އަވަސް ވީކެންޑް

އާ އެމްޑީ ޒިޔަތުގެ އަމާޒު: އެމްޓީސީސީ އެއްވަނައަށް ގެނައުން!

  • އެސްޓީއޯގެ މުހިންމު މަގާމުތަކެއް ފުރުއްވި
  • މަގުސަދަކީ އެމްޓީސީސީ މިހާރަށްވުރެ ވަރުގަދަ ކުރުން
  • ހިއްސާދާރުންނަށް ޔަގީންކަން ދޭ

ރާއްޖޭގެ އެއްވަނަ ޓްރާންސްޕޯޓް ކުންފުނި، އެމްޓީސީސީގެ އެންމެ އިސް މަގާމު މިވަނީ އަނެއްކާ ވެސް ބަދަލުވެފަ އެވެ. އަލަށް ގެނެވުނު ބަދަލާއެކު މި ފަހަރު ހަވާލުވެ މި ހުރީ، އިބްރާހިމް ޒިޔަތު އެވެ. އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ މިހާރަށް ވުރެ ވެސް އެމްޓީސީސީ ވަރުގަދަ ކުރުމެވެ. އެ ކުންފުންޏަކީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް ހެދުމެވެ.

"މިހާރު އެއްވަނަ ކުންފުންޏަކީ އެސްޓީއޯތާ؟ އެމްޓީސީސީއާ ދާދިހަމަ ހަމަ. އެހެންވެ މަގުސަދަކީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް އެމްޓީސީސީ ހެދުން،" މަގާމާ ހަވާލުވެ، މީޑިޔާއާ އަށް ދެއްވި ފުރަތަމަ އިންޓަވިއު "އަވަސް" އަށް ދެއްވަމުން ޒިޔަތު ވިދާޅުވި އެވެ.

ދެން އޮތީ އެމްޓީސީސީގެ ހިންގުމުގެ ނަވުގެ ހުންގާނާ އަލަށް ހަވާލުވި، ޒިޔަތުގެ މަސައްކަތުގެ ވާހަކަ އެވެ. މި ވާހަކަ ފަށާނަމަ ދާން ޖެހެނީ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އަށެވެ. އޭނާގެ މި މަގާމަށް އައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ކުންފުންޏެވެ. އެސްޓީއޯގައި އެންމެ އާދައިގެ މަގާމުން ފެށިގެން އެންމެ އިސް މަގާމުތައް އޭނާ ފުރުއްވި އެވެ. ހުރިހާ ތަޖުރިބާއެއް ޒިޔަތުގެ ކިބައިގައި އެބަ ހުއްޓެވެ.

"އެސްޓީއޯ އަށް ބަލާނަމަ އަޅުގަނޑު އެންމެ ފުރަތަމަ އުޅުނީ ކާޑު ގުދަނުގައި. އަނެއްހެން ބުނާނަމަ އެންމެ އާދައިގެ ލޯލެވަލް އޮފިސަރަކަށް ކާޑު ގުދަނުގައި ވެސް އުޅުނިން،" އެމްޓީސީސީގެ އެމްޑީ ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތުއަކީ އަބަދު ވެސް މަސައްކަތައް ކަމޭހިތާ، ކުރާކަމެއް އެންމެ ފުރިހަމައަށް ކުރާ ބޭފުޅެވެ. މިއީ އެސްޓީއޯގައި ވެސް ކުރިއަައިގެން ދިޔަ އެއް ސަބަބެވެ. އޭނާ އެސްޓީއޯގެ ވަޒީފާއާ ގުޅުނީ 1998 ވަނަ އަހަރު އެވެ. އެ ކުންފުނިން ވަކިވެވަޑައިގެންނެވިއިރު ހުރީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

"އެސްޓީއޯ އަށް ވަނީ އޭލެވެލް ހަދައިގެން. އެ ދުވަސްވަރު އެއީ ވަރަށް ކިޔަވައިގެން ހުރި މީހެއްގެ ގޮތުގައި ބަލަނީ. އެ ކުންފުނިން [އެސްޓީއޯ] އިން ޑިޕްލޮމާ ހަދާނެ ފުރުސަތުވެސް ލިބުނު،" ޒިޔަތު ވިދާޅުވި އެވެ. އޭނާވަނީ އެސްޓީއޯއިން ލިބުނު ފުރުސަތެއްގައި ޑިގްރީ ވެސް ހަދާފަ އެވެ. ނަމަވެސް އޭގެ ފަހުން މާސްޓާސް ހެދީ އަމިއްލަ އަށެވެ.

"މާސްޓާސް ހަދަން ދިޔައިރު އަޅުގަނޑު އުޅުނީ ޑީއެމްޑީ [ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު] ގެ މަގާމުގައި. ހިތަން އެރީ ދެން ހުރި ލެވަލްއަށް ދެވޭނީ އިތުރަށް ކިޔަވައިގެންނޭ. އެހެންވެ ކިޔަވަން ދިޔައީ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޓީސީސީގެ އެމްޑީގެ މަގާމުގެ ފުރުސަތު ލިބުމާއެކު އެކަން ގަބޫލުކުރީ "ޗެލެންޖެއްގެ ގޮތުގަ" އެވެ. ނަމަވެސް އެކަންވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޒިޔަތަށް އެބައޮތެވެ.

"ޗެލެންޖެއް މިއީ. އެއީ އަޅުގަނޑަށް އެސްޓީއޯ އެނގޭނެ. އެ ކުންފުނީގެ ހުރިހާ ކަމެއްވެސް އެނގޭނެ. ސިސްޓަމްތަކާ ޕްރޮސީޖާސްތައް އެނގޭނެ. އެކަންތައް ތަފާތު ވާނެ. ނަމަވެސް މި ކުންފުނީގައި އެބަހުރި ރަނގަޅު ޕޮލިސީތައް ހެދިފައި. ނަމަވެސް ކުރާ މަސައްކަތް ތަފާތު. މިކޮޅުގެ ޓީމާއެކު ގުޅިގެން ކުރިއަށް މިދަނީ،" ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ހުރީ އެމްޓީސީސީގެ ހިއްސާދާރުން ހެއްވާލަން ފޫގަޅައިގެންވެ. އެކަމަށް އޭނާ ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"އާއްމު ހިއްސާދާރުންގެ އެންމެ ބޮޑު ބޭނުމަކަށްވާނީ ކޯޕަރޭޓް ގަވަނަންސާ އެއްގޮތަށް ހިންގާ ކުންފުންޏަކަށްވުންތާ؟ އެ ޔަގީންކަން އަޅުގަނޑުދެން. ދެން މިހާރުވެސް މި ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް. އެހެންވެ މަސައްކަތް ކުރާނީ މިހާރު ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް ހޯދުމަށް،" ޒިޔަތު ވިދާޅުވި އެވެ.

އުންމީދުތަކާއެކު އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެން ހުރި ޒިޔަތާއެކު ކުންފުނީގެ ދުވެލި ވަނީ ބާރުވެފަ އެވެ. އޭނާގެ މަގުސަދަކީ ހިއްސާދާރުން އުފާކުރާނެ ނަތީޖާތަކާއެކު، އެމްޓީސީސީއަކީ ރާއްޖޭގެ އެއްވަނަ ކުންފުންޏަށް ހެދުމެވެ.