ބޭރު ކުޅިވަރު

ނޭމާ ހުންނާނީ ބާސެލޯނާގައި

ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް ދެން ވެސް ހުންނާނީ ބާސެލޯނާގައި ކަމަށް އެކުލަބުން ބުނެފި އެވެ.

ސްޕޭނުގެ ޗެމްޕިއަން ޓީމުން މިހެން ބުނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީން އޭނާ ގަތުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. ބާސެލޯނާއާއެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓް 2018 ވަނަ އަހަރު ހަމަވާނެ އެވެ.

"ނޭމާ ބޭނުންވަނީ މި ކުލަބުގައި ހުންނަން. އަހަރުމެން ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އޭނާގެ ކޮންޓްރެކްޓް ފައިނަލް ކުރާނަން،" ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ބުންޏެވެ.

އުމުރުން މިހާރު 24 އަހަރުގެ ނޭމާ ވަނީ 46 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވެ ލަލީގައި މިހާތަނަށް ކުޅުނު 93 މެޗުގައި 55 ގޯލު ޖަހާފަ އެވެ.

މިވަގުތު ބްރެޒިލްގެ އޮލިމްޕިކް ޓީމާއެކު އޮލިމްޕިކްސް އަށް ތައްޔާރުވާން މަސައްކަތް ފަށާފައިވާ ނޭމާ ބާސެލޯނާ އަށް ގެނައުމަށް ކުރި މަސައްކަތުގައި ހެދުނު ގޯސްތަކާހުރެ ވަރަށް ފަހުން ބާސެލޯނާ ވަނީ ޖޫރިމަނާ ވެސްކޮށްފަ އެވެ.