ބޭރު ކުޅިވަރު

ބެލްޖިއަމްގެ ބަޓްޝުއާއީ ޗެލްސީ އަށް

ބެލްޖިއަމްގެ ޒުވާން ފޯވަޑް މިޝީ ބަޓްޝުއާއީ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އޭނާ ޗެލްސީ އަށް ސޮއިކުރި އަގު އެކުލަބުން ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް އިނގިރޭސި ނޫސްތަކުން ލަފާކުރާ ގޮތުގައި އޭނާ ގަތީ 33 މިލިއަން ޕައުންޑަށެވެ.

އުމުރުން 22 އަހަރުގެ ބަޓްޝުއާއީ ވަނީ ފްރާންސްގެ މާސޭ އަށް ހުސްވި ސީޒަނުގައި23 ގޯލު ޖަހާދީފަ އެވެ. އޭނާ ވަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ހަންގޭރީ ކޮޅަށް ވެސް ގޯލެއް ޖަހާފަ އެވެ.

ބަޓްޝުއާއީ އަކީ ޗެލްސީގެ އާކޯޗު އެންޓޯނިއޯ ކޮންޓޭ އެޓީމާ ހަވާލުވިފަހުން ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާ އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން އެންމެ ބޮޑު އެއްކުލަބަށް އާދެވެމުން. އަހަރެންގެ ޓީމް މޭޓުން ކަމަށްވާ (ޗެލްސީ އަށް ކުޅޭ ބެލްޖިއަމްގެ ދެ ކުޅުންތެރިން ކަމަށްވާ) އެޑެން ހަޒާޑް އާއި ތިބައޫ ކޯޓުއާ ވަނީ ކުލަބާ ބެހޭގޮތުން ވަރަށް ގިނަ ރަނގަޅު ވާހަކަތައް ދައްކާފައި. އެންޓޯނިއޯ ކޮންޓޭ ކޯޗަކަށް އަންނާތީވެ މިއީ ޗެލްސީ އަށް އަންނަން އެންމެ ރަނގަޅު ވަގުތު،" ބަޓްޝުއާއީ ބުންޏެވެ.