުތަކަކާއެކު ނުކުންނަންޖެހިއްޖެކަން އަހަރުމެންނަށް ގަބޫލު ކުރެވޭނެ ފަދަ ނާކާމިޔާބީއެއް. ކުރިއާ އަޅާ ބަލާއިރު އަހަރުމެންގެ ޓީމުގައި މިހާރު ވަރުގަދ ކަމެއްނެތް. އަހަރުމެން މޮޅުވާނެއޭ ކިޔަނީ ކުރިން ލިބިފައިހުރި ކާމިޔާބީއާއި ކުޅުންތެރިންގެ ނަމަށް ބަލާފައި،" ޕީކޭ ބުންޏެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި ލަނޑު ޖަހައިދީގެން ސްޕޭން މޮޅުކޮށްދިން ޑިފެންޑަރު ބުނީ ސްޕޭންގެ ކޮންމެ ކުޅުންތެރިއަކު ވެސް އިދިކޮޅު ޓީމަށް އެނގޭ ކަމަށާއި އަދި ސްޕޭން ކުޅޭގޮތް ހުރިހާ ޓީމުތަކުން ވެސް މިހާރު ވަރަށް ރަނގަޅަށް ދަސްކޮށްފައިވާ ކަމަށެވެ.

ސްޕޭނުގެ ނާކާމިޔާބީގެ ސަބަބުން ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ވެސް ވަނީ މަގާމުން ވަކިވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ވަކި ގޮތެއް ނިންމާނީ ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނާ ވާހަކަ ދެއްކުމަށް ފަހު އެވެ.

އޭނާ ބުނީ މި ފަހަރު ސްޕޭން ބަލިވި ނަމަވެސް އެ ގައުމުގެ ފުޓްބޯޅައަކީ ވަރަށް ރަނގަޅަށް ރާވާލެވިފައިވާ ކަމެއް ކަމަށާއި ކުދުކުދި ބަދަލުތަކަކާއެކު އަދިވެސް ރަނގަޅު ޓީމެއް އެކުލަވާލެވޭނެ ކަމަށެވެ.