ހުޅުމާލޭ ސެންޓްރަލް ޕާކްގެ ލެޝާ ޒޯން

ސެންޓްރަލް ޕާކުގެ ތްރީޑީ ކުރެހުންތައް އީދު ދުވަހު ދައްކާލަނީ

ހުޅުމާލެ ސެންޓްރަލް ޕާކުގެ މެދުގައި އޮންނަ ބޮޑު މަގުގައި މިހާރު ކުރަހަމުންދާ ތްރީޑީ ކުރެހުންތައް އީދު ދުވަހުގެ ހަވީރު މިއުޒިކީ ފެސްޓިވަލަކާއެކު ދައްކާލުން އޮންނާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ސެންޓްރަލް ޕާކުގެ މައި މަގު ތްރީޑީ ކުރެހުމުން އިތުރަށް ފުރިހަމަކުރުމަށް އެޗްޑީސީން މަސައްކަތް ފެށީ، ދާދި ފަހުން އިއުލާންކުރި ތްރީޑީ އާޓް ފެސްޓިވަލުން އެންމެ މޮޅު ޕްރޮޕޯސަލް ހުށަހެޅި އާޓިސްޓުންގެ ތިން ގްރޫޕާއެކު މިދިޔަ ބުދަ ދުވަހު އެވެ. އެއިން ކޮންމެ ގްރޫޕަކަށް 33،333ރ. އިނާމެއްގެ ގޮތުގައި ދޭން ވަނީ ނިންމާފަ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ތްރީޑީ އާޓް ފެސްޓިވަލަށް ވަރަށް ގިނަ އަދަދެއްގެ ފަންނާނުން ޕްރޮޕޯސަލް ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ މޮޅު ޕްރޮޕޯސަލް ހުށަހެޅި ތިން ގްރޫޕް ހޮވުމަށްފަހު އެ މީހުން ކުރެހުމުގެ މަސައްކަތް ފަށައިގެން ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މަގު ކުރެހުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާތީ އެތަން ވަނީ އާންމުންނަށް ނުފެންނަ ގޮތަށް ބަންދުކޮށްފަ އެވެ.

އޭނާ ވިދާޅުވީ، ކުރެހުންތައް ދައްކާލުން އޮންނާނީ އީދު ދުވަހުގެ ހަވީރު ސެންޓްރަލް ޕާކުގައި ބާއްވާ ކުލަގަދަ ހަފުލާއެއްގެ ތެރެއިން ކަމަށެވެ. އެ ހަފްލާ ވެގެންދާނީ ޒުވާނުންނަށް ހާއްސަ ހަފުލާއަކަށް ކަމުން، މިއުޒިކުގެ ހުނަރުތަކާއި، ކުރެހުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ޕްރޮގްރާމްތަކެއް ވެސް ފެސްޓިވަލުގައި ކުރިއަށްދާނެ ކަމަށެވެ.

"އެންސީއޭއިން އެ ދުވަހަށް އަޅުގަނޑުމެންނަށް ދޭނެ 10 އާޓިސްޓުން، އެ އާޓިސްޓުން އެ ދުވަހު އެތަނުގައި އެމީހުންގެ ކުރެހުމުގެ ހުނަރު އާންމުންނަށް ދައްކާލާނެ، ޑީޖޭ އެއް ވެސް ފެސްޓިވަލުގައި ޕާފޯމް ކުރާނެ،" އޮފިޝަލު ވިދާޅުވި އެވެ.

މަގު ކުރެހި ތިން ފަރާތަށް އިނާމް ހަވާލުކުރުން އޮންނާނީވެސް އެ ދުވަހުގެ ހަފުލާގަ އެވެ. އެޗްޑީސީން ބުނީ، ސެންޓްރަލް ޕާކުގައި ބާއްވާ ކަމަކަށް ވުމުން، ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކެއްވެސް ރާވާފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށް ފޭސް ޕެއިންޓް ކުރާ ކޯނަރަކާއި ޑްރޯވިން ކޯނާއެއް އެތަނުގައި ގާއިމްކުރާނެ ކަމަށެވެ.