ރާއްޖެ ކުޅިވަރު

ދަގަނޑޭ މާޒިޔާ އަށް

މެލޭޝިޔާގެ ޕީޑީއާރުއެމްގެ ކޮންޓްރެކްޓް އުވާލުމަށްފަހު މާލޭގައި ހުރި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާ ފަރިތަކުރުންތަކުގައި ބައިވެރިވާން ނިންމައިފި އެވެ.

ކުރިން ވެލެންސިއާ އާއި ނިއުރޭޑިއަންޓް އަދި ވީބީ އަށް ކުޅުނު ފޯވަޑް މާޒިޔާގެ ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް ކުލަބާއެކު އެގްރީމަންޓްގައި ސޮއިކޮށްފައިނުވެ އެވެ.

މާޒިޔާގެ އޮފިޝަލަކު ބުނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދި ކުޅަދާނަ ފޯވަޑް އެކުލަބުފެ ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައިވާ ކަމަށާއި މިވަގުތު ޓީމާއެކު ޕްރެކްޓިސްކޮށްލަނީ ކަމަށެވެ.

ދަގަނޑޭ ފާއިތުވެދިޔަ ދެ އަހަރު ކުޅުނީ މެލޭޝިޔާ ލީގުގަ އެވެ. ޕީޑީއާރުއެމްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ އުވާލީ ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދުމަށްޓަކަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މާޒިޔާ އަށް ދިޔައީ ދަގަނޑޭ ހުށަހަޅާ އަގު ރާއްޖޭގެ އެހެން އެއްވެސް ޓީމަކަށް ދެވެން ނެތުމުންނެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިބި މާޒިޔާ އަކީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޓީމެވެ.