އެމްޓީސީސީ

ރާއްޖޭގެ ފެރީ ދުވެލި އެމްޓީސީސީން ބާރުކޮށްލަނީ

  • ފެރީގެ ހިދުމަތަށް ކުންފުނިން އިންވެސްޓް ކުރާނެ
  • މާލެ ކައިރިއަށް އިންވެސްޓެއް ނުކުރާނެ
  • ދާއިރާއިން ފައިދާ ނެރެވޭނެ ކަމަށް އުންމީދު އެބައޮތް

ދުވެލި ބާރު ފެރީތަކާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގައި ދެމުން ގެންދާ ފެރީގެ ހިދުމަތް ވަރުގަދަ ކުރަން މަސައްކަތް ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު ވިދާޅުވީ އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުންވާ ފެރީގެ ހިދުމަތް ރަނގަޅު ކުރަން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"ދުވެލި ބާރު ފެރީގެ ހިދުމަތަށް ފެރީތައް ބަދަލު ކުރަން ޕްލޭނެއް ވަނީ ހެދިފައި. އެކަން ބޯޑަށް ލައިގެން ފާސްވީމަ މަސައްކަތް ފަށަންވީ. ފެރީގެ މި ހިދުމަތް ރަނގަޅު ކުރާނީ އެމްޓީސީސީން އިންވެސްޓް ކޮށްގެން،" އެމްޑީގެ މަގާމަށް ހަވާލުވެ ވަޑައިގަތުމަށްފަހު މީޑިޔާއަކަށް ފުރަތަމަ ދެއްވި އިންޓަވިއުގައި ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏާ ރާއްޖޭގެ ދެ ޒޯނެއް ފިޔަވައި ހުރިހާ، ޒޯނެއްގައި ފެރީގެ ހިދުމަތް ދޭން ހަވާލުވެފައިވާ ކަމަށެވެ.

"ފެރީގެ ހިދުމަތައް އެންމެ ބޮޑު ޗެލެންޖެއް އަންނަނީ މާލެ ސަރަހައްދުގައި ދޭ ފެރީގެ ހިދުމަތުން. ނަމަވެސް 2018 ވަނަ އަހަރު ބްރިޖްގެ މަސައްކަތް ފެށުމުން ފަސޭހަ ވެގެންދާނެ. އެހެންވެ މާލެ ސަރަހައްދަށް ބާރު ބޮޑު އިންވެސްޓެއް ނުކުރާނެ. ރާއްޖޭގެ އެކި ހިސާބުތަކަށް އިންވެސްޓްކުރާނީ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖޭގެ ފެރީގެ ހިދުމަތް ވަރުގަދަ ކުރުމުން މިހާރު ކުންފުންޏަށް ގެއްލުންވާ ވިޔަފާރިން ފައިދާ ނެރެވޭނެ ކަމަށެވެ.

"ސްޕީޑް ބާރު ކުރުން މަގުސަދަކީ. ލޯންޗް ބޭނުންކޮށްގެން ނޫން ނަމަވެސް،" ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީއަކީ މާލެ- ހުޅުމާލެ އަދި ވިލިމާލެއަށްވެސް ފެރީގެ ހިދުމަތްދޭ ކުންފުންޏެވެ. މި ހިދުމަތް ރަނގަޅު ކުރުމަށް އެ ކުންފުނިން މިހާރުވެސް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެ އެވެ.