ތިމާވެށި

އީދިގަލި ކިޅީގައި ވިޒިޓާސް ސެންޓަރެއް ހަދަން ހަވާލުކޮށްފި

ސަރުކާރުން ހިމާޔަތްކޮށްފައިވާ އައްޑޫ ހިތަދޫގެ އީދިގަލި ކިޅީގައި ވިޒިޓާސް ސެންޓާރެއް ގާއިމްކުރަން 8.2 މިލިއަން ރުފިޔާއަށް ވީ އަވާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

އީދިގަލި ކިޅިއަށް ދާ ފަތުރުވެރިންނާއި އެތަން ދައްކާ މައުލޫމާތު ދިނުމަށް ހާއްސާ ވިޒިޓާސް ސެންޓަރެއް ކުރިއަށް އޮތް އަށެއްކަ މަހުގެ ތެރޭގައި އެޅުމަށް ކޮންޓްރެކްޓަރަކު ހަމަޖެއްސީ މިއަދު އެވެ. އެގޮތުން އެ މަޝްރޫއު ވީ އަވާ އާ ހަވާލުކުރުމަށް މިއަދު ތިމާވެއްޓާބެހޭ މިނިސްޓްރީގައި ބޭޢްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. ވީ އަވާ ކޮންސްޓްރަކްޝަނުން ޖެނެރަލް މެނޭޖަރު ހަމްދޫން އަނީސެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ، އީދިގަލި ކިލީގައި ވިޒިޓާސް ސެންޓަރެއް އަޅަން ނިންމީ، އެތަނަށް ދާ ފަރާތްތަކަށް ތަނާބެހޭ މައުލޫމާތު ދީ، ތަން ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ބެލެހެއްޓުމަށް ކަމަށެވެ. އެ މަޝްރޫއަކީ އީޔޫއިން ލިބުނު އެހީގެ ދަށުން އެމީހުންގެ ސްޓޭންޑަޑަށް، ވަކި ޑިޒައިނަކަށް ވަކި ފެންވަރަކަށް ހަދާ ތަނެއް ކަމަށާއި އިމާރާތް އެޅުމުގައި ވަރަށް ބޮޑަށް ތިމާވެއްޓާއި ރަށްޓެހި ގޮތަކަށް އިމާރާތްކުރުމަށް އިސްކަންދޭނެ ކަމަށެވެ.

"އެތަނަށް މި ގެންނަނީވެސް ވަކި ވައްތަރެއްގެ ވަކަރެއް، އީޔޫގެ ކްލައިމެޓް ޗޭންޖް ފަންޑުގެ ދަށުން ކްލައިމެޓް ޗޭންޖް ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ ކަމަކަށް ވާތީ، ވަކި ސްޓޭންޑާޑެއްގެ ތެރޭގަ މިކަން ކުރަން ހަމަޖެހިފަ މި ވަނީ،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ، ވިޒިޓާސް ސެންޓަރު ހެދުމަށްފަހު އެތަން ރަނގަޅަށް ހިންގާ ބެލެހެއްޓުމުގެ ކަންކަން ވަކި އުސޫލެއްގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ. ހިމާޔަތްކޮށްފައިވާ ތަންތަނަކީ އިގްތިސޯދަށް ވަރަށް ބޮޑަށް ފައިދާ ކުރާ ތަންތަން ކަމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިމާޔަތްކޮށްފައިވާ ތަންތަން މެނޭޖްކުރާނެ ތަންތަން ހަދާނެ ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް އެފަދަ ތަންތަނަށް ގެއްލުން ނުދީ، ވަށައިގެންވާ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ހިތަދޫ އީދިގަލި ކިޅި އަކީ މީގެ ކުރިންވެސް އެތަނުގެ ރީތިކަން ދެމެހެއްޓުމަށް އެކި މަސައްކަތްތަކެއް ކޮށްފައިވާ ތަނެކެވެ. އެގޮތުން އެސަރަހައްދު ވަކިކޮށް، ފާކުތަކެއް ހަދައި ބާޑް ވޮޗް ޓަވަރުތަކެއް ވެސް ވަނީ ހަދާފަ އެވެ.