ފިނިޕޭޖް

ނޫސްވެރިޔަކާ މުހާތަބުކުރި ގޮތުން އަބީޖީތު ހޫނު ފެނަށް!

ނަވާރަސަތޭކައިގެ އަހަރުތަކުގައި އިންޑިއާގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ކަމަށްވާ އަބީޖީތު ބަޓަޗާރިޔާ، އަންހެން ނޫސްވެރިޔަކާ ހަޑިކޮށް މުހާތަބުކުރި ކަމަށް ބުނެ ބަޔަކު އޭނާއަށް ފާޑުކިޔައިފި އެވެ.

މިކަމެއް ހިނގާފައިވަނީ ސްވާތީ ޗަތުރުވޭދީ ނަމަކަށްކިޔާ އަންހެން ނޫސްވެރިޔަކު، ޓްވިޓާގައި އަބީޖީދާ ދިމާކޮށް، އޭނާއާ ޖޯކު ޖަހައި ޕޯސްޓްތަކެއް ކުރަމުން ދަނިކޮށް އެ ނޫސްވެރިޔާއަށް އަބީޖީތު ރައްދު ދިނުމުންނެވެ. އަބީޖީތު ވަނީ އެ ނޫސްވެރިޔާއަށް ވަރުގަދަ ރައްދުތަކެއް ދީފަ އެވެ.

އަބީޖީތަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވީ އޭނާ، އެ ނޫސްވެރިޔާއާ ދިމާލަށް "ބޭޝަރަމް ބުޅިޔާ" މިހެން ބުނުމުންނެވެ. އޭގެ މާނައަކީ "ގޮތެއް ނެތް މުސްކުޅި އަންހެނާ" އެވެ. އަބީޖީތު ބުނީ، އެއީ އޭނާ ގަސްދުގައި ބުނި އެއްޗެއް ކަމަށާއި އެކަމަށް މާފަށް ނޭދޭނެ ކަމަށެވެ. އަދި އެއީ އަމިއްލަ ދިފާއުގައި ބުނި އެއްޗެއް ކަމަށެވެ.

އަބީޖީތު ބުނީ، އެ ނޫސްވެރިޔާއަކީ އަންހެނެއް ނަމަވެސް އޭނާއަށް ބޭނުންހާ އެއްޗެއް ކިއިފައި، އެހެން މީހަކު އޭނާއާ ދިމާލަށް އެއްޗެއް ބުނުމުން އެކަން ގޯސްވެގެން ނުވާނެ ކަމަށެވެ. އަދި މިކަން ޖިންސީ ތަފާތުކުރުމަކަށް ނަހަދަން ވެސް އޭނާ ވަނީ ބުނެފަ އެވެ.