މުލިއާގޭ ކައިރީ އެއްޗެއް ގޮއްވާލަން އުޅުން

މުލިއާގޭ ކައިރި ބޮން ބޭއްވި އެކަކު 20 އަހަރަށް، ތިން މީހަކު 17 އަހަރަށް ޖަލަށް

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފައި އޮތް ބޮން، އައިއީޑީގެ މައްސަލާގައި އެކަކަށް 20 އަހަރު އަދި ތިން މީހަކަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. ކުރިމިނަލް ކޯޓުން މި މީހުންގެ މައްޗަށް ހުކުމް ކުރީ މިއަދު އެވެ.

މުލިއާގެ ކައިރީގައި އައިއީޑީ ބޭއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ، ހއ. ހޯރަފުށި، އާރޯ، އަހުމަދު މަމްދޫހު އާއި ތ. ތިމަަރަފުށި، ވިލާ، ޒިހާން އަހުމަދާއި މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމް އަދި ހ. މިޓާޒް ތަލްއަތު މުހައްމަދުގެ މައްޗަށެވެ. ވިހި އަހަރު ޖަލު ހުކުމެއް އައިސްފައިވަނީ މަމްދޫހުގެ މައްޗަށެވެ. ދެން ތިބި ތިން މީހުންނަށް އައީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ. ހުކުމް ވެސް ކުރީ ސިއްރުންނެވެ. އެހެންކަމުން ހުކުމުގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.

ޕީޖީ އިން ބުނެފައިވަނީ، އެކެއްގެ މައްޗަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާ ކަމަށް ޕީޖީ އިން ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހު ދެވަނަ ދުވަހުގައި މުލިޔާގޭ ކައިރިން ފެނުން އައިއީޑީއާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އޭރު ވިދާޅުވެފައިވަނީ އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓުގެ ބޮޑު އަލިފާން ގަނޑެއް އުފެދި އެތައް ބައެއްގެ ފުރާނެ ގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ސީދާ ރައީސް އަވަހާރަކޮށްލަން ދޭން ރޭވި ހަމަލާއެއް ކަމަށެވެ.