ރިޕޯޓް

ޒެޑް-ޕީޕީއެމް އުފަންވަނީތަ؟

Jun 30, 2016
10
  • ޕީޕީއެމްގެ އެތެރޭގެ ބައިބައިވުންތަކަށް ފުރުސަތު ވަނީ ބޮޑުވެފައި
  • ޔާމީން، މައުމޫންގެ މައްސަލަ ފަސޭހައިން ހައްލުވާނެހެނެއް ހިއެއް ނުވޭ
  • މައުމޫން މިހާރު ވަނީ ޕާޓީގެ ހުރިހާ ބާރުތަކެއް ނަންގަވާފައި

ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ބޭބޭފުޅު އަދި ޕީޕީއެމްގެ ރައީސް މައުމޫން އާ ދެމެދު އަބަދުވެސް ކޯޅުން އޮންނަ ކަމަށް އަޑުތައް އިވެ އެވެ. އެހެން ނަމަވެސް، މިފަހަރު އެ ދެބޭފުޅުންގެ ކޯޅުން މި ވަނީ ވަރަށް ޝައުގުވެރި، އަދި އެހާމެ ހޫނު ހިސާބަކަށް ގޮސްފަ އެވެ. އެދެބޭފުޅުންގެ ދެމެދުގައި އޮތް ކޯޅުމުގެ ފޯރި ގަދަވެ، ކޮންމެވެސް ކަމެއް ވެއްޖެކަން އާންމުންނާ ހަމަޔަށް ވެސް ތިލަވެއްޖެ އެވެ. މުޅި ޕާޓީގެ ހިންގުމުގެ އެންމެހާ ބާރުތައް ސީދާ ރައީސް މައުމޫންގެ މުށުތެރެއަށް ލައްވައިފި އެވެ. ސަރުކާރުން ފާސްކުރަން ބޭނުންވާ ބިލްތަކާ ދެކޮޅަށް މައުމޫން ނިކުންނަވައި މަސައްކަތް ވެސް ފައްޓަވައިފި އެވެ. މިއިން ދުވަހަކު މި ކޯޅުން ތިލަނުވާ ދަރަޖައަށް މިފަހަރު މި އޮތީ މައްސަލަގަނޑު ހިލިފަ އެވެ.

ޕީޕީއެމް ވެސް އުފެދި ފައްކާވެފައި މި އޮތީ، އޭރު އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި އޮތް، ޑީއާރުޕީގެ ތެރެއިން އުފެދުނު މިޒާތުގެ ކޯޅުން ގަނޑެއްގެ ތެރެއިންނެވެ. އޭރު ވެސް ނުތަނަވަސްކަން އުފެދުނީ، މައުމޫންގެ ހިޔަންޏެއްގެ ގޮތުގައި ގެންގުޅުއްވި އޭރު ޕާޓީގެ ލީޑަރަކަށް ހުންނެވި ތަސްމީން އަލީ އާއި ޒައީމްގެ މަގާމުގައި ހުންނެވި މައުމޫން އާ ދެމެދު ބޮޑު ނުތަނަވަސްކަމެއް ފެށި، ޕާޓީ ކޮންޓްރޯލް ނަންގަވަން އެއްބޭފުޅަކު އަނެއް ބޭފުޅަކު ރޭސް ޖައްސަވަން ދުއްވައިގަތުމުންނެވެ. ތަސްމީންގެ މުށުތެރޭގައި އޮތް ޕާޓީގެ ގުނަވަންތަކުގެ ބާރުވެރިކަން މައުމޫން އަށް ޖަހައިނުގަނެވުމުން އެމަނިކުފާނުގެ ޕާޓީގެ ތެރެއިން، ބޮޑު ފެކްޝަނެއް އުފަން ކުރައްވައި ކޭކެއްފަޅާލާ ގޮތަށް ޑީއާރުޕީ ދެ ބައިކޮށްލައި، ބޮޑު ޕީޕީއެމްއެއް އުފެއްދެވީ އެވެ. ޑީއާރުޕީގެ ތެރެއިން މައުމޫން އުފެއްދެވި ފެކްޝަން މަޝްހޫރުވީ، ޒެޑް-ޑީއާރުޕީ ނޫނީ "ޒައީމް ފެކްޝަން"ގެ ގޮތުގަ އެވެ. އެފެކްޝަންގެ މޫނު މަތި ނޫނީ މައުމޫންގެ ބަސް އިއްވާ ބޭފުޅެއްގެ ގޮތުގައި ހުންނެވީ ދާދިފަހުން، މި ސަރުކާރުން އިސްތިއުފާދެއްވައި ގޭގައި ހުންނެވި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ޕީޕީއެމްގެ އުފަންވުމަކީ މައުމޫން އަޑީގައި ހުންނަވައިގެން އުމަރު ލީޑްކުރެއްވި އެ ޒެޑް ފެކްޝަނެވެ.

ޕާޓީގެ އާންމު މެންބަރުންނާއި އެތައް ބައެއްގެ މެދުގައި މިހާރު ސުވާލު އުފެދެނީ، ޒެޑް ޑީއާރުޕީގެ އުފަންވުމާއި ދާދި އެއްގޮތް ހަނގުރާމައެއް ޕީޕީއެމްގެ ތެރޭގައި މިހާރު ފެށިފައިވާތީ އެވެ. މައުމޫން މީޑިއާއަށް އެއްޗެއް ވިދާޅުނުވެ، ކިތަންމެ ހަނު ހުންނެވިޔަސް ޕާޓީ ތެރޭގެ މިކޯޅުން ގަނޑެއް އާންމުންނަށް ތިލަވާން ފެށީ، ޕްރައިމަރީއެއް ނުބާއްވާ އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް ޔާމީން އަށް ދިނުމަށް ފެށި މަސައްކަތްތަކާ ހަމައިންނެވެ. މިހާރު އެންމެންގެ ސުވާލަކީ ޕީޕީއެމްގެ ބައިބައިވެ، ޒެޑް ޕީޕީއެމްއެއް އަނެއްކާ ވެސް އުފަންވަނީ ހެއްޔެވެ؟ ޕާޓީ ތެރޭގެ މިފަދަ ބައިބައިވުމަކަށް މައުމޫން ފުރުސަތުދެއްވަނީ ކީއްވެ ހެއްޔެވެ؟

ފެންނަ ފެނުމަށް ބަލާއިރު އަންނަ ރިޔާސީ އިންތިހާބަށް މައުމޫންގެ އެހެން އުންމީދުތަކެއް ހުންނެވީ އެވެ. ބައެއް ކްރިޓިކްސް އިން ބުނާ ގޮތުގައި، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ރިޔާސީ ކެންޑިޑޭޓަކަށް ނެރެދެއްކެވުމަކީ ރައީސް މައުމޫންގެ ވިސްނުންފުޅަކަށް ވެދާނެ އެވެ. އަދި ފާރިޝްގެ ރަނިން މޭޓަކަށް، އުމަރު ނަސީރު ހައްދަވައި، މައުމޫން އެ ފަޅި ނެންގެވުމުގެ ވިސްނުން ހުންނެވީ ކަމަށް ވެސް ވެދާނެ އެވެ. މައުމޫން މިހާރު އަމަލު ކުރައްވާ ގޮތުން ފާޑަކަށް އެޒާތުގެ މަންޒަރެއް އާންމުންނަށް ދައްކަވަން މަސައްކަތް ވެސް އެބަ ކުރައްވަ އެވެ.

އުމަރު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އިންނެވީ މައުމޫން ފައުންޑޭޝަނުން ބާއްވާ ރަމަސޯން މަހުގެ ރޭތަށް އިހުޔާ ކުރުމުގެ ފޯރަމްގަ އެވެ. ޖެހިގެން އިންނެވީ ފާރިޝް މައުމޫން އެވެ. މިހާރު ވެސް ކޮންމެ ރެއަކު އުމަރު އެ އިންނަވަނީ ފާރިޝްއާ ޖެހިގެން އެ ފޯރަމްގެ އެންމެ ކުރީގަ އެވެ. އަދި އުމަރު މަގާމުން އިސްތިއުފާ ދެއްވުމުން މައުމޫން ވަނީ އުމަރަށް ނުހަނު ތައުރީފް ކުރައްވައި ޓްވީޓެއް ދޫކުރައްވައިފަ އެވެ. އަދި މައުމޫންގެ ސްޓޭންޑްތަކަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ މައުމޫންގެ ފަަހަތުން އުމަރު ވެސް ޓްވީޓް ކުރައްވަ އެވެ. އިއުލާން ނުކޮށް ރައްތައް ދެވޭ އިސްލާހަށް މައުމޫން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވުމުން އެބަސް އަހާ ފާރިޝް އިއްޔެ ވޯޓު ދެއްވީ އެ ބިލާ މުޅިން ދެކޮޅަށެވެ. މައުމޫންގެ މި ކަސޯޓީ އަދި ނިމުނީއެއް ނޫނެވެ. އެކަމަށް ތާއީދުކޮށް ޓްވީޓްކޮށްގެން މަގާމުން ވަކިކުރި ކޯޑިނޭޓަރު ނާދިރާއަށް ވެސް މައުމޫން ދެއްވީ ހިތްވަރެވެ. އެހެން ވީމާ މައުމޫން ކޮންމެވެސް އެއްޗެއް ދައްކަން ބޭނުންފުޅުވެ އެވެ.

"ރިޔާސީ ކެންޑިޑޭޓަކަށް ފާރިޝް ނެރުއްވުމުގެ ހިޔާލެއް އަދި މައުމޫން އެއްވެސް ބޭފުޅަކާ ހިއްސާ ކުރެއްވި ކަމެއް އިނގިފައެއް ނެތް. އެހެން ނަމަވެސް މައުމޫން ހިތްޕުޅު ހަމަނުޖެހޭ ގޮތަށް ކަންތައްތަކެއް ވީމާ މައުމޫން އެމަނިކުފާނުގެ ބަސްވިކޭކަން ދައްކާލުން ހެން އަޅުގަނޑަށް ހީވަނީ މިވެގެން މި އުޅޭ ގޮތަކީ. އަނެއްހެން މައުމޫންގެ މާ ބޮޑު އަމިއްލަ ސިޔާސީ އެޖެންޑާއެއް އޮތެކޭ އަދި ނުބުނެވޭނެ. ފާރިޝް ވޯޓް ދެއްވި ގޮތާއި އެއާ ގުޅިގެން މިއަންނަ ކަންތައްތައް މި ދަނީ އޭގެ ތެރެއިން ކަމަށް ވެސް ވެދާނެ،" ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު އޭނާގެ ވިސްނުން ހިއްސާކުރެއްވި އެވެ.

ދެން ސުވާލަކީ މައުމޫންގެ އަމަލުތަކުން މިހާރު ވެސް ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދެން ވަނީ ފަށައިފަ އެވެ. މަންޒަރު ފެންނަ ގޮތުން މި ލައިގެން ތޫފާނުގެ ބާރު އަދި އަންނާނީ ގަދަވެ، ގެއްލުންތައް ވެސް އިތުރުވަމުންނެވެ. ދެން ޕާޓީއަށް ވާނީ ކިހިނެތް ހެއްޔެވެ؟ ޕީޕީއެމްގެ އެތެރޭގެ ޕޮލިޓިކްސްއަށް ބަލާ އިރު، ޕީޕީއެމްގެ މައި ގުނަވަންތަކުގެ ތެރޭގައި ރައީސް ޔާމީންގެ ނުފޫޒު ކިތަންމެހާ ވެސް ބޮޑަކަށް އެބަ އޮތެވެ. ޕްރައިމަރީއެއް ނެތި، ޔާމީން އަށް ޓިކެޓް ދިނުމަށް ކައުންސިލްގެ ތިން މެންބަރުން ފިޔަވާ ހުރިހާ މެންބަރުން ސޮއި ކުރާނީ އެވަރުގެ ނުފޫޒެއް ރައީސް ޔާމީންގެ އޮތީމާ ކަމަށް ބެލެވެ އެވެ. އަދި ޕާޓީގެ އެންމެ ބާރު ގަދަ އެއްބަޔަކީ މަޖިލިސް މެންބަރުން ހިމެނޭ، ޕީޖީ ގްރޫޕް ކަމަށްވާ އިރު އެބޭފުޅުންގެ ފުރިހަމަ ތާއީދު ރައީސް ޔާމީންއަށް އެބަ އޮތެވެ. ޓޫރިޒަމް ގާނޫނުގެ އިސްލާހަށް ވޯޓު ނުދިނުމަށް މައުމޫން އެދިވަޑައިގަތުމުން، ޕީޕީއެމް މެންބަރުން ވިދާޅުވީ، "ކެރިގެން އެ ބިލަށް ވޯޓް ދޭނެ" ކަމަށެވެ. އެހެން ވީމާ މައުމޫން އަކީ ޕީޕީއެމްގެ ތެރޭގައި ބާރެއް ނެތް ހަމައެކަނި ނަމެކެވެ. އެކަމަކު މައުމޫން އާއި ޔާމީންގެ ކޯޅުން ބޮޑުވާ ވަރަކަށް ޕާޓީގެ ތެރެއަށް ލޮޅުންތަކެއް އަންނާނެ އެވެ.

"ރައީސް ޔާމީންގެ ފުރިހަމަ ކޮންޓްރޯލް ގުނަވަންތަކުގައި އެބަ އޮތް. އިއްޔެގެ ވޯޓަށް ފަހު މައުމޫން ވަރަށް ބޮޑަށް ޕެނިކްވެ ވަޑައިގެން ކުއްލިއަކަށް ހުރިހާ ބާރުތަކެއް ނެންގެވީ ވެސް އެ ބިރުވރިކަން އެމަނިކުފާނަށް އޮތީމާ. ޕާޓީގެ ކޮންޓްރޯލް އެކީ މައުމޫން އަށް ގެއްލިދާނެތީ. އެ ކޮންޓްރޯލް ބާއްވަވަން. އެކަމަކު މިފަދަ ކަންކަން މައުމޫން ކުރައްވަންޏާ ޕާޓީގެ ތެރޭގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދޭނެ. އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން ވެސް މަޑަކުން ނުހުނަންވާނޭ. އެހެން ވީމާ ޕާޓީގެ ތެރޭގައި ބޮޑު ބައިބައިވުމެއް އުފެދޭނެ،" ޕީޕީއެމްގެ އިސް އޮފިޝަލަކު ހިޔާލުފާޅު ކުރެއްވި އެވެ.

އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ޕާޓީގެ ގުނަވަންތަކުގެ ބާރު ރައީސް ޔާމީންއަށް އޮތް އިރު އެބާރު އަތުލެއްވުމަށް މައުމޫން ކުރައްވާ ކަންތައްތަކެއްގެ ސަބަބުން ޕާޓީ ބައިބައިވުމަށް ވުރެ މައުމޫން އާއި ޔާމީންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރުން ވަރަށް މުހިންމެވެ. އެހެން ނޫނީ މިހާރު މިހިނގާ ބޮޑު ކޯޅުން ވަރަށް ވެސް ހޫނުވެ އެންމެ ފަހުން ކުރީގެ ޑީއާރުޕީގެ ބާރު ކެނޑިގެން ދިޔަގޮތަށް ޕީޕީއެމްގެ އާރާއި ބާރު ވެސް ނެތި ހިނގައިދާނެކަމަށް އޭނާ ވެސް ލަފާކުރައްވަ އެވެ.

އެހެން ނަމަވެސް، މަންޒަރު ފެންނަ ގޮތަށް ބަލާ އިރު، ދަރިކަލުން ފާރިޝްއަށް ފިޔަވަޅު އެޅިޔަ ނުދިނުމަށް ޓަކައި، ދަރިކަލުން ހިމާޔަތް ކުރެއްވުމަށް މައުމޫން އަށް ފިޔަވަޅު އެޅުއްވުމަށް ވެސް މަޖުބޫރުވާނެ އެވެ. ޕާޓީގެ ބާރުތައް މައުމޫންގެ މުށުތެރެއަށް ލެއްވީ ވެސް ފާރިޝް ތްރީލައިން ވިޕާ ހިލާފުވި މައްސަލަ، ސްލޫކީ ކޮމިޓީ އިން ބަލައި ފިޔަވަޅު އަޅަން އުޅުމުން ކަމަށް ވެދާނެ އެވެ. އެހެން ވެއްޖިއްޔާ ރައީސް މައުމޫން ދުލެއް ދެއްވާނެ ހެނެއް ހިއެއްނުވެ އެވެ. އެހެން ވީމާ، ދަރިކަލުން ހިމާޔަތް ކުރެއްވުމަށް އެ ހުންނެވީ ނުކުމެ އެވެ. ނޫނީ ދަރިކަލުންނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް އެ ހުންނެވީ ނުކުންނަވައިގެންނެވެ. އެހެން ވެއްޖެ ނަމަ، ރައީސް ޔާމީން ވެސް ހުންނަވާނީ އެންމެ ތަންކޮޅެއް ވެސް ދޫކުރައްވާ ގޮތަކަށް ނޫނެވެ. އެހެން ވީމާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ޒެޑް ޕީޕީއެމް އުފަންވުން މި ފެށުނީ ހެއްޔެވެ؟ އޮތީ މަންޒަރު ބަލަން ތިބުމެވެ. މި ހޫނު ކޯޅުންގަނޑާ އެކު އެތައް އަދި އާ ކަމެއް ފެންމަތިވެގެން އަންނާނެ އެވެ.