ވިޔަފާރި

އައިލެންޑް އޭވިއޭޝަނުން 150 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން ފަށައިފި

  • ރުއްތިބިރަށްއަކީ ލަގްޒަރީ ރިސޯޓެއް
  • ދޮޅު އަހަރު ތެރޭގައި ރިސޯޓު ހުޅުވޭނެ
  • ވަޒީފާތަކެއް އިތުރު ވެގެންދާނެ

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް ރިސޯޓު ހަދަން ދީފައިވާ ތ. ރުއްތިބީރަށުގައި 150 އެނދުގެ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައފި އެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން ގެންދާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ތިމަރަފުށީ އެއާޕޯޓް ހިންގުމަށް ހަވާލުކުރުމާ ގުޅިގެން އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ރުއްތިބީރަށުގައި އީއައިއޭ ހެދުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ.

"އެއާޕޯޓްތައް ކުރީގެ ޕޮލިސީގެ ދަށުން ހިންގަން ރަށެއް އެބަދޭ. މީގެ ސަބަބުން މުޅި އިންޑަސްޓްރީއަށް ފައިދާ ތަކެއް އެބައާދެ. ވަކި އަތޮޅެއްގައި އެއާޕޯޓެއް ހެދިފައި ކައިރީގައި މި އަންނަނީ ރިސޯޓުތަކެއް. މިހެންވުމުން އިކޮނޮމީއަށް ބޮޑު ފައިދާއެއް ކުރޭ،" ހާރިސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން ރުއްތިބި ތަރައްގީ ކުރަމުން ގެންދަނީ ސިންގަޕޫރުގެ އެމްއެސްއެން ރިއަލިޓީ ކުންފުންޏާ ގުޅިގެންނެވެ.

އެމްޑީ ހާރިސް ވިދާޅުވީ ރުއްތިބިރަށް ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ހުޅުވުމުން ތ. އަތޮޅުގެ މުޅި އިގްތިސާދަށް މީގެ ފައިދާ ލިބޭނެ ކަމަށެވެ.

"މީގެ ސަބަބުން ވަޒީފާތަކެއް އިތުރުވެގެންދާނެ. އިތުރު ދަތުރުތަކެއް އެއާޕޯޓަށް އިތުރު ވެގެންދާނެ. އެ ހިސާބުގެ ތަރައްގީއަށް ވަރަށް ބޮޑު ދިރުމެއް އަންނާނެ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރިސޯޓަކީ މަތީފަންތީގެ ރިސޯޓެއް ކަމަށާއި، މި ރިސޯޓު ފުރިހަމަ ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ފައިވް ސްޓާ ޕްރޮޕަޑީއެއްގެ ގޮތުގައި. އިރާދުކުރެއްވިއްޔާ ކުންފުނީގެ މާލީ ހާލަތައް އިތުރު ކުރިއެރުމެއް ލިބޭނެ،" ހާރިސް ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން ރުއްތިބީގައި ރިސޯޓު ތަރައްގީ ކުރުމުގެ ގޮތުން އެމްއެސްއެން ރިއަލިޓީއާއެކު ލީސް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މީގެ ދެ މަސް ކުރިންނެވެ. މިއީ މި ކުންފުނިން ޓޫރިޒަމް ދާއިރާގައި ކުރާ މި ބާވަތުގެ ފުރަތަމަ އިންވެސްޓްމަންޓެވެ.