އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ ޕެނަލްޓީ ޖަހައިގެން 4-2އިން ބަލިކޮށް، ވެޓަރަންސް ކަޕްގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1އިން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ވެލެންސިއާގެ އިސްމާއީލް އަނިލް އެވެ. ނިއު އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ އަލީ ޝަމީމް (ކޮޔަރު) އައްޔަ އެވެ.
ޕެނަލްޓީގައި ވެލެންސިއާގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އަނިލް އާއި އިސްމާއީލް މުހައްމަދު (އިއްސޭ) ޖެހި ޕެނަލްޓީ އެވެ. ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު ޖަމީލް ޖެހި ޕެނަލްޓީ ނިއު އަށް ކުޅުނު ހުރާގެ ކީޕަރު އިސްހާގް އީސާ މަތަކުރީ އެވެ.
ނިއުގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. އެއީ ކޮޔަރު އައްޔަ އާއި ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަޝްރަފް ލުތުފީ (ސަމްޕަތު) އާއި އަހުމަދު ނިޔާޒް އަދި ނިއު އަށް ކުޅުނު ވެލެންސިއާގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމެވެ.
ހަތް ޓީމު ވާދަކުރި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކޮޔަރު އައްޔަ އެވެ. 50 އަހަރު މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިކްޓަރީގެ ފޯވަޑް އަބުދުﷲ މުފީދެވެ. 35 އަހަރުން މަތީގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވެލެންސިއާގެ އިސްމާއީލް މުހައްމަދާއި ކީޕަރު ހުސައިން ހަބީބާއި މާޒިޔާގެ މުހައްމަދު އަރީފާއި ބީީޖީގެ އާދަމް ލަރީފް (ރޮނާލްޑޯ) އާއި އަހުމަދު ފިރާޒް މޫސާ (މައްލާ) އެވެ.
މުބާރާތުގެ 45 އަހަރުން މަތިގެ އެންމެ މޮޅު ކީޕަރަކީ މާޒިޔާގެ މުހައްމަދު ޝިނާން (ނާނި) އެވެ. އެންމެ މޮޅު ޑިފެންޑަރަކީ ވެލެންސިއާގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ސަމްޕަތެވެ. މޮޅު ކުޅުންތެރިޔާގެ މަގާމާއި ފޯވަޑަކަށް ހޮވުނީ ކޮޔަރު އައްޔަ އެވެ. ފެއާޕްލޭ ޓީމަކީ ވެލެންސިއާ އެވެ. އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ ކޯޗު މުހައްމަދު ޝާހިދެވެ.
މި މުބާރާތް އިންތިޒާމްކުރި މޯލްޑިވްސް ސޮކާ މޭޓްސް މުބާރާތުގެ ވާދައިގެ ތަށި ދީފައިވަނީ ދިވެހި ކުޅިވަރުގެ ބައްޕަ ނިޝާން އިއްޒުންދީންގެ އިއްޒަތްތެރިވެރިޔާ އަލްމަރުހޫމް މުހައްމަދު ޒާހިރު ނަސީރުގެ ނަމުގަ އެވެ.